އިޒްރޭލް

އިޒްރޭލު މީހުން ރާއްޖެއަށް ދަތުރުނުކުރުމަށް އަންގައިފި

އިޒްރޭލުގެ މީހުން ރާއްޖޭއަށް ދަތުރުނުކުރުމަށް އެ ގައުމުން އަންގައިފި އެވެ.

އިޒްރޭލުގެ ފޮރިން މިނިސްޓްރީން ނެރެފައިވާ އިންޒާރުގެ މެސެޖެއްގައި ބުނެފައިވަނީ ރާއްޖޭގައި އިޒްރޭލާ ދެކޮޅު ހަރަކާތްތައް ވަރުގަދަވާތީ މިވަގުތު ރާއްޖެއަށް ދަތުރުކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށެވެ.

އިޒްރޭލުގެ ފޮރިން މިނިސްޓްރީގެ މި ބަޔާން އެ ގައުމުގެ ބައެއް ނޫސްތަކުގައިވެސް ވަނީ ރިޕޯޓްކޮށްފަ އެވެ.

އިޒްރޭލުގެ މީހުން ރާއްޖޭއަށް ދަތުރުނުކުރަން އަންގާފައި މިވަނީ ރާއްޖެއަށް ރާޅާއެޅުމަށް އާންމުކޮށް އަންނަ އިޒްރޭލު މީހަކު ސޯޝަލްމީޑިއާގައި ހަމާސްއަށް ފާޑުކިޔައި ކުރި ޕޯސްޓަކަށް ދިވެހިންގެ ބަޔަކު ރައްދުދީ ނުރުހުން ފާޅުކޮށްފައި ވަނިކޮށެވެ.

ފަލަސްތީންގެ ގާޒާއަށް އިޒްރޭލުން ދެމުންގެންދާ ހަމަލާތަކުގައި ހާލުގައި ޖެހޭ މީހުންނަށް އެހީވުމަށް ހަރަކާތްތެރިވާ ޖަމާއަތްތަކުގެ ތެރޭގައި ރާއްޖެއަށް ނިސްބަތްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގެންދަނީ ގާޒާގައި ހަރަކާތްތެރިވަމުންނެވެ.

އިޒްރޭލުން ވަނީ އައިއޭސީގެ އެހީގެ ތަކެތި ބަހައްޓާފައި ހުރި ގުދަނަކަށްވެސް މިދިޔަ ހަފްތާ ހަމަލާދީފަ އެވެ.