އިޒްރޭލުން މީހުން ރާއްޖެ އައުން މަނާކުރުމާއި އިޒްރޭލާ ގުޅޭ ވިޔަފާރިތައް ރާއްޖެއިން ބޮއިކޮޓް ކުރުމަށް ގޮވާލައި އެތައް ސަތޭކަ ބަޔަކު މާލޭގައި މިރޭ އަޑުއުފުލައިފި އެވެ.
ހިނގާލުމެއް ގޮތަށް ކުރިއަށް ގެންދިޔަ މި ހަރަކާތް އިންތިޒާމު ކުރީ އިންސާނީ އެހީއަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ރައިޓް މޫވްމަންޓުންނެވެ.
މިހިނގާލުން ފެށީ މާލޭގެ ސޯޝަލް ސެންޓަރު ކުރިމަތިންނެވެ. ނިންމީ އާޓިފިޝަލް ބީޗް ކުރިމައްޗަށެވެ.
ކުޑަކުދިންގެ އިތުރުން އެކި އުމުރުފުރާގެ މީހުން ބައިވެރިވި މި ހިނގާލުމުގައި ވަނީ ދިވެހި ރައްޔިތުން ތިބީ ފަލަސްތީނާ އެކު ކަން ހާމަކޮށް އަޑުއުފުލާފަ އެވެ. އަދި ފަލަސްތީން ރައްޔިތުން އެމީހުންގެ މިނިވަންކަމަށްޓަކައި ކުރާ ޖިހާދުގައި ދިވެހި ރައްޔިތުން ސާބިތުވެ ތިބޭނެ ކަމުގައިވެސް އެއްވުމުގެ ބައިވެރިން ގޮވަމުން ދިޔަ އެވެ.
ހިނގާލުމުގެ ބައިވެރިން ވަނީ ފަލަސްތީނުގެ ދިދައާއި ތަފާތު ޝުއޫރުތައް ހިމެނޭ ބެނާތައް ވިހުރުވާފަ އެވެ. އަދި ފަލަސްތީނަށް ތާއީދުކޮށާއި އިޒްރޭލާ ދެކޮޅަށް ދިވެހި، އިނގިރޭސި އަދި އަރަބި ބަހުން ލިޔެފައިވާ ލިޔުންތައްވެސް ހިނގާލުމުގެ ބައިވެރިން ގެންގުޅުނެވެ.
އިޒްރޭލާއި ފަލަސްތީންގެ ހަމާސް ޖަމާއަތާ ދެމެދު މިމަހުގެ ހަތްވަނަ ދުވަހުން ފެށިގެން ކުރިއަށްދާ ހަމަނުޖެހުންތަކުގައި 4000 އަށް ވުރެ ގިނަ ފަލަސްތީންގެ ރައްޔިތުން މިހާރު ވަނީ ޝަހީދުކޮށްލާފަ އެވެ.