އިޒުރޭލާއި ފަލަސްތީނުގެ އަރައިރުން

ފަލަސްތީނަށް އެހީވުމަށް ނުވަ މަސް ދޯންޏަކު ތިން ލައްކަ ރުފިޔާ

ފަލަސްތީންގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ރާއްޖޭގައި ކުރިއަށް ގެންދާ އެހީގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ގޮތުން ނުވަ މަސް ދޯންޏަކު ތިންލައްކައަށް ވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި އެވެ

އެހީ ދޭ މަސް ދޯނިތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި އުޅެނީ ހުވަދު އަތޮޅުގެ މަސް ދޯނިތަކެވެ. ބައެއް މަސް ދޯނިތަކުގެ ވެރިންނާއި ފަޅުވެރިން ވަނީ އެ މީހުންގެ އެއް ދުވަހުގެ އާމްދަނީ ފަލަސްތީން ރައްޔިތުންނަށް ދިނުމަށް ނިންމާފަ އެވެ.

ފަލަސްތީނަށް އެހީ ފޯރުކޮށްދިން މަސް ދޯނިތައް

  • ގއ. ކޮލަމާފުށި، ރާސްތާ ދޯނި - 127،433 ރުފިޔާ
  • ގއ. ކަނޑުހުޅުދޫ، ސީހޯސް 3 ދޯނި - 50،000 ރުފިޔާ
  • ގއ. ވިލިނގިލީ، ހުސްނީ ދޯނި - 25،000 ރުފިޔާ
  • ގއ. ވިލިނގިލީ، ކަރަވައްތާ ދޯނި - 25،000 ރުފިޔާ
  • ގއ. ވިލިނގިލީ، އުޖާލާ ދޯނި - 25،000 ރުފިޔާ
  • ގއ. މާމެންދޫ، ހުޝިޔާރު ދޯނި - 25،000 ރުފިޔާ
  • ގއ. މާމެންދޫ، ދުވެލި (6) ދޯނި - 25،000 ރުފިޔާ
  • ގދ. ފަރެސްމާތޮޑާ، ޑެއިޒީ ވިއު ދޯނި - 25،000 ރުފިޔާ
  • ލ. މާވަށު، ރަންދޯދި ދޯނި - 25000 ރުފިޔާ

ފަލަސްތީން ރައްޔިތުންނަށް އެހީވުމަށް ނުވަ މަސް ދޯންޏަކު މިހާތަނަށް ވަނީ 3،52433 ރުފިޔާ ހަދިޔާކޮށް ނަމޫނާ ދައްކާފަ އެވެ. ބައެއް އެހެން ސަރަހައްދުތަކުގެ މަސްވެރިންވެސް ފަލަސްތީން ރައްޔިތުންނަށް އެހީވުމަށް ތަފާތު ހަރަކާތްތައް ދަނީ ހިންގަމުންނެވެ.

އިޒްރޭލުގެ ލާއިންސާނީ ހަމަލާތަކާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަލަސްތީންގެ ރައްޔިތުންނަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އާއި ދިވެހި މީޑިއާތައް ގުޅިގެން މިދިޔަ ހަފްތާގައި ކުރިއަށް ގެންދިޔަ ޓެލެތޯންގެ ތެރެއިން ވަނީ 12 މިލިއަން ރުފިޔާގެ އެހީ ހޯދާފަ އެވެ.