ފެމިލީ ކޯޓް

މިދިޔަ މަހު މާލޭގައި 131 ކައިވެނި، 97 ވަރި

މާލޭގައި މިދިޔަ ސެޕްޓެމްބަރު މަހު 131 ކައިވެނި ކުރިއިރު އެ މަހުގެ ތެރޭގައި 97 ވަރިކޮށްފައިވާ ކަމަށް ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.

ފެމިލީ ކޯޓުގެ ސެޕްޓެމްބަރު މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެ ކޯޓަށް ހުށަހެޅި ވަރީގެ މައްސަލަތަކާއި ކުރީ މަހު ނުނިމި ހުރި ވަރީގެ މައްސަލަތަކާ އެކު މިދިޔަ މަހު ވަރިއާ ގުޅޭ ޖުމްލަ 123 މައްސަލަ ފެމިލީ ކޯޓުން ނިންމާފައިވެ އެވެ.

ވަރީގެ މައްސަލަތަކުގެ ތެރެއިން ފެމިލީ ކޯޓުން މިދިޔަ މަހު އެންމެ ގިނައިން ނިންމާފައިވަނީ ވަރިވުމަށް އެދިފައިވާ މައްސަލަތަކެވެ. އެއީ 51 މައްސަލަ އެވެ.

މީގެ އިތުރުން ވަރިކުރުމަށް އެދި ހުށަހެޅި 29 މައްސަލަ މިދިޔަ މަހު ފެމިލީ ކޯޓުން ނިންމާފައިވާއިރު ވަރި ސާބިތުކުރުމަށް އެދި ހުށަހެޅި 37 މައްސަލަ އާއި ވަރިއާ މެދު ޝައްކުވެގެން ހުށަހެޅި ދެ މައްސަލަ އެ ކޯޓުން ވަނީ ނިންމާފަ އެވެ.

ފެމިލީ ކޯޓުން ބަލަހައްޓަމުން ދަނީ ހަމައެކަނި މާލޭގައި ކުރާ ކައިވެނިތަކާއި ވަރީގެ މައްސަލަތަކުގެ އިތުރުން އާއިލީ މައްސަލަތަކެވެ.