ރައްޔިތުންގެ މަޖިލިސް

ފޮރިން އިންވެސްޓްމަންޓްގެ ބިލު މަޖިލީހަށް ހުށަހަޅައިފި

ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނެ ދާއިރާތައް ކަނޑައެޅުމާގުޅޭ އުސޫލުތައް ބަޔާންކުރާ ފޮރިން އިންވެސްޓްމަންޓްގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫން ހުށަހެޅުއްވި މި ބިލު މިއަދުގެ ޖަލްސާގައި ވަނީ މަޖިލީހަށް ތައާރަފުކޮށްފަ އެވެ.

މި ބިލުގެ މަގުސަދުތަކުގެ ތެރޭގައި ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރެވޭނެ ދާއިރާތައް ކަނޑައެޅުމާއި އިންވެސްޓްމަންޓް އެޕްރޫވަލް އަދި ލައިސަންސް ދިނުމުގެ އުސޫލުތައް ކަނޑައެޅުން ހިމެނެ އެވެ.

މީގެ އިތުރުން އިންވެސްޓަރުންގެ ޒިންމާ އާއި އިންވެސްޓަރުންނަށް ލިބޭ ހިމާޔަތާޢި ރައްކާތެރިކަމުގެ ދާއިރާތައް ކަނޑައެޅުން ހިމެނެ އެވެ.

މި ބިލުގައި ވަނީ ފޮރިން އިންވެސްޓްމަންޓްގެ ލައިސަންސް ހިފެހެއްޓޭނެ އަދި ބާތިލުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފަ އެވެ.

ހާއްސަ ހާލަތްތަކެއްގައި އިންވެސްޓްމަންޓް ދައުލަތަށް ނެގޭނެ ހާލަތްތަކެއް މި ބިލުގައި ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ދައުލަތުގެ އާންމު މަންފާއެއް ހާސިލުކުރުން ނުވަތަ ރާއްޖޭގެ ސަރަހައްދުގެ ރައްކާތެރިކަން ދެމެހެއްޓުން ހިމެނެ އެވެ.

ފޮރިން އިންވެސްޓްމަންޓް ދައުލަތަށް ނަގާއިރު އެކަށޭނަ ބަދަލު ދޭންވާނެ ކަމަށް މި ބިލުގައި ވަނީ ހިމަނާފަ އެވެ.

މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފެށުމާއެކު "ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ގާނޫނު" އުވާލުމަށްވެސް މި ބިލުގައި ހިމަނާފައިވެ އެވެ.