ރައްޔިތުންގެ މަޖިލިސް

ކުންފުނިތަކުގައި އޮތީ ފިތްކަނޑައިގެންދާ ވަރުގެ ދަރަންޏެއް

ދިވެހި ދައުލަތުގެ ދަރަންޏަކީ ހަމައެކަނި މައި ސަރުކާރުގެ ދަރަނި ނޫން ކަމަށާއި ސަރުކާރު ހިއްސާވާ ކުންުފުނިތައް -- ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ)ގެ ދަރަނި ގުނާނަމަ ފިތްކަނޑައިގެންދާނެ ކަމަށް ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާޙީމް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

އިންތިހާބުތަކަށް ސަރުކާރުން ނާޖާއިޒު ނުފޫޒާއި ބާރު ފޯރުވަމުންދާ ކަމަށް ބުނެ އިންތިހާބުތައް އިންސާފުވެރިކުރުމަށް ގޮވާލާ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު އިބްރާހީމް ނަސީމް ވިދާޅުވީ 2019 ވަނަ އަހަރު ފެނަކައިގެ ކޮރަޕްޝަންގެ މައްސަލައެއް މަޖިލީހުގެ އެސްއޯއީ ކޮމިޓީން ބަލަން މަސައްކަތް ކުރުމުން އޭރު ބައެއް މެންބަރުން އެކަމާ ދެކޮޅު ހެދި ކަމަށެވެ.

"އެސްއޯއީ ކޮމިޓީގައި އަޅުގަނޑުމެން ވަރަށް ރަނގަޅަށް އެ މައްސަލަ ބަލަން 2019 ވަނަ އަހަރު މަސައްކަތް ކުރިން. އިއްޒަތްތެރި ބައެއް މެންބަރުން ވިދާޅުވަމުން ގެންދެވީ ކީއްކުރަން ކުރާ ކަމެއް ހެއްޔޭ. ކަމަކު ނުދާނޭނުންހޭ،" އިބްރާހީމް ވިދާޅުވި އެވެ.

މެންބަރު އިބްރާހީމް އިތުރަށް ވިދާޅުވީ ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ސަބަބުން ދިވެހި ދައުލަތް އޮތީ ސަލާމަތް ނުވާ ހާލަތުގައި ކަމަށެވެ.

"ދިވެހި ދައުލަތް ސަލާމަތް ނުވާ ހާލަތުގައި މި އޮތީ ސަރުކާރުގެ ބައެއް އެސްއޯއީތަކުގެ ސަބަބުން. ދިވެހި ދައުލަތުގެ ދަރަންޏަކީ ހަމައެކަނި މައި ސަރުކާރުގެ ދަރަންޏެއް ނޫން. އެސްއޯއީތަކުގެ ދަރަނިވެސް ލައިގެން ގުނާނަމަ އަޅުގަނޑުމެން ފިތްކަނޑައިގެންދާ ވަރުވާނެ،" އޭނާ ވިދާޅުވި އެވެ.

އިބްރާހީމް ނަސީމް ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މި ސަރުކާރުން އާދަޔާ ހިލާފަށް ވަޒީފާތައް އިތުރުކުރި ކަމަށާއި އެއީ އެންމެން ގަބޫލުކުރަންޖެހޭ ކަމެއް ކަމަށެވެ.

ފެނަކައިން ކުރިން ހަމައެކަނި ކަރަންޓުގެ ހިދުމަތް ދިން ރަށްރަށުގައި ފެނާއި ނަރުދަމާގެ ހިދުމަތް ދޭން ފެށުމާއެކު މުވައްޒަފުން އިތުރުކުރަންޖެހޭކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެ ނިސްބަތަށްވުރެ ގިނައިން މުވައްޒަފުން އިތުރުކޮށްފައިވާ ކަމަށެވެ.

"އަސްލު މި ދެކެވޭ ވާހަކައަކީ އެކަށީގެންވާ ވަރަށްވުރެ މުވައްޒަފުން ގިނައިން ނެގިއޭ. އެކަށީގެންވާ ވަރަށްވުރެ ބޮޑު އެއްޗެއް ހަރަދުކުރިއޭ، ކޮންޓްރެކްޓަރުންނަށް ފައިސާއެއް ނުދެއޭ. އެ ހުރިހާ ވާހަކަތަކަކީ ހަގީގަތެއް،" އޭނާ ވިދާޅުވި އެވެ.