ހަބަރު

ތިނަދޫ އިންޖީނުގެ ރޯކޮށްލި މައްސަލައިގައި އެތަނުގެ ދެ މުވައްޒަފަކު ހައްޔަރުކޮށްފި

ގދ. ތިނަދޫ އިންޖީނުގޭގައި އަލިފާން ރޯވި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ އެ ރަށަށް ނިސްބަތްވާ ދެ ފިރިހެނުން ކަމަށެވެ. އެތަނުގައި ރޯކޮށްލުމުގެ ސަބަބުން 22 މިލިއަން ރުފިޔާ ގެއްލުންވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އަވަސްއަށް ވިދާޅުވީ، ތިނަދޫ އިންޖީނުގޭގެ މައްސަލާގައި މިއަދު މެންދުރުގެ ވަގުތެއްގައި ތިނަދޫއިން ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައިވަނީ 44 އަހަރާއި 28 އަހަރުގެ މީހެކެވެ. އެނގިފައިވާ ގޮތުގައި ހައްޔަރު ކުރި ދެ މީހުންނަކީ ތިނަދޫ އިންޖީނު ގޭގައި މަސައްކަތް ކުރާ ދެ މީހެކެވެ.

ތިނަދޫ އިންޖީނުގޭގައި މިދިޔަ މަހުގެ 26 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެ އިންޖީނުގެ ވަނީ އެއްކޮށް އަނދާފަ އެވެ. އަދި ހުރިހާ އިންޖީނެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. ތިނަދޫގެ ރައްޔިތުން ކަރަންޓާ ނުލާ ފަސް ދުވަސް ހޭދަކޮށްފައިވާއިރު އަލުން ތިނަދޫއަށް ކަރަންޓު ދިނީ މާލެއިން ޖަނަރޭޓަރެއް ގެންގޮސްގެން ކުރި ބުރަ މަސައްކަތުންނެވެ.