މަސީ

ނުރައްކާތެރި ދެ ގޮވުމާއެކު މަސީ ކަންބޮޑުވެއްޖެ

ހދ. މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވައި ދެ މީހަކު މަރުވި ހާދިސާއާއި ގުޅިގެން މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މަސީގެ ބަޔާނުގައި މިމަހުގެ 21 ވަނަ ދުވަހު މަކުނުދޫގައި ހިނގި ހާދިސާގެ އިތުރުން މިމަހުގެ 19 ވަނަ ދުވަހު ހދ. ކުޅުދުއްފުށި އެއާޕޯޓްގައި ގޭސް ސިލިންޑަރެއް ގޮވައި ހަތަރު މީހަކަށް އަނިޔާވި ހާދިސާއާއި ގުޅިގެންވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

"މި ދެ ހާދިސާގެ އެއްގޮތްކަން ބޮޑުކަމުން މިބާވަތުގެ މަސައްކަތްތަކާއި މަސައްކަތްތަކުގައި ބޭނުންކުރާ ތަކެތީގެ ރައްކާތެރިކަމާ މެދު މިއެސޯސިއޭޝަނުން ވަރަށް ބޮޑަށް ކަންބޮޑުވެ އެވެ." ބަޔާނުގައިވެ އެވެ.

މިބަޔާނުގައި ވަނީ ބިދޭސީ ކޮންޓްރެކްޓަރަކު ވިޔަސް އަދި ދިވެހި ކޮންޓްރެކްޓަރަކު ވިޔަސް މަސައްކަތް ކުރާ ސައިޓާއި ގެންގުޅޭ ތަކެއްޗާއި އާލާތާއި ވަކިން ހާއްސަކޮށް ނުރައްކާތެރި ކެމިކަލްތަކާއި ގޭހާއި މިފަދަ އެހެނިހެން ތަކެތީގެ ރައްކާތެރިކަމާއި ފެންވަރާއި މިތަކެތި ގެންގުޅޭ ގޮތާއި ބޭނުންކުރާ ގޮތާއި ރައްކާކޮށްފައި ބަހައްޓާ ގޮތާއި އަދި މަސައްކަތް ކުރާ މީހުންގެ ރައްކާތެރިކަމާއި ސިއްހަތު ސަލާމަތަށްޓަކައި އަޅާފައި ހުންނަ ފިޔަވަޅުތައް ކަމާ ބެހޭ ފަރާތްތަކުން ކަނޑައަޅާފައި ހުންނަ އުސޫލުތަކާއި އެއްގޮތަށް ހުރިތޯ ބެލުމަށްވެސް އެދިފަ އެވެ. އަދި މަސައްކަތް ކުރާ މީހުންނާއި ވަށައިގެން ދިރިއުޅޭ މީހުންގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށްވެސް އެދިފައިވެ އެވެ.

"މިއީ ވަޒީފާއާއި ބެހޭ ގާނޫނާއި އިމާރާތްކުރުމުގެ ގާނޫނުންވެސް ދައުލަތުގެ މައްޗަށް ލާޒިމުކުރާ ކަންކަމެވެ،" ބަޔާނުގައިވެ އެވެ.

މިބަޔާނުގައި ވަނީ މަޖިލީހަށް ހުށަހަޅާފައިވާ އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތުގެ ބިލް އަވަހަށް ފާސްކޮށް، އަމަލުކުރުމަށްވެސް ގޮވާލާފަ އެވެ. އަދި ގާނޫނު ވުޖޫދު އަންނަންދެން 2010 ވަނަ އަހަރު މަސީ އިން އެކުލަވާލާފައިވާ "ކޮންސްޓްރަކްޝަން ސައިޓްތަކުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ގައިޑްލައިން" އަށް މިވަގުތަށް އަމަލުކުރުމަށްވެސް އެދިފައިވެ އެވެ.

ރާއްޖޭގައި މިބާވާތު ހެވީ މަސައްކަތް ކުރާ ނުރައްކާތެރި ތަކެތި ގެންގުޅޭ ފަރާތްތަކާއި އެހެނިހެން މަސައްކަތް ކުރަމުންދާ ތަންތަން ބަލައި ރައްކާތެރިކަން ޔަގީންކުރުމަށް ކަމާ ބެހޭ ފަރާތްތަކަށްވެސް މިބަޔާނުގައި ގޮވާލާފައިވެ އެވެ.

"އަދި ރާއްޖޭގައި މަސައްކަތް ކުރާ އެންމެހާ ފަރާތްތަކުންވެސް އެ މަސައްކަތަށް އެންމެ އެކަށީގެންވާ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން މަސައްކަތް ކުރުމަށާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން މަސައްކަތުގެ ސައިތްތައް ބަލައި ކަންކަން އިސްލާހުކުުރުމުގެ ފިޔަވަޅު އަޅަމުން ގެންދިއުމަށް އަނެއްކާވެސް އިލްތިމާސް ކުރަމެވެ،" ބަޔާނުގައިވެ އެވެ.