މުހައްމަދު އަސްލަމް

އިންތިހާބުތަކަށް އޮތް އެންމެ ބޮޑު ނުފޫޒަކީ ދޮގާއި ވަހުމު: އަސްލަމް

އިންތިހާބުތަކަށް އޮތް އެންމެ ބޮޑު ނުފޫޒަކީ ދޮގާއި ވަހުމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

އިންތިހާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓާލުމަށް ގޮވާލާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ މަޖިލީހަށް ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު އަސްލަމް ވިދާޅުވީ ދޮގު ވާހަކަތައް ފެތުރުމުގެ ސަބަބުން އިންތިހާބަށް ނުފޫޒު ފޯރާފައިވާ ކަމަށެވެ.

"އިންތިހާބުތަކަށް އޮތް އެންމެ ބޮޑު ނުފޫޒަކީ ވަކިން ހާއްސަކޮށް މި ފާއިތުވި އިންތިހާބުގައި އޮތް އެންމެ ބޮޑު ނުފޫޒަކީ ދޮގާއި ވަހުމު. ކަނޑައެޅިގެން ދޮގު ވާހަކަ އާއި ކަނޑައެޅިގެން ބުހުތާން ދޮގު. ކަން ހިނގާފައިވާ ގޮތާ ހިލާފަށް ދައްކަމުންދިޔަ ދެއްކުން،" އަސްލަމް ވިދާޅުވި އެވެ.

އެގޮތުން ބައެއް ސިޔާސީ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ހިމެނޭ ކަމަށާއި ސޯޝަލް މީޑިއާ އާއި ބައެއް ނޫސްވެރިންވެސް ދޮގު ވާހަކަތައް ފެތުރި ކަމަށް އަސްލަމް ވިދާޅުވި އެވެ.

ބަހުސްގައި ވާހަކަ ދައްކަވަމުން އަސްލަމް ވަނީ ސަރުކާރު ކުންފުނިތައް ހަރުދަނާ ކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އެ ގޮތުން ސަރުކާރު ބަދަލުވުމުން ސަރުކާރު ކުންފުނިތަކުގެ ވެރިން ބަދަލުވާން ނުޖެހޭ ކަމަށާއި ކުންފުނިތައް ހިންގަން ތިބެން ޖެހޭނީ ގާބިލު މީހުން ކަމަށް އަސްލަމް ވިދާޅުވި އެވެ.

ސަރުކާރު ބަދަލުވުމުން މިނިވަން މުއައްސަސާތަކުގެ ވެރިން ބަދަލުވާތީ އަސްލަމް ވަނީ އެކަމަށްވެސް ފާޑުވިދާޅުވެފަ އެވެ.

"(ސަރުކާރު ބަދަލުވުމުން) މިނިވަން މުއައްސަސާތަކުގެ ތިބޭ އެންމެންވެސް ބަދަލު ކުރަން ޖެހިއްޖިއްޔާ ކިހިނެތްތޯ ގައުމެއް ހަރުދަނާ ގޮތެއްގައި ހިންގާނީ،" އަސްލަމް ވިދާޅުވި އެވެ.