ދުނިޔެ

ހަމާސްގެ ހަމަލާތައް ގޯސް، ހަމަލާދޭން ޖެހުނީ ޔަހޫދީންގެ ސަބަބުން: ރަޝިއާ

ހަމާސްގެ އަސްކަރީ ގޮފިތަކުން މި މަހު ހަތެއްގައި ޔަހޫދީ އަބާދީތަކަށް އަރައިގަނެ ދިން ހަމަލާތައް ރަނގަޅު ކަމަށް ބުއްދި ހަމަޖެހޭ މީހަކު ނުބުނާނެ ކަމަށް ރަޝިއާއިން އދ އަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރު، ދިމިތުރީ ޕޮލިޔާންސްކީ ވިދާޅުއްޖެ އެވެ.

ސަފީރު އަދި ވިދާޅުވީ ޔަހޫދި އާބާދިތަކަށް ހަމަލާދޭން ހަމާސްއަށް މަޖުބޫރުކުރުނީ ޔަހޫދީ ދައުލަތުން ކަމަށެވެ.

ރަޝިއާގެ ތާސް ނޫސް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި ސަފީރު ވިދާޅުވީ އދ އިން ހަމާސް ކުށްވެރިކޮށް ރިޕޯޓައް ނެރޭއިރު ޔަހޫދީންނާ ދެކޮޅަށް ގަރާރެއް ފާސްކުރަން ނުކުރޭ ކަމަށެވެ.

ސަފީރު އަދި ވިދަޅުވީ ހަމައެކަނި ގޯސް ހަދަނީ ފަލަސްތީން މީހުން ނޫން ކަމަށާއި އެ މީހުންގެ ބިންތައް އިސްތިރުމާރުކުރުމަކީ ގޯހެއްކަން އދ އަށް ނޭނގޭ ކަމަށެވެ.

ޣައްޒާއަށް ޔަހޫދީ ޖެޓުތަކުން ދެމުންދާ ހަމަލާތަކުގައި މަރުވަނީ ހަމާސްގެ ހަނގުރާމަވެރިން ނޫން ކަމަށް ސަފީރު ވިދާޅުވި އެވެ. އަދި ޔަހޫދީ އަސްކަރިއްޔާއިން ހަމަލާތައް އަމާޒުކުރަނީ ހަނގުރާމަވެރިންގެ މަރުކަޒުތަކަށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔަހޫދީ ޖެޓުތަކުން ހޮސްޕިޓަލުތަކަށާއި ސްކޫލުތަކަށް އަދި އާންމުން ގިނަ ތަންތަނަށް ބޮންއަޅަމުން ދާއިރު އެންމެ މިތިބެނީ ބަހަލައްޓައިގެން ކަމަށް ސަފިރު ވިދާޅުވި އެވެ. ޔަހޫދީން ކުރާހާ ކަމެއް ބަލަން އަތް އުރާލައިގެން މިހެން ތިބެންވީތޯ އޭނާ ސުވާލުކުރެއްވި އެވެ.

މެދުއިރުމަތިން މިއަދު އެ ފެންނަނީ ފަލަސްތީން މީހުންނަށް ލިބެމުންދާ ޒަހަމްތައް ކަމަށާއި އެ ރުޅިވެރިކަމާއި ބަދަލުހިފުމަކީ ފަލަސްތީން މީހުންނަށް ލިބެން ޖެހޭ ހައްގުތަކުން ބާކީކުރުމުގެ ނަތީޖާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މެދުއިރުމަތި ސުލްހަކުރަން އދ އަށް ގާނޫނެއް، ގަވާއިދެއް އެކުލަވައި ނުލެވުނު ކަމަށާއި ފަލަސްތީންގައި ޓެރަރިސްޓް ޖަމާއަތްތައް އުފެދެން ޖެހުނީ އެ މީހުންގެ ބިންތަކުގައި ގަވާއިދާ ޚިލާފަަށް ޔަހޫދީން އާބާދުކުރުމުން ކަމަށް ވެސް ރަޝިއާގެ ސަފީރު ވިދާޅުވި އެވެ.

ހަމާސްގެ ކިބައިން މިއަދު ފެންނަ ބާރުވެރިކަމަށް ވުރެ ގަދަފަދަ ބާރެއްގައި ހަނގުރާމަވެރި ގުރޫޕްތަކުން ޔަހޫދީންގެ ކިބައިން ބަދަލުހިފާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔަހޫދީ އާބާދިތަކަށް މިއަށް ވުރެ ވަރުގަދަ ހަމަލާތަކެއް އަމާޒުވުމުގެ ކުރިން އެއްޗެއް އުނގެނި ގޮތް ދޫކުރަން ޖެހޭ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.