ހަބަރު

ދޮންކެޔޮގަނޑަކަށް ގެއްލުންދިން މީހަކު ޖަލަށްލުމަށް ހުކުމްކޮށްފި

ގެއެއްގެ ދޮރޯށި ހަލާކުކޮށްލައި ދޮންކެޔޮގަނޑަކަށް ގެއްލުންދިން މައްސަލައަކާއި ކުޑަކަމުދާތަކެތި ދިނުމަށް އިންކާރު ކުރުމުގެ މައްސަލައެއްގައި މީހަކު، އެކު ޖުމުލަ އެއް އަހަރާއި ދެ މަހުގެ މުއްދަތަށް ޖަލަށްލުމަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

ދައުލަތުން އުފުލި އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާއާއި ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެން ހުކުމްކޮށްފައިވަނީ ހދ. ކުޅުދުއްފުށި، ކަސްތޫރިގެ، އަހުމަދު އަލީ (27އ) ގެ މައްޗަށެވެ.

އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާގައި ބުނަނީ 2009 ޖޫން 09 ވަނަ ދުވަހު އަހުމަދު އަލީ އާއި އިތުރު މީހަކާދެމެދު ހިނގި ހަމަނުޖެހުމެއްގައި ގެއަކަށްވަދެ ޒުވާބުކުރާތީ އެގެއިން ނެރެ ދޮރޯށި ބަންދުކުރުމުން، އަހުމަދު އަލީ އެދޮރޯށީގައި ތަޅައި، އެ ދޮރޯށީގެ ތިރީބަޔާއި، އެތާ ކައިރީގައި ބަހައްޓާފައިހުރި ދޮންކެޔޮގަނޑެއް ހަލާކުކޮށްލާފައިވާތީ އަލީ އަހުމަދުގެ މައްޗަށް އަމުރަށްނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ އުފުލާކަމަށެވެ.

މި ދައުވާ ރައްދުވާ އަހުމަދު އަލީ ވަނީ މި ދައުވާ އަށް އިންކާރުކޮށްފަ އެވެ. އެހެންކަމުން މި ދައުވާ ސާބިތުކުރުމަށް ދައުލަތުން ވަނީ ހެކި ހުށަހަޅާފައެވެ. އަހުމަދު އަލީގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށް މީގެކުރިން ދެ ފަހަރެއްގެ މަތިން ސާބިތުވެ ރެކޯޑް ކުރެވިފައިވާކަން މި މައްސަލަ ބެލި ގަޒިއްޔާގައި ބަޔާންކޮށްފައިވެ އެވެ.

މި ދައުވާ ބެލުމަށްފަހު ކޮށްފައިވާ ހުކުމުގައި ވަނީ، ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި ހެކިބަހުގެ މައްޗަށް ބާރުދޭ ގުޅިފައިވާ ގަރީނާތަކުން މި ދައުވާ ޝަރީއަތަށް ސާބިތުވާކަމަށެވެ. އެހެންކަމުން، މި ކުށުގެ އުގޫބާތެއްގެ ގޮތުން އަހުމަދު އަލީ ދެ މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކުރާކަމަށްވެސް މައްސަލަ ބެލި ގަޒިއްޔާގައި ވެއެވެ.

ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކުރުމުގެ މައްސަލައާ ގުޅިގެން އަހުމަދު އަލީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނަނީ 2015 ސެޕްޓެމްބަރު 03 ވަނަ ދުވަހުގެ ރޭ އަހުމަދު އަލީ މީހަކާ ޒުވާބުކޮށް މާރާމާރީ ހިންގާކަމުގެ ތުހުމަތުގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިއިރު، އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ބެލެވޭތީ، ކުޑަކަމުދާތަކެތި ދިނުމަށް އޭނާއަށް ފުލުހުން އެންގުމުން، ކުޑަކަމުދާތަކެތި އެޅުމަށް ދިން ކަޕަށް ކުޅުޖަހާ ކުޑަކަމުދާތަކެތި ގަޑުބަޑުކޮށްފައިވާތީ، އަހުމަދު އަލީގެ މައްޗަށް ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކުރުމުގެ ކުށުގެ ދައުވާ އުފުލާކަމަށެވެ.

ކުޑަކަމުދާތަކެތި ދިނުމަށް ފުލުހުން އަހްމަދު އަލިއަށް އެންގިކަން ނޭނގޭ ކަމަށްބުނެ އަހުމަދު އަލީ ވަނީ މި ދައުވާއަށްވެސް އިންކާރުކޮށްފަ އެވެ. އެހެންކަމުން، ދައުލަތުން ވަނީ މި ދައުވާ ސާބިތުކުރުމަށް ހެކިންގެ ގޮތުގައި ތިން ފުލުހަކާއި ގަރީނާއެއްގެ ގޮތުގައި ކުޑަކަމުދާތަކެތި ދިނުމަށް އަންގާ ފޯމު ހުށަހަޅާފައެވެ.

މި މައްސަލަ ބެލުމަށް ފަހު ކޮށްފައިވާ ހުކުމުގައި ބުނަނީ، އަހުމަދު އަލީގެ މައްޗަށް ދައުލަތުން ކޮށްފައިވާ ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރުކުރުމުގެ ކުށުގެ ދައުވާ ހެކިންގެ ހެކިބަހުން ސާބިތުވާތީ، ބުނެވިދިޔަ ކުށުން ކުށްވެރި ވެއްޖެކަމަށް ކަނޑައަޅައި އުގޫބާތެއްގެ ގޮތުން އެއް އަހަރުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކުރާ ކަމަށެވެ.