ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

އިންތިހާބީ ދާއިރާތަކާ ގުޅޭގޮތުން 65 ޝަކުވާ ހުށަަހަޅައިފި

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތަކަށް ކަނޑައަޅައި ޝަކުވާ ހުށަހެޅުމުން 65 ޝަކުވާ ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ޝަކުވާތަކާ މެދު އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ކުރިން ގޮތެއް ނިންމާނެ ކަމަށެވެ.

"ޝަކުވާ އާއި ހިޔާލު ހުށަހެޅި ފަރާތްތަކަށް އީސީ އިން ނިންމާ ނިންމުން ސަބަބާއެކު އަންގާނެ،" ހަބީބް ވިދާޅުވި އެވެ.

އިންތިހާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ރިޕޯޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލުމުން އެންމެ ގިނަ ޝަކުވާ ހުށަހަޅާފައިވަނީ އަލަށް ކަނޑައެޅި ދާއިރާއެއް ކަމަށްވާ އައްޑޫ ސިޓީގެ ފޭދޫ އުތުރު ދާއިރާއާ ގުޅޭގޮތުންނެވެ.

ހުށަހެޅި ޝަކުވާތަކުގެ ތަފްސީލްތައް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިވަގުތު 87 ދާއިރާ ހިމެނުނު ނަމަވެސް އަންނަ އަހަރު އިންތިހާބު ކުރާ މަޖިލީހުގައި އިތުރު ހަ ދާއިރާއާ އެކު ޖުމްލަ 93 ދާއިރާއަށް މެންބަރުން ހޮވާނެ އެވެ.

އާބާދީއަށް ބަލައިގެން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމުގެ ބާރު އޮންނަނީ އިލެކްޝަންސް ކޮމިޝަނަށެވެ. މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީ އޮތްގޮތުން މަޖިލިސް އިންތިހާބު އޮންނަ ކޮންމެ ފަހަރަކު މެންބަރުންގެ އަދަދު އިތުރުވާނެ އެވެ.