ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ އަހަރު ބާއްވާނެ ތާރީހެއް ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ތެރޭގައި އިއުލާންކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު އޮތް ގޮތުން މަޖިލިސް އިންތިހާބު އަންނަ އަހަރު ބޭއްވީ މާޗް މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލް މަހުގެ ކުރީކޮޅު ކަމަށެވެ.
"އިންތިހާބު ބާއްވާ ދުވަސް ރޯދަ މަހާ ދިމާވުން ވަރަށް ގާތް. އެއީ ގާނޫނު އޮތްގޮތުން ދިމާވާ ކަމެއް،" ހަބީބް ވިދާޅުވި އެވެ.
އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ފައިނަލް ރިޕޯޓްވެސް ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ތެރޭގައި އާންމުކުރުމަށް ކޮމިޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ.
ހަބީބް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ފައިނަލް ވުމުން އެ ދާއިރާތަކަށް ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓް ދުރާލާ އާންމު ކުރުމަށްވެސް ކޮމިޝަނުން ބޭނުންވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި މިވަގުތު 87 ދާއިރާ ހިމެނުނު ނަމަވެސް އަންނަ އަހަރު އިންތިހާބު ކުރާ މަޖިލީހުގައި އިތުރު ހަ ދާއިރާއާ އެކު ޖުމްލަ 93 ދާއިރާއަށް މެންބަރުން ހޮވާނެ އެވެ.
19 ވަނަ މަޖިލިސް އިންތިހާބުގެ މައުލޫމާތު
މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާފައިވަނީ އޭޕްރިލް 6، 2019 ގައެވެ. އެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބުނީ 264،442 މީހުންނަށެވެ. އެކަމަކު ވޯޓު ލާފައިވަނީ 215،053 މީހުންނެވެ. އެއީ 81.32 ޕަސަންޓެވެ.
ވޯޓުލީ މީހުންގެ ތެރެއިން ސައްހަވީ 210،253 ވޯޓެވެ. ބާތިލް 4،800 ވޯޓުވެސް ހިމެނެ އެވެ.
ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް 407 ކެންޑިޑޭޓުން ކުރިމަތިލި އެވެ. އެއީ އެމްޑީޕީ އިން 86، ޖޭޕީ އިން 41، ޕީޕީއެމް އިން 26، ޕީއެންސީ އިން 23، ލޭބަ ޕާޓީ އިން 11، ޑީއާރްޕީ އިން ފަހެއް، އަދާލަތު ޕާޓީ އިން ނުވައެއް، އެމްޑީއޭ އިން އަށެއް، އެމްޓީޑީ އިން އަށެއް އަދި އަމިއްލަ ގޮތުން 190 ކެންޑިޑޭޓުންނެވެ. އެ އިންތިހާބަށް ކުރިމަތިލުމަށްފަހު 16 ކެންޑިޑޭޓަކު ނަން އަނބުރާ ގެންދިޔަ އެވެ. ތަފާތު މައްސަލަތަކުގައި ފަސް ބޭފުޅެއްގެ ކެންޑިޑެސީ ބާތިލްކުރި އެވެ. އެހެންވެ ނިމިދިޔަ 19 ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރީ 386 ކެންޑިޑޭޓުންނެވެ. ހޮވުނީ 83 ފިރިހެން މެންބަރުންނާއި ހަތަރޔ އަންހެން މެންބަރުންނާ އެކު ޖުމްލަ 87 މެންބަރުންނެވެ.