ޗައިނާ

ޗައިނާގެ ޑިފެންސް މިނިސްޓަރު މަގާމުން ވަކިކޮށްފި

ޗައިނާގެ ޑިފެންސް މިނިސްޓަރު ލީ ޝަންފޫ އާންމުންނަށް "ގެއްލުނުތާ" ދެމަސް ފަހުން މަގާމުން ވަކިކޮށްފި އެވެ.

ޗައިނާގެ ޑިފެންސް މިނިސްޓަރު މަގާމުން ވަކިކުރި ސަބަބެއް ޗައިނާ ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ލީ ޝަންފޫ މަގާމުން ވަކިކޮށްފައި މިވަނީ އަސްކަރީ ތަކެތި ގަތުމާއި ވިއްކުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް މީޑިއާގައި ރިޕޯޓް ކުރި ފަހުންނެވެ.

ޗައިނާގެ ޑިފެންސް މިނިސްޓަރު މަގާމުން ވަކިކޮށްފައި މިވަނީ އެ ގައުމުގެ ސަރުކާރުގެ އިސް ބައެއް އޮފިޝަލުން މަގާމުން ވަކިކުރަމުންދާ ވަގުތެއްގައެވެ. އެގޮތުން އާންމުންނަށް "ގެއްލުނުތާ" މަހެއް ފަހުން ޗައިނާގެ ކުރީގެ ހާރިޖީ ވަޒީރު ޗިން ގަންގް ވެސް މިދިޔަ ޖުލައި މަހުގެ ތެރޭގައި މަގާމުން ވަކިކުރި އެެވެ.

ޗައިނާގެ ވަޒީރުންނާއި ސަރުކާރުގެ އިސް އޮފިޝަލުން މަގާމުން ވަކިކުރުމުގެ ކުރިން އާންމުންގެ ލޯމަތިން އެ ބޭފުޅުން ގެއްލުވާލުމަކީ ޗައިނާގައި އޮންނަ ސިޔާސީ ސަގާފަތެކެވެ.

ޗައިނާގެ ޑިފެންސް މިނިސްޓަރު ލީ ޝަންފޫ އަކީ އެ ގައުމުގެ ރައީސް ޝީ ޖިންޕިންގެ ވަރަށް އަރިސް ބޭފުޅެކެވެ.