ރައްޔިތުންގެ މަޖިލިސް

ސަޕްލިމެންޓްރީ ބަޖެޓަށް ބޭނުންވާ ބައެއް މައުލޫމާތު ފޮނުވަން އަންގައިފި

ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުމުގެ ކުރިން ފޮނުވަންޖެހޭ ކަމާ ގުޅޭ ލިޔުންތަކެއް ފޮނުވުމަށް މަޖިލީހުން ފިނޭންސް މިނިސްޓްރީއަށް އަންގައިފި އެވެ.

މަޖިލީހުގެ އިދާރާ އިން މިގޮތަށް އަންގާފައި މިވަނީ ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުމުގެ ކުރިން ކަމާ ގުޅޭ ގާނޫނުތަކުގެ ދަށުން ސަރުކާރުން މަޖިލީހަށް ހުށަހަޅަންޖެހޭ ލިޔުންތަކެއް މަދުވާތީ އެވެ. ލިޔުންތައް ފޮނުވަން އިއްޔެ އެދުމުން ސަރުކާރުން ފޮނުވި ލިޔުންތަކުގައި އަދިވެސް ބައެއް ލިޔުން މަދުކަމަށް މަޖިލީހުގެ އިދާރާ އިން ބުނެ އެވެ.

މިއަހަރުގެ ބާކީ މިއޮތް ދެ މަހުގެ ހަރަދުތައް ހަމަޖެއްސުމަށް 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ފޮނުވީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގަ އެވެ.

އޭގެފަހުން މަޖިލީހުގެ ޖަލްސާއެއް ހޯމަ ދުވަހު ބޭއްވި ނަމަވެސް އެ ޖަލްސާއަށް ބަޖެޓް ހުށަހެޅުން އެޖެންޑާއެއް ނުކުރެ އެވެ. އެކަމަކު މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަމެއްގެ ގޮތުގައި އިއްޔެގެ ޖަލްސާއަށް ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުން އެޖެންޑާ ކުރި އެވެ. ނަމަވެސް ޖަލްސާ ފެށުމަށް ބޭނުންވާ ކޯރަމް ނެތް ކަމަށް ވިދާޅުވެ މަޖިލީހުގެ ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވަނީ އިއްޔެގެ ޖަލްސާ ނިންމަވާލެއްވި ކަމަށް އިއުލާން ކުރައްވާފަ އެވެ.

ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުން އެއް ދުވަހު އިއުލާންކުރުމަށްފަހު އެހެން ދުވަހަކު އުޒުރެއް ދެއްކުމަށްފަހު އެޖެންޑާ ނުކުރީ ކަމަށް ވިދާޅުވެ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ -- އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އަސްލަމް ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅީ އަހަރުގެ ބާކީ ދުވަސްތަކުގައި ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ދިނުމަށް ހަރަދުކުރަން ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ކަމަށްވާތީ ބަޖެޓް ހުށަހެޅުމަށް ފުރުސަތު ނުދިނުމަކީ ސަރުކާރުގެ އިތުރުން ރައްޔިތުންނަށްވެސް އެކަމުން ބޮޑެތި ދަތިތަކެއް ކުރިމަތިވެދާނެ މައްސަލައެއް ކަމަށެވެ.

"ހަގީގަތުގައި މިއީ މަޖިލީހުގެ ރިޔާސަތުން ވަރަށް ދެރަކޮށް އަދި ވަރަށް ކަންބޮޑުވާ ގޮތަކަށް ކުރާ ކަމެއް. މަޖިލީހުން ބުނަނީ ބަޖެޓާ އެކު ހުށަހަޅަންޖެހޭ ކޮންމެވެސް ޑޮކިއުމެންޓެއް ނެތް ކަމަށް. އެކަމަކު އެ ޑޮކިއުމަންޓެއް އޮތީމާ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރެވޭނީ. ކުއްލިއަކަށް ދެން މާދަމާގެ ޖަލްސާއަށް އެޖެންޑާ ނުކުރެވެންވީ ސަބަބެއް ނެތް. ޑޮކިއުމަންޓެއް މަދުވާނަމަ އެ ހޯދަންވެސް ހޯދޭނެ،" އަވަސް އަށް ރޭ ދެއްވި އިންޓަވިއުއެއްގައި އަސްލަމް ވިދާޅުވި އެވެ.

ސަޕްލިމެންޓްރީ ބަޖެޓާ އެކު ހުށަހަޅަންޖެހޭ ލިޔުންތަކެއް ނެތް ކަމަށް މަޖިލީހުގެ ރިޔާސަތުން ވިދާޅުވާން ފެށީ ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހަށް ފޮނުވާފައިވަނީ ކަމާ ގުޅޭ ގާނޫނުތަކާ ހިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމު ވިދާޅުވި ފަހުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވާ އާޒިމް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހަށް ފޮނުވިއިރު ދައުލަތަށް ލިބުނު އާމްދަނީ އާއި ކުރި ހަރަދު އަދި ސަޕްލިމެންޓްރީ ބަޖެޓާ އެކު ކުރީގެ ބައެއް ލަނޑުދަނޑިތަކަށް ބަދަލުތައް އަންނާނެތީ ބަޖެޓު ޕޮޒިޝަން އެނގޭ ރިޕޯޓް ފަދަ މުހިއްމު މައުލޫމާތު ހުށަހަޅާފައި ނުވާ ކަމަށެވެ.

އާޒިމް ދެކެވަޑައިގަންނަވާ ގޮތުގައި އެއީ މާލިއްޔަތު ގާނޫނުގެ ދަށުން މަޖިލީހަށް ހުށަހަޅަންޖެހޭ މައުލޫމާތުތަކެކެވެ. އަދި އެ މައުލޫމާތުތައް ހޯދުމަކީ މަޖިލީހުގެ ޒިންމާ އެކެވެ.

"ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފިނަމަ ވެގެންދާނީ ނުރަނގަޅު އާދައެއް ފެށި ތަކުރާރުވާން ހުޅުވިގެންދާ ޖާގަ އަކަށެވެ،" ސިޓީގައިވެ އެވެ.

އާޒިމް އިތުރަށް ވިދާޅުވީ މާލިއްޔަތު ގާނޫނުގައި ބުނާ މައުލޫމާތު މަޖިލީހަށް ނުފޮނުވައި ސަޕްލިމަންޓްރީ ބަޖެޓް މަޖިލީހަށް ހުށަހެޅިގެން ނުވާނެ ކަމަށެވެ.