ހަބަރު

ވިހެއުމަށްފަހު ދަރިފުޅު އެއްލައިލި މަންމައަކަށް ދައުވާކޮށްފި

މިދިޔަ އަހަރު، ބ. ތުޅާދޫ ގެއެއްގެ ފާހަނާ ތެރޭގައި މަރުވެފައި އޮތްވާ ފެނުނު ކުއްޖާގެ މަންމަ ބ. ތުޅާދޫ ހުދުއަސުރުމާގެ ފާރިހާ އަބްދުލް ރަހުމާންގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފި އެވެ. ފާރިހާގެ މައްޗަށް ދައުލަތުން ވަނީ ތިން ދައުވާއެއް އުފުލާފަ އެވެ.

ވިހެއުމަށްފަހު ފާހަނާގެ ފެން ހިންދާ ވަޅު ތެރެއަށް ލާފައި އޮތްވާ ފެނުނު ކުއްޖާގެ މަންމަގެ މައްޗަށް އުފުލާފައިވަނީ، އިންސާނާގެ އަގަށް އެއްވެސް ފަރުވާލެއް ނެތް ކަމަށް ދައްކުވައި ދޭ ދައުވާ އާއި މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާ އަދި، ދަރިން ބެލެއްހެއްޓުމަށް އޮތް ވާޖިބާއި ދަރިންނަށް އަޅާ ނުލާ ދޫކޮށްލުމުގެ ދައުވާ އެވެ. މި މައްސަލާގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10 ޖަހާއިރަށެވެ.

ވިހެއުމަށްފަހު ދަރިފުޅު މަރާލި މައްސަލާގައި ފާރިހާ ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގަ އެވެ. ފާރިހާ ވިހޭއިރު އޭނާގެ އުމުރަކީ 18 އަހަރެވެ. ކައިވެނީގެ ބޭރުން ލިބުނު ދަރިފުޅު އޭނާ ވިހާފައިވަނީ ހަތް މަހުގަ އެވެ.

ވިހެއުމަށްފަހު ދަރިފުޅު އެއްލާލާފައިވަނިކޮށް ފެނިފައިވަނީ އެ ކުއްޖާގެ މާމައަށެވެ. ތުޅާދޫ ސިއްހީ މަރުކަޒަށް އެ ކުއްޖާ ގެންދިޔަ އިރު ވެސް އޮތީ މަރުވެފަ އެވެ. މި މައްސަލާގެ ތަހުގީގަށް އެ ކުއްޖާ މާލެ ގެނެސްފައިވެ އެވެ. ކުއްޖާ ވަޅުލީ ވެސް މާލެގަ އެވެ.