އާބަންކޯ

ދަ ގާޑަންސްގެ މަސައްކަތް ހަ މަސް ތެރޭގައި ނިމޭނެ: އާބަންކޯ

ޖާހް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ ދަ ގާޑަންސްގެ ނުނިމި ބާކީ ހުރި މަސައްކަތް އާބަންކޯގެ ބެލުމުގެ ދަށުން އަލުން ފަށައިފި އެވެ.

އާބަންކޯ އިން ބުނި ގޮތުގައި ދަ ގާޑްންސްގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދާ މަސައްކަތުގެ ތެރޭގައި، 10 ވަނަ ފަންގިފިލާއިން ތިރީ ފަންގިފިލާތަކުގެ ފިނިޝިން މަސައްކަތްތައް ހިމެނެ އެވެ.

އޭގެ ތެރޭގައި ޕްލާސްޓަރިންގް، ޕުޓީގެ މަސައްކަތް، މުށި އަދި ސީލިން ކުރުމުގެ ކުރިއަށްދާ ކަމަށް އާބަންކޯ އިން ބުނެ އެވެ.

އާބަންކޯ އިން އިތުރަށް ބުނީ ދަ ގާޑަންސްގެ މަސައްކަތް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ދަ ގާޑްންސްގެ ނުނިމި ބާކީ ހުރި މަސައްކަތް އާބަންކޯގެ ބެލުމުގެ ދަށުން އަލުން ފަށާފައިވާއިރު ދަ ގާޑަންސް އެޕާޓްމަންޓްތަކުގެ މަސައްކަތް ނިންމުމަށް މިނިވަން ކޮންސަލްޓަންޓެއް ހޯދުމަށް ނިންމާފައިވާކަން އާބަންކޯ އިން ވަނީ މިއަހަރުގެ އޮގަސްޓް މަހު ހާމަކޮށްފަ އެވެ.

އާބަންކޯ އިން އޭރު ބުނި ގޮތުގައި މިނިވަން ކޮންސަލްޓަންޓެއް ހޯދުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ދަ ގާޑަންސް އިން އެޕާޓްމަންޓްތައް ގަތް ކަސްޓަމަރުންނަށް ވެސް ގެއްލުން ކުޑަކޮށް ޕްރޮޖެކްޓް ނިންމުމެވެ.

މިނިވަން ކޮންސަލްޓަންޓްގެ މަސްއޫލިއަތުތަކުގެ ތެރޭގައި ޕްރޮޖެކްޓްގެ ނުނިމި ހުރި މަސައްކަތް އަގުކޮށް، އެ މަސައްކަތް ކުރާނެ ގޮތެއް ކަނޑައެޅުން ހިމެނެ ކަމަށް އާބަންކޯ އިން އޭރު ބުނެފައިވެ އެވެ.

މި މަސައްކަތް ކުރަމުންދާއިރު ދަ ގަޑަންސް ގެ ކަސްޓަމަރުންނަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް ކުރެވޭނެ ކަމަށާއި ބަދަލު ދިނުމުގެ ޒިންމާ ނަގާނީ ޖާހް އިންވެސްޓްމަންޓުން ކަމަށްވެސް އާބަންކޯ އިން ވަނީ ބުނެފަ އެވެ.