މިނިސްޓްރީ އޮފް ހެލްތު

ގައުމީ އެމްބިއުލާންސްގެ ހިދުމަތް ތައާރަފްކޮށްފި

ސިއްހީ ދާއިރާއިންދޭ ހިދުމަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ގައުމީ އެމްބިއުލާންސްގެ ހިދުމަތް މާލެ ސަރަހައްދަށް ތައާރަފްކޮށްފި އެވެ.

މިކަމަށްޓަކައި މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ގައުމީ އެމްބިއުލާންސްގެ ހިދުމަތް ތައާރަފްކޮށްދެއްވީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމް އެވެ.

ގައުމީ އެންބިއުލާންސްގެ ހިދުމަތް މާލެ ސަރަހައްދުގައި ދިނުމަށްޓަކައި 24 ގަޑިއިރު ހިދުމަތްދޭ ކޯލް ސެންޓަރެއް ގާއިމުކޮށް މިކަމަށް ހާއްސަ ނަންބަރެއް ވެސް ވަނީ ކަނޑައަޅާފަ އެވެ. މިގޮތުން ކަނޑައަޅާފައިވާ ނަންބަރަކީ "100" އެވެ.

މިހިދުމަތް ތައާރަފް ކުރުމުގެ މައިގަނޑު މަގުސަދަކީ މެޑިކަލް އެމަޖެންސީތަކާއި އެކްސިޑެންޓްތަކުގައި އަވަހަށް އެޓެންޑްވެ ސިއްހީ ހިދުމަތްދޭ ތަނަކަށް ގެންދެވެންދެން ޕްރީ ހޮސްޕިޓަލް ކެއާގެ ހިދުމަތް ފޯރުކޮށްދީ ބަލިމީހާގެ ފުރާނަ ސަލާމަތްކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމެވެ.

ހެލްތު މިނިސްޓްރީން މާލެ ސަރަހައްދުގައި މި ހިދުމަތް ކުރިއަށް ގެންދާނީ މާލެ ސަރަހައްދު ހޮސްޕިޓަލްތަކާއި އަދި ގައުމީ އެމްބިއުލާންސް ހިދުމަތުގެ މުވައްޒަފުންނާއި ވަސީލަތްތައް ބޭނުންކޮށްގެން ކަމަށެވެ. މިގޮތުން މާލެ ސަރަހައްދުގެ ބޮޑެތި ހޮސްޕިޓަލްތަކާއި އަދި ކަމާގުޅުންހުރި މުއައްސަސާތަކުން މި ހިދުމަތް ފޯރުކޮށްދިނުމުގައި ބައިވެރިވާނެ އެވެ.

މިހިދުމަތް މިއަދު ތައާރަފް ކުރެވުނީ މާލެ ސަރަހައްދަށް ކަމުގައިވީ ނަމަވެސް މުސްތަގްބަލްގައި އެކި ސަރަހައްދުތަކަށް ބަހާލެވިގެން މުޅިރާއްޖެއަށް މިހިދުމަތް ފުޅާކުރެވިގެންދާނެ ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެ އެވެ.