އާބަންކޯ

ހުޅުމާލޭގެ ފްލެޓްތައް ކައިރީގެ ހުސްޖާގަ ބޭނުންކުރާނެ ގޮތުގެ އުސޫލެއް

ހުޅުމާލެ ނެއިބަހުޑްތަކުން ދިރިއުޅުމަށް ދޫކުރާ އެއްމެދު އިމާރާތްތަކުގެ ވަޑައިގެންވާ ހުސްޖާގަ ބޭނުންކުރާނެ ގޮތުގެ އުސޫލެއް އާންމުކޮށްފި އެވެ.

މި އުސޫލު އާންމުކުރީ ހުޅުމާލޭގައި މީހުން ދިރިއުޅޭ ފްލެޓްތަކުގެ އެއްމެދު ސަރަހައްދަކީ އާއްމުންނަށް ރައްކާތެރި، ހިތްގައިމު އަދި ކުޑަކުދިންނާ ރައްޓެހި ތަނަކަށް ހެދުމަށް އަބަންކޯއިން ކުރިއަށްގެންދާ "ހިތްފަސޭހަ" މަޝްރޫއުގެ ދަށުންނެވެ.

އުސޫލާ ގުޅޭ ގޮތުން ޕްލޭނިން މިނިސްޓްރީގެ އެސިސްޓަންޓް ޑައިރެކްޓަރު އަބްދުﷲ ފިރާގު ވިދާޅުވީ ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ވަށައިގެންވާ ހުސް ޖާގަތައް މިހާތަނަށް ބޭނުންކުރެވެމުން ދިޔައީ ހާއްސަ އުސޫލެއް ނެތި ކަމަށެވެ.

މި ހުސް ޖާގަތަކުގައި އެކި ކަހަލަ ގަސް އިންދާފައިވާއިރު ހަތަރު ފުރޮޅުލީ އުޅަނދުތަކާއި ސައިކަލުތައް ޕާކްކުރުމަށްވެސް މި ޖާގަަތައް ބޭނުންކުރަމުންދާކަން އަބްދުﷲ ފާހަގަކުރި އެވެ.

"މި ގަސްތަކުގެ ސަބަބުން ބިލްޑިންގް މެއިންޓަނަންސް ޓީމަށްވެސް ވަރަށް ބޮޑެތި ޗެލެންޖަސްތަކެއް އެބަ އާދޭ. ގަސްތަކުގެ މޫތައް ފްލެޓް އިމާރާތުގެ ޖަންގްޝަންތަކަށް ވަނުން ފަދަ އުނދަގޫތައް ދިމާވޭ،" އޭނާ ވިދާޅުވި އެވެ.

އާ އުސޫލުގެ ދަށުން ނަގަންޖެހޭ ގަސްތައް ނެގި ނަމަވެސް ގަހުގެ ވެރިފަރާތުގެ ރުހުމާއެކު ހުޅުމާލޭގައި ހުރި ޕާކްތަކުގައި އެ ގަސްތައް އިންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޕާކްކުރުމަށް ހާއްސަ ޖާގަތަކެއް ކަނޑައެޅުމަށް ވަނީ ނިންމާފަ އެވެ. އެއާއެކު ފްލެޓްތައް ކައިރީގައި އޮންނަ ކޯޓްޔާޑް ސަރަހައްދަށް ވެހިކަލްތަކަށް ނުވަދެވޭ ގޮތަށް ބަންދުކުރެވޭނެ ކަމަށް އަބްދުﷲ ފިރާގު ވިދާޅުވި އެވެ.

އަބްދުﷲ ވިދާޅުވީ އާބަންކޯގެ އުސޫލުގައި ހިމެނޭ ކަންކަން ކުރުމަށް ފްލެޓް ހިމެނޭ ސަރަހައްދުގައި އުޅޭ މީހުން އިސްނަގައިގެން ހުށަހެޅޭނެ ކަމަށެވެ.

އެގޮތުން ހުސްޖާގައިގައި ކުޑަކުދިން ކުޅޭ ސަރަހައްދު ނުވަތަ ޖޯލި ބެހެއްޓުމަށް ހުށަހެޅޭނެ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ޕޮޓުގައި ގަސް އިންދޭނެ ކަމަށާއި ބިންމަތީގައި އިންދޭނެ ގަސްތަކެއްވެސް އުސޫލުގައި ކަނޑައަޅާފައިވާ ކަމަށެވެ.

މި އުސޫލު އާންމުކޮށް އާބަންކޯ އިން އަމަލީ މަސައްކަތް ފަށާފައިވާއިރު ފްލެޓް 108 އަދި 109 ހިމެނޭ ސަރަހައްދުގައި ގައިޑްލައިނަށް އަމަލުކުރުމުގެ ގޮތުން ޕައިލެޓް ޕްރޮޖެކްޓެއް ވަނީ ފަށާފަ އެވެ.