ވާހަކަ

އަދުވީ ރޯށޭ

( 24 އޮކްޓޯބަރ 2023 އާ ގުޅޭ )

"މަރުވާން ނޭދޭ ލިވީ." އަހަރެންގެ ނިތްކުރީގައި އަރަޝްގެ ނިތްކުރި ގެނެސް ޖައްސާލުމާއެކު ބުންޏެވެ. އެހިނދު އެ ދެ ލޮލުން ވެއްޓުނު ކަރުނަތިކި އަހަރެންގެ ދެ ކޯތާފަތަށް އިޙްސާސް ވެގެން ދިޔައެވެ.

"އަހަރެންދެކެ ތިވަރަށް ލޯބިނުވޭ." އަހަރެންގެ ނިތްކުރީގައި އަރަޝްގެ ތުންފަތް ޖައްސާލައިގެން ހުރެ ބުންޏެވެ.

"ނޫން... މިވަރަށް އެހެން މީހެއް ދެކެ ލޯތްބެއް ނުވެވޭނެ. ދިމާވާ އެއްވެސް މީހަކު އަރަޝްއަކަށް ނުވާނެ. ޕްލީޒް. އަހަރެންނާ ދުރަށް ނުދޭ. އަރަޝް ޕްލީޒް. މިހާރު އަހަރެންނަކީ ކުޑަކުއްޖެއް ވެސް ނޫން. ވަކިވާންޖެހޭ އެއްވެސް ސަބަބެއްނެތް." ރޮމުންރޮމުން އަހަރެން ވާހަކަދެއްކީމެވެ.

"ސޮރީ ލިވީ." އަރަޝްގެ އަޑު ބެދުނެވެ. އިތުރަށް އޭނާއަށް ވާހަކައެއް ނުދެއްކުނެވެ. އަހަރެންގެ ގައިގާ ބައްދާލުމާއެކު އޭނާއަށް ގިސްލެވެންފެށިއެވެ. އަހަރެންނަށް ވެސް ރޮވެނީއެވެ. އޭރު ހިތަށް އެރި އެވެ. އަރަޝްއަށް އަހަރެންނާ ވަކިވާން މަޖުބޫރުވީ ހެއްޔެވެ. އޭނާގެ ރުއިމުގައިވާ ހިތްދަތިކަން އަހަރެންގެ ހިތާއި ޟަމީރު ވެސް ދެނެގަތެވެ. އަހަރެންނާ ވަކިވުން އޭނާއަށް ވެސް ފުން ހިތާމައެއް ގެނުވި ކަމަކަށްވީ ހެއްޔެވެ.

"ލިވީ." އަރަޝްގެ ނަފްސު ހަމައަކަށް އެޅުމުން އޭނާ ދެ ލޯ ފުހެލާފައި އަހަރެންނަށް ބަލާލިއެވެ. އަހަރެންގެ ކަނާއަތުގައި ހިފާލުމާއެކު ހިނގައިގަތީ ސޯފާއާ ދިމާއަށެވެ. އަހަރެންގެ ކައިރީ ސޯފާގައި އަރަޝް އިށީނެވެ. އަހަރެންގެ މޫނަށް ފަރުވާތެރިކަމާއެކު އަރަޝް ބަލަން ފެށިއެވެ. އެގޮތުގައި ގެއްލި އިނދެ އުފުލާލި އަރަޝްގެ ވައަތްތިލައިގެ އިނގިލިތަކުން އަހަރެންގެ ކޯތާފަތުގައިވީ ކަރުނައިގެ ތެތްކަން ފުހެލާ ދިނެވެ. ދެން އޭނާގެ ދެ އަތްތިލައިގެ ތެރެއަށް އަހަރެންގެ ދެއަތްތިލަ ލުމާއެކު ހިފަހައްޓާލިއެވެ. މަޑުމަޑުން އިސް އޮބާލާފައި އަލުން އަހަރެންނާ އެ ނަޒަރު ސީދާކޮށްލިއެވެ.

"އަހަރެންގެ ކުރިމައްޗަށް ދުވަހަކުވެސް ލިވީ ނާދޭތޯ ދުޢާ ކޮށްލަކޮށްލާ ހުރީ. ދުވަހަކުވެސް ލިވީއާ އަލުން މީޓުވާކަށް އަހަރެން ބޭނުމެއްނޫން. އެކަމަކު ކިހިނެއް މިވީ... އެންމެ ފުރަތަމަ އަހަރެންނާ ލިވީ ބައްދަލުވީ ފަދައިން ދެވަނަ ފަހަރަށް އަހަރެމެން މިވަނީ ބައްދަލުވެފައި. ކުލާސްރޫމުގައި ލިވީގެ ކުރިމަތީގައި ހުރުން އަހަރެންނަށް ދަތިވެ ކޮންމެ ގަޑިއެއް ވަރުގަދަ ހަނގުރާމައަކާ ކުރިމަތިލުމެކޭ އެއްވަރުވި." އަރަޝްގެ ދެ ލޮލުން ފާޅުވާން ހުރީ މާޔޫސްކަމާއި ހިތާމައެވެ. އެ އަސަރުތައް އެ ދެ ލޮލުގައިވާން ޖެހުނު ސަބަބެއް އަހަރެންނަށް އޮޅުމެއް ނުފިލިއެވެ.

"އަހަރެންދެކެ އެހާ ވެސް ފޫހިވީތަ؟." އަހަރެންނަށް އަހާލެވުނެވެ. އެހިނދު އަރަޝް ނޫނެކޭ ބުނަން މަޑުމަޑުން ދެ ފަރާތަށް ބޯހޫރާލިއެވެ. އޭނާ އަހަރެންގެ އަތުން ދޫކޮށްލިއެވެ. އަހަރެންނާ ކުރިމަތިލައިގެން އިނުމުގެ ބަދަލުގައި ދިމާ ކުރިމައްޗަށް އެނބުރިލިއެވެ. އަދި ފައި ދެ އަތް އަޅުވާލައި ހަށިގަނޑު ގުދުކޮށްލައިގެން އިސްޖެހިފައި އިނދެ ވާހަކަ ދެއްކިއެވެ.

"ލިވީ އަހަރެންގެ ކުރިމައްޗަށް އައުމުން އެނގުނީ އަހަރެންނަށް އިތުރަށް ނުފިލޭނެކަން. ލިވީއާ ބައްދަލުވާން ބޭނުންނުވީ ފޫހިވާތީއެއްނޫން. ލިވީއާ ކުރިމަތިލައި ހަޤީޤަތް ކިޔާދޭނެ ހިތްވަރު ނެތިގެން. ލިވީ ބުނެބަލަ... ކީއްވެ މެލްބަންއަށް އައީ. އެވެސް މެލްބަން ޔުނިވަރސިޓީއަށް." އަރަޝް ބުންޏެވެ.

"އަހަރެން އިޚްތިޔާރުކުރީކީ ނޫން. އަހަރެންގެ ކަޒިން ދީނާގެ ނިންމުން މީ. މަންމަމެން ބޭނުންވީ އޭނާއާއެކީ އަހަރެންވެސް ކިޔަވަން އަންނަން. މަންމަމެންގެ ބަސް އެހުނީތީ އަހަރެންނަށް އަރަޝް ފެނިއްޖެ. ނޫންތަ؟. މިކޮޅަށް އާދެވުނުކަން ނަސީބެއް." އަހަރެން ބުނީމެވެ.

"އަހަރެމެން އަލުން ބައްދަލުވިކަން އެއީ ބަދުނަސީބުކަން." އަރަޝް ބުންޏެވެ.

"ކީއްވެތަ ތިހެން ތިބުނީ. އަރަޝް އުފަލެއްނުވޭތަ. އަހަރެންދެކެ ކުޑަކޮށް ވެސް ލޯތްބެއް ނުވޭތަ؟." އަހަރެންނަށް ބުނެވުނެވެ. އަރަޝްގެ ވާހަކަތަކުން އަހަރެންގެ ހިތަށް ދަތިވަނީއެވެ.

"ހަޤީޤަތް އެނގުނީމަ ލިވީ އަހަރެންނަށް ނަފުރަތުކުރާނެވަރު އެނގޭ. އަހަރެންނަށް ލިވީގެ ލޯތްބެއް ހައްޤެއްނޫން." އަރަޝް މިހެން ބުނެ ފައިގައި ދެ އުޅަންބޮށި ވިއްދާލުމާއެކު ދެ އަތްތިލައިގެ ތެރޭ މޫނު ފޮރުވާލިއެވެ.

"ކީއްވެ؟. ކޮން ހަޤީޤަތެއް؟... ތީ... އެހެން މީހެއްގެ ހައްޤެއްތަ؟. އިރުކޮޅެއް ކުރީން... ނުކުމެގެން އެ ދިޔައީ... އެއީ ވައިފްތަ؟. އަރަޝްގެ މަޖުބޫރަކީ އެއީތަ؟." އަހަން ބޭނުންނުވެފައި އިނދެ އަހަރެން ސުވާލު ކުރީމެވެ. ދެ އަތުގެ ތެރެއިން މޫނު ހިއްލާލިއެއް ކަމަކު އަރަޝް ބަލައެއް ނުލިއެވެ.

"އަހަރެން ލިވީއަށް ދޮގެއް ނުހަދަން. އަހަރެންނަކީ މީހެއްގެ ފިރިއެއްނޫން. ދުވަހަކުވެސް ކައިވެންޏެއް ނުކުރަން. ލޯބިވެރިއަކު ވެސް ނެތް. ލިވީގެ ފަހުން އެއްވެސް އަންހެނަކު ނުހޯދަން. އަދި ކުރިޔަށް އޮތްތަނުގައި ވެސް އަހަރެންގެ ހަޔާތަށް އަންހެންކުއްޖަކު ގެންނާކަށް ގަސްދެއް ނުކުރަން. ލިވީއަށް އަހަރެންނާ ބެހޭގޮތުން އެނގެނީ ކޯއްޗެއް. އަހަރެން މީ ކިހިނެއް ދިރިއުޅެމުން އަންނަ މީހެއްކަން ލިވީއަށް އެނގޭތަ... އަހަރެން ކަހަލަ ޒުވާނުންނަށް ދީފައި އޮންނަ ލަގަބު އެނގޭތަ؟. އަހަރެންނަކީ ޕްލޭބޯއެއް. އެއްވެސް ހަރުދަނާކަމެއްނެތް މުއްސަނދި ދިރިއުޅުމެއްގައި އުޅޭ މަޖާކުރުމުގައި އިމެއްނެތި ދިރިއުޅެމުން އައި ޒުވާނެއް. ވަރަށް ޅައުމުރުގައި އަހަރެންގެ ވިޔާނުދާ ދިރިއުޅުން ފެށިއްޖެ. ލިވީގެ ނިޔަތް އަހަރެންނަށް އެނގުނު ދުވަހުން ފެށިގެން އަހަރެން ލިވީއާ ގާތްކަން އުފެއްދީ އެންމެ ބޭނުމަކު. މާލޭގައި ހުންނަ ދުވަސްކޮޅު ފޫހިފިލުވާލައި ހިތްހަމަޖައްސާލަން. އެކަމަކު މަޖަލާއި އަރާމުގެ ތެރެއިން އަހަރެންނަށް ލިވީދެކެ ލައިކްވެވެން ފެށުނީ. ލިވީ އަހަރެންދެކެ ލޯބިވާވަރު އިޙްސާސް ކުރެވުނު. ތި ހިތުގައި ޖައްސާކަށް ނުކެރުނު. ސިކްސް މަންތް އެނިވަރސަރީގައި އަހަރެން ހުރީ ލިވީއާ މެދު އަހަރެން ވަރަށް ސީރިއަސްކޮށް ދެކެންކަން ބުނަންވެގެން. އަހަރެންގެ ހިތް ބުނަމުން ދިޔައީ ސީރިއަސް ދިރިއުޅުމެއް ފަށަންވެއްޖެކަން. އަދި އެ ދިރިއުޅުމަށް ލިވީ ކަހަލަ ކުއްޖަކު ބޭނުންވަނީ. ލިވީ ހަނދާން އެބަހުރި އަހަރެންގެ ފައިވަޅާ ދިމާގައި އަޅާފައި ހުރި ބޭސްގަނޑު. ލިވީ އެހީމެންނު ކިހިނެއްވައިހޭ. ކުދި ބިހިތަކެއް ނަގައި ފޮޅަށް ވެފައި ފަޅައިގެން ދިޔައީއޭ އަހަރެން ބުނީމެންނު. އެތަން ހުރި ގޮތް ވެސް ލިވީއަށް ދެއްކީމެންނު." އަރަޝް ފުންނޭވާއެއް ދޫކޮށްލީ ވާހަކަދައްކަން އުނދަގުވެފައިވާ މީހަކު ފަދަ އިންނެވެ. އޭނާއަށް އެ ވާހަކަ ދައްކަން އުނދަގޫވީ ކީއްވެބާއޭ އަހަރެން ހިތަށް އެރިއެވެ. އަރަޝްގެ ހަށިގަނޑު އަހަރެންނަށް ފެނިފައިވާއިރު އޭނާއަށް ވެސް އަހަރެންގެ ހަށިގަނޑު ވަނީ ފެނިފައެވެ. އަހަރެމެންގެ ދެމެދުގައި އެ ފަރުދާ ނެގިފައިވާއިރު ދެ މީހުންގެ އުނިކަމެއް ހުރިނަމަ އެކަކުއަނެކަކަށް ވާނީ ފެނިފައެވެ.

"ހަނދާން އެބަހުރި... އެލާޖިކްވީއޭ އަރަޝް ބުނީ. އަރަޝްގެ އެއްވެސް ކަމެއް އެއީ ކިތަންމެ އާދައިގެ ކުޑަކުޑަ ކަމަކަށް ވިޔަސް އަހަރެންގެ ހަނދާނުގައި އިއްޔެވީ ކަމެއްހެން ހަރުލާފައި އެބަހުރި. އެކަމަކު އަހަރެންނަކަށް އަދިވެސް ނުވިސްނޭ އަރަޝް ތިދައްކާ ވާހަކައެއް. އަރަޝްގެ ހަށިގަނޑުގައި ފާރުގަނޑެއް ހުރުމަކުން ނުނީ ނުފިލާވަރުގެ ލަކުނެއް ހުރުމަކުން އަހަރެންނަށް ބަލަން ނުކެރިއެއް ނުހުންނާނެ. އަބަދުވެސް އަހަރެންގެ ނަޒަރުގައި އަރަޝްއަކީ ފުރިހަމަ މީހެއް. އަހަރެންގެ ހިތް އަވަސްކުރުވާހާ ރީތި ފިރިހެނެއް... އަހަރެންނާ ފުރަތަމަ ދިމާވިއިރު އަރަޝް ލޯބި ނުވިޔަސް މިހާރު ލޯބިވެޔޭ ތިބުނީ. ތަޤްދީރު މިވަނީ އަހަރެމެން އަލުން އެއްތަން ކުރުވާފައި. އަލުން ދެ މީހުން ގުޅޭން މި ފުރުޞަތު ފުދޭ... ނޫންތަ؟. އަރަޝް އަހަރެންދެކެ ލޯބިވޭ. އަހަރެން އަބަދުވެސް އަރަޝްދެކެ ލޯބިވަން. އަލުން އާ ފެށުމަކުން ފަށަން ހިނގާ. އަހަރެން މިހުރީ އަރަޝްއާއެކު ހަޔާތުގެ ދުވަސްތައް ހޭދަކުރަން ތައްޔާރަށް." އަހަރެން ބުނީމެވެ.

"ލިވީގެ ތި މައުސޫމްކަމުން އަހަރެން ފައިދާނެގީ. ހަމަ ތި މައުސޫމްކަންދެކެ އަހަރެންނަށް ލޯބިވެވުނީ. އަހަރެން ވެސް ހިތަށް އަރާ އާ ފެށުމަކުން ފެށޭނެނަމައޭ. ގެއްލިގެން ދިޔަ ދުވަސްތައް އަނބުރާ ހޯދޭނެނަމައޭ. އަހަރެންނަށް ކުރީން ވިސްނުނުނަމައޭ. އުޅުން ބަދަލުކުރެވުނުނަމައޭ... ލިވީއަށް އެނގޭނެ ހަމައެކަނި ނަމައަކުން ވާނޭކަމެއް ނޯންނާނޭކަން. އެހެން ބުނަނީ އަމިއްލަ ނަފްސު ކުށްވެރިނުކުރަންވެގެން. އެކަމަކު އެހެނޭ ކިޔާފައި ތިމާ ކޮށްފައި ހުރި ކަންކަން ފުހެވި ބަދަލުވާނެތަ." އަރަޝްގެ ވާހަކަ މެދުކަނޑާލައި އަހަރެން އޭނާއަށް ގޮވާލީމެވެ. އޭނާގެ ގާތަށް ޖެހިލައި ވައަތު މުލައްދަނޑީގައި ހިފާލީމެވެ. ކޮންމެ ހާލެއްގައި ވިޔަސް އަހަރެންނަށް އަރަޝްއާއެކީ އުޅެވޭނެކަމުގެ ޔަގީންކަން ދޭން މަސައްކަތް ކުރީމެވެ.

"އަޑުއަހާބަލަ ލިވީ. އަހަރެންގެ ވާހަކަ ނިމުނީމަ ދެން ލިވީ ބުނަން ބޭނުންވާ އެއްޗެއް ބުނޭ. އަހަރެން ލިވީ ބުނާއެއްޗެއް އަޑު އަހާނަން. އެކަމަކު އިހަށް އަހަރެން ވާހަކަދެއްކިޔަ ދީ." އަރަޝް މިހެން ބުނުމުން އަހަރެން އެއްބަސްވުމުގެ ގޮތުން ބޯޖަހާލީމެވެ. އެއާއެކު އޭނާ ދައްކަން ހުރި ވާހަކަތައް ފެށިއެވެ.

ހުރިހާކަމެއް ބަދަލުވީ އަރަޝްގެ ފައިވަޅުގައި ދަދު ގޮތަށް ނެގި ތަންކޮޅެއްގެ ސަބަބުންކަން ބުނެ އޭނާ ކިޔާދޭން ފެށިއެވެ. އެތަންކޮޅުގެ ކައިރިފަށުން ކުދިކުދި ބިހިތަކެއް ނަގައި ފޮޅުތަކަކަށްވެފައި ފަޅައިގެން ދިޔައީއެވެ. އަހަރެން ކައިރީ ބުނިހެން އަރަޝް ވެސް ފުރަތަމަ ހީކުރީ އެލާޖިކެއްވީ ކަމަށެވެ. ޑަކްޓަރަށް ދެއްކުމުން "ރިންގްވޯމް" ކަމަށް ބުނެ އުނގުޅާ ބޭހެއް ދިނީއެވެ. ނަމަވެސް އެތަން ރަނގަޅުނުވެ ދިޔަލާ ގޮތްވެ ފަހުން ހުން ވެސް އައީއެވެ. ދެ ފަހަރު ޑަކްޓަރަށް ދައްކައިގެން ވެސް ރަނގަޅުވާ ގޮތެއްނުވިއެވެ. ރޭގަނޑަށް އޭނާ ހުން އައުން އާންމުވީއެވެ. އެކަން ރަނގަޅުނުވެގެން އުޅެނިކޮށް ރޯގާ ޖެހިއްޖެއެވެ. މާބޮޑަށް ބަލިވާން ފެށުމުން ހަށިގަނޑުގެ ވަރު ދެރަވާންފެށީއެވެ. އަރަޝް ފުރައިގެން ދިޔައީ އެހެންވެގެންނެވެ. އަރަޝްއަކީ ބަލިތަކާ ދުރު މީހެއްކަން ބުންޏެވެ. އެހެންވެ ބަލިވާން ފެށުމުން އޭނާ ކަންބޮޑުވީއެވެ. އެނބުރި ޢާއިލާގެ ކައިރިޔަށް ސިންގަޕޫރަށް އޭނާ އައިސް އެތަނުން ޑަކްޓަރަށް ދެއްކީއެވެ. އެކޮޅުން ޑަކްޓަރަށް ދެއްކާފައި އުނގުޅަން ދިން ބޭހަކާއެކު ނިކަން ފަސޭހައިން ފައިވަޅުގައި އިންތަން ރަނގަޅުވެއްޖެކަމުގައި އަރަޝް ބުންޏެވެ. ނަމަވެސް އެތަން އެއްކޮށް ނުފިލާ މަޑު ރަތްކަމެއް ހުރިކަން ފާހަގަވީއެވެ. އެކަމަކު އޭރު ފާރުގަނޑު ރަނގަޅުވެ އުނދަގޫވަންތައް ކެނޑުނީތީ އަޅާނުލާ ހުރީ ކަމުގައި ބުންޏެވެ. ގޭގައި ހުންނަތާ ދެ ހަފްތާވުމުން އަރަޝް ހުރީ ބޯހަމަޖައްސާލަން ބޭރަށް ނުކުމެލަން ބޭނުންވެފައެވެ. އޭނާގެ ރަޙުމަތްތެރިން ހައިކައިންއަށް ދާން އުޅޭކަން އެނގުމުން އެކަމުގައި އޭނާ ބައިވެރިވީއެވެ. އޭރު އަރަޝް ގަސްދުކޮށްގެން ހުރީ ހައިކިން ނިންމާފައި މާލެ އަންނާށެވެ. އަހަރެންގެ ކިޔެވުން އެހާތަނަށް އޮންނާނީ ނިމިފައިކަން އެނގޭތީއެވެ. އަދި މާލެ އައިސް އަހަރެން ގޮވައިގެން ޚާއްޞަ މަންޒިލަކަށް ގޮސް "ޕްރޮޕޯސް" ކުރަން ނިންމައިގެންނެވެ. އަންގާލުމެއްނެތި ފުރައިގެން ދާންޖެހުނީ ކީއްވެކަން އަހަރެންނަށް ކިޔައިދީ މަޢާފަށް އެދެން ވެސް ގަސްދުކޮށްގެންނެވެ. އަރަޝްގެ ޢާއިލާއަށް އަހަރެން ތަޢާރަފްކޮށްދޭން ވިސްނާފައި އޮތްކަން ވެސް ބުންޏެވެ. ނަމަވެސް އެ ހުރިހާ ނިންމުމެއް އޭނާއަށް ބަދަލުކުރާން މަޖުބޫރުވީ ކަމުގައި ބުންޏެވެ.

"ކިހިނެއްވީ؟." އަރަޝް ވާހަކަ ހުއްޓާލާފައި މޫނުގައި ދެ އަތް އެޅުމުން އަހަރެން އަހާލީމެވެ.

"އަހަރެންނަށް މަޢާފުކުރާނަންތަ؟." ދެ އަތް ތިރިކޮށްލި އިރު އަރަޝްގެ ދެ ލޯ ވަނީ ކަރުނުން ފުރިފައެވެ.

"ކޮންކަމަކަށް މަޢާފުކުރަންވީ. އަރަޝް ކުރީ ކޮންކަމެއްކަން އަހަރެންނަކަށް އަދިވެސް ނޭނގޭ. އަހަރެން ދޫކޮށްލާފައި ދާންޖެހުނީމަތަ؟. ޕްލީޒް ނުރޮއެ. އަރަޝް ރޯތަން ފެނުނީމަ އަހަރެން މާ ދެރަވޭ. ހިނގާ މެރީ ކުރަން. އަރަޝް އަހަރެންނާ މެރީކުރަން ބޭނުންތަ؟." އަރަޝް އެވަރަށް ރޯތީ އަހަރެން އިންތިހާއަށް ކަންބޮޑުވިއެވެ. އޭނާގެ ބުރަކަށީގައި މަޑުމަޑުން ފިރުމާލީމެވެ. ނަމަވެސް ކައިވެނީގެ ވާހަކަ ބުނުމާއެކު އަރަޝްއަށް މާބޮޑަށް ރޮވިއްޖެއެވެ. އަހަރެން އަރަޝްގެ ގައިގާ ބައްދާލީމެވެ. އޭނާއަށް ރުއިން ހުއްޓާލެވެންދެން ފިރުމާދިނީމެވެ.

"ފެންފޮދެއް ބޯލަންވީނު." މޫނު ފުހެލުމަށްފަހު އަރަޝް ތުންފަތުގައި ދޫ ހިންގާލިތަން ފެނި އަހަރެން ބުނީމެވެ. އެއާއެކު އޭނާ ދެ ފަރާތަށް ބޯހޫރާލީއެވެ. އަދި ކުރެހިފައި އަޑުން އަރަޝް ވާހަކަދައްކަން ފެށިއެވެ.

"ހައިކިންނަށް ނުކުމެ އުޅެނިކޮށް މޭސަންއަށް އަނިޔާވެގެން ވަގުތުން ހޮސްޕިޓަލަށް ގެނައީ. އެބީ ޕޮޒިޓިވް ލޭ ބޭނުންވީއިރު އަހަރެން އެކަނި ހުރީ އެ ލޭގެ ގުރޫޕުގައި ހިމެނޭ. އެހެންވެ ލޭދޭން ކްރޮސްމެޗް ހެދީ. ހުރިހާކަމެއް ފަޅާއެރީ އެހިސާބުން. ހާމަވެގެން ދިޔައީ ހަޤީޤަތް އަހަރެންގެ ހުރިހާ އުންމިދެއް ފުނޑުފުނޑުކޮށްލި. އަހަރެންގެ އުޅުން ބަދަލުކޮށް ރަނގަޅުވާން ބޭނުންވެފައި ވަނިކޮށް އަހަރެން ކުރި ކުށުގެ ސަޒާ މި ލިބުނީ. ހައްދުފަހަނަ އަޅާފައިވީތީ އެކަމުގެ ހިތި ނަތީޖާ މިއަދު ފެންނަމުން މިދަނީ. ލިވީ... އަހަންނަކީ މިހާރު ބަލި މީހެއް، ޝިފާއެއްނުވާ ނުބައި ބައްޔެއްޖެހިފައިވާ މީހެއް، އަހަރެންގެ ލޭގެ ޓެސްޓު ހެދުނު އަދަދެއް ޚުދު އަހަރެންނަށް ވެސް ބުނަން ނޭނގޭ، ދުނިޔޭގެ އެތަންމިތަނުން ހަދައިފިން، އެކަމަކު ނަތީޖާ ހަމަ އެކައްޗެއް، އަހަރެން... އަހަރެން މިވަނީ އެޗް.އައި.ވީއަށް ޕޮޒިޓިވް ވެފައި. އެއިޑްސްގެ ޝިކާރައަކަށް ވެފައި. ވައިރަސްގެ އެޓޭކްތަކުން އަހަރެންގެ ގައިދާ ހެދުނު ފާރުކޮޅެއް އެއީ. އޭރު ވެސް އަހަރެންގެ ހަށިގަނޑުގައި އެ ނުބައި ވައިރަސް ހުރި. ދެން ބުނެބަލަ އަހަރެންނަށް މަޢާފުކުރެވިދާނެތަ؟. ދުވަހަކު ވެސް ލިވީގެ މަޢާފު މިކަމަށް ލިބިދާނެތަ؟. އަހަރެން އެންމެ ފަހުން ގާތްވި އަންހެންކުއްޖަކީ ތީ. ހަޔާތުގެ ބާކީބައި ވޭތިކުރަން ބޭނުންވީ ވެސް ލިވީއާއެކު. އަހަރެމެން އެކަން ކުރިއިރު އެއްވެސް ފަހަރަކު ރައްކާތެރިކަމެއް ބޭނުމެއް ނުކުރަން... ލިވީ. އަހަރެން ގަސްދުގައެއްނޫން. ޕްލީޒް ޤަބޫލުކުރޭ. ލިވީއަށް ދެރައެއްދިނުމުގެ ވިސްނުމެއް ދުވަހަކުވެސް ނެތް. ލިވީ. އަހަރެންނަށް މަޢާފްކުރޭ." ތެމެމުންދިޔަ ކޯތާފަތް ފުހެލުމެއްނެތި އަރަޝް ބަލަން އިނީ އަހަރެންނަށެވެ.

އަރަޝްގެ ފަހު ޖުމްލަތަކުން އަހަރެންގެ ގަޔަށް ހޮނުއެޅި ފަދައެވެ. ބަހެއްބުނަން ނޭނގުނުތާ ހަރަކާތެއް ވެސް ނުކުރެވުނެވެ. ގަނޑުވެފައި އިނދެވުނީއެވެ. އޭރު އަހަރެންގެ ނޭވާ ތާށިވަމުން އަންނަ ފަދަ އިޙްސާސެއް ކުރެވެންފެށިއެވެ. ނުފެންނަ ދެ އަތުން އަހަރެންގެ ކަރުގައި ހިފައި ބާރުކުރާ ކަހަލައެވެ. މޭ ފިތެމުންދިޔައެވެ. ނޭވާ ނުލެވިގެން އަނގަ ހުޅުވާލެވުނެވެ. ނޭވާ ހިއްލާ މީހަކަށް އެޓޭކެއް އައި ފަދައިން އަހަރެން ނޭވާ ނުލެވިގެން ތެޅެންފެށީމެވެ. އަރި އަޅައިލި ހިނދު ތަޅުންގަނޑު މައްޗަށް އަހަރެން ވެއްޓުމުގެ ކުރީން އަރަޝް ހުސިޔާރުކަމާއެކު އަހަރެން ހިފަހައްޓައިފިއެވެ. އަހަރެން ކޮޅަށް ނަގައި އަހަރެންނާއެކީ އަރަޝް ވެސް ތެދުވެއްޖެއެވެ. އޭގެ ކުރިއަކުން ދުވަހަކުވެސް ޕެނިކް އެޓޭކެއްގެ އިޙްސާސް އަހަރެން ނުކުރަމެވެ. ނޭވާލާން މަސައްކަތް ކުރަމުން އަރަޝްއާ ދުރަށް ދެވޭތޯ އޭނާ ކޮށްޕަންފެށީމެވެ. އަރަޝް އަހަރެންނަށް ގޮވިޔަސް އޭނާ ދައްކާ ވާހަކައެއް އަހަރެންނަށް ސާފެއް ނުވެއެވެ. ހާސްވަމުން ގޮސް އަހަރެންގެ ލޯ މައްޗަށް އަނދިރިވެ އެއްވެސް ބާރެއްނެތް ފަދައިން އަހަރެން ވެއްޓުނީއެވެ. ހޭވެރިކަން ނެތިދިޔައިރު ދުނިޔެއަށް އަލުން ލޯ ހުޅުވާލަކަށް އަހަރެން އެއްގޮތަކަށް ވެސް ބޭނުމެއްނޫނެވެ.

(ނުނިމޭ)