ފްރާންސްގެ މިއުޒިއަމެއްގައި ބަހައްޓާފައި ހުރި ޑްވޭން ޖޯންސަން -- ދަ ރޮކްގެ ވެކްސް ސްޓެޗޫއަށް ބަދަލުތަކެއް ގެނެސްފި އެވެ.
ޑްވޭންގެ ސްޓެޗޫއަށް ގެނައި ބަދަލުގެ ތެރޭގައި އެންމެ ބޮޑު ބަދަލަކީ ސްޓެޗޫގެ ހަމުގެ ކުލަ އެވެ.
ޑްވޭންގެ މަންމަ އަކީ ސަމޯއަން ދަރިކޮޅުގެ މީހަކަށް ވީއިރު ބައްޕައަކީ ކަޅު ނަސްލުގެ މީހެކެވެ. އެހެންނަމަވެސް ޑްވޭންގެ ސްޓެޗޫގެ ހަމުގެ ކުލަ ކުރިން ހަދާފައިވަނީ ޑްވޭންގެ އަސްލު ކުލައަށްވުރެ މާބޮޑަށް އަލިކޮށެވެ.
މިއުސޭ ގްރެވިންގެ މެނޭޖިން ޑައިރެކްޓަރު އީވް ދެމެލޯ އިންސްތަގްރާމްގައި ޕޯސްޓްކުރި ވީޑިއޯއެއްގައި ބުނީ އެ ސްޓެޗޫ ބޮކިތަކުގެ ދަށުގައި ޑިސްޕްލޭ ކުރީމަ، ހަމުގެ ކުލަ މާބޮޑަށް އަލިކަމަށް ދައްކާކަން ފާހަގަކުރެވުނު ކަމަށެވެ. އަދި އެމީހުންނަށް އެކަން ގޯސްކޮށް ކުރެވިފައިވާކަން އިހްސާސްވި ކަމަށެވެ.
އޭނާ ބުނީ އާޓިސްޓް ޓީމުން ސްޓެޗޫ ހަދާފައިވަނީ ޑްވޭންގެ ފޮޓޯތަކަށް ބަލައިގެން ކަމަށާއި އެކި ފޮޓޯތަކުގައި ޑްވޭން ވަރަށް ތަފާތު ކަމަށެވެ.
މި ސްޓެޗޫގެ ހަމުގެ ކުލައާއި އެހެނިހެން ބައެއް ބަދަލު ގެނެސް، މިދިޔަ ބުދަ ދުވަހު ވަނީ އަލުން ޑިސްޕްލޭކޮށްފަ އެވެ.
މިއުޒިއަމްގެ ތަރުޖަމާން ބުނީ ޑްވޭންއަށް އެކަމާ ބެހޭގޮތުން ގުޅިއިރު ވަރަށް ރީތިކޮށް ރުޅިވެރިކަމެއް ނެތި ވާހަކަ ދެއްކި ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ކުރަމުންދާ ތުހުމަތުތަކާ ހިލާފަށް އެމީހުން ޑްވޭން ހުދު ކުރީކީ ނޫން ކަމަށާއި އެއީ އޮޅުމަކުން ވީކަމެއް ކަމަށް ބުނެ އެކަން ރަނގަޅުކޮށްފައިވާ ކަމަށް ޑްވޭން އަށް އަންގާފައިވާ ކަމަށްވެސް ބުންޏެވެ.