ހަބަރު

ލަނޑާ ނަގަން އެރި އުޅެނިކޮށް ގެއްލުނު މީހާ އަދިވެސް ނުފެނޭ

ހޮނިހިރު ދުވަހުގެ ރޭ ފަތިހު ގއ. ކޫއްޑޫ ކައިރިއަށް ލަނޑާ ނަގަން އެރި އުޅެނިކޮށް ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ. ގެއްލިގެން ހޯދަމުންދަނީ ހދ. ކުޅުދުއްފުށި، ބޮޑުދުނބުރިގެ، އަބްދުއް ރަޝީދު އަލީ (32އ) އެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދާ މީހާ އަދިވެސް ފެނިފައި ނުވާ ކަމަށެވެ. އެ މީހާ ހޯދުމުގައި އެމްއެންޑީއެފްގެ ޓީމެއް މިހާރުވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެކަމާއި ބެހޭ ގޮތުން އެމްއެންޑީއެފްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އޭނާ ގެއްލުނުއިރު ލައިގެން ހުރީ ކަޅުކުލައިގެ ސްވިމް ސޫޓެއް ކަމަށް ފުލުހުން ބުނެ އެވެ. އަދި ފެހިކުލައިގެ ފިންސަކަށް އަރައިގެން ހުރިއިރު އޭނާ ހުރީ އެލުމިނިއަމް ކުލައިގެ ފުޅިއެއް އަޅައިގެން ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ، އަބްދުއް ރަޝީދު އަލީ މޫދަށް ފޭބުމަށްފަހު މިސްރާބު ޖަހާފައިވަނީ ގއ. ވިލިގިއްޔާ ދިމާއަށްކަމަށް އޭނާ އާއެކު ލަނޑާނެގުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ މީހެއް ބުނި ކަމަށެވެ. އޭނާ ހޯދުމުގެ މަސައްކަތްކުރަމުންދާ ފުލުހުން މައުލޫމާތު ދޭ ގޮތުގައި އެ ސަރަހައްދުގެ އޮއި އޮތީ އަތޮޅުގެ އެތެރެވަރިއަށް ވާގޮތަށެވެ. އަދި އެދިމާލުގެ އޮއި ހުރީ ވިލިގިއްޔާ ދިމާއަށެވެ.

އަބްދުއް ރަޝީދު އަލީ ގެއްލިފައިވާ ސަރަޙައްދުން ދަތުރު ކުރާ ފަރާތްތަކުން މިކަމަށް ސަމާލުވެ، އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ކޯސްޓް ގާޑް ނުވަތަ ފުލުހުންނާ ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.