ފިނިޕޭޖް

"ފްރެންޑްސް"ގެ މެތިއު ޕެރީ މަރުވެއްޖެ

މަގުބޫލް އަދި ހިޓް ސީރީޒެއް ކަމުގައިވާ "ފްރެންޑްސް"ގެ "ޗޭންޑްލާ ބިންގް" މެތިއު ޕެރީ މަރުވެއްޖެ އެވެ.

މެތިއު އޭނާގެ ލޮސް އެންޖަލަސް ގޭގެ ޖަކޫޒީގައި މަރުވެފައި ވަނިކޮށް ފެނުނީ އިއްޔެ ހަވީރު 4:00 ހާއިރު ކަމަށްވެ އެވެ. އޭނާ މަރުވި އިރު އުމުރަކީ 54 އަހަރެވެ.

މެތިއުގެ މަރާ ގުޅިގެން ޝައްކުވާ ޒާތުގެ އެއްވެސް ކަމެއް އަދި ޑްރަގްސް ފަދަ އެއްވެސް އެއްޗެއް މެތިއުގެ ހަށިގަނޑުގެ ކައިރިން ފެނިފައި ނުވާ ކަމަށްވެ އެވެ. ބެލެވޭ ގޮތުގައި މެތިއު މަރުވީ ގެނބިގެންނެވެ.

މެތިއު ވަނީ އޮކްޓޯބަރު 23 ވަނަ ދުވަހު ޖަކޫޒީގައި އިނދެގެން ފޮޓޯއެއް އިންސްތަގްރާމްގައި ޕޯސްޓްކޮށްފަ އެވެ.

މެތިއުގެ މަރާ ގުޅިގެން ވޯނާ ބްރަދާސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެތިއުގެ މަރާ ގުޅިގެން ވަރަށް ބޮޑަށް ދެރަވެ ހިތާމަކުރާ ކަމަށާއި މެތިއު އަކީ ވޯނާ ބްރަދާސްގެ ޓެލެވިޝަން ގްރޫޕްގެ މެންބަރެއް ކަމަށެވެ. އަދި މެތިއުގެ ވަސީއަތް އެންމެންގެ ހިތްތަކުގައި ދެމިގެން ދާނެ ކަމަށްވެސް ބުންޏެވެ.

މި ހަބަރާ ގުޅިގެން މެތިއުއާ އެކު މަސައްކަތްކޮށްފައިވާ އެކްޓަރުންނާއި އެކްސްޓްރެސުންނާއި ޑައިރެކްޓަރުން ދަނީ ތައުޒިޔާގެ މެސެޖުތައް ފޮނުވަމުންނެވެ.

ވިލިއަމްސްޓައުން މަސަޗުސެޓްސް ގައި އޮގަސްޓް 19، 1969 ގައި އުފަންވި މެތިއު އުޅެ ބޮޑުވީ ކެނެޑާގެ އޮޓާވާ ގައެވެ. މެތިއު އާދައިގެ ރޯލްތައް ކުޅެމުންގޮސް މަޝްހޫރުކަން ހޯދީ 1994 ގައި ފެށި އެންބީސީގެ "ފްރެންޑްސް" ސީރީޒްގެ ތެރެއިންނެވެ.

ދިހަ ސީޒަނަށް ކުރިއަށް ގެންދިޔަ މި ސީރީޒްގައި މެތިއުގެ ކެރެކްޓާ -- ޗެންޑްލާ ބިންގް ބޮޑަށް ފާހަގަވަނީ ސީރިއަސް މޫނަކާއެކު ވަރަށް މަޖާޒީ އަދި ސާކާސްޓިކް ބަހުން ވާހަކަ ދައްކާ މީހެއްގެ ގޮތުގައެވެ.

މި ޝޯގެ ތެރެއިން ލިބެމުން ދިޔަ މަޝްހޫރު ކަމާ އެކު މަސްތުވާތަކެއްޗަަށްވެސް އޭނާ ދެވިހިފަމުން ދިޔަ އެވެ. މެތިއު ވަނީ 1997 އާއި 2001 އާ ދެމެދު މަސްތުވާތަކެއްޗަށް ފަރުވާވެސް ހޯދާފަ އެވެ. އަދި މަލީބޫގައި ހުރި އޭނާގެ ކުރީގެ ގޭގައި ޕެރީ ހައުސް ކިޔާ އެފަދަ ސެންޓަރެއް ވެސް ހުޅުވި އެވެ.

މެތިއު ވަނީ މިދިޔަ ނޮވެމްބަރު މަހު މެމުއާއެއްވެސް ނެރެފަ އެވެ. މެތިއު ބުނީ "ފްރެންޑްސް"ގެ ކާސްޓް މެންބަރުންނަކީ އޭރުއްސުރެ އޭނާގެ ހަޔާތުގެ ބޮޑު ދައުރެއް އަދާކުރާ ގާތް ރައްޓެހިން ކަމަށެވެ. އަދި އެ ރަހްމަތްތެރިކަން އުމުރު ދުވަހަށް ދެމިގެންދާނެ ކަމަށެވެ.