ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހެޅި މައްސަލަ މިއަދު ކުރިއަށް ނުގެންދެވުމުން އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް އެމްޑީޕީން މަޝްވަރާކުރަން ފަށައިފި އެވެ.
މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
އެގޮތުން މައްސަލަ އިތުބާރު ނެތްކަމުގެ މައްސަލައިގައި ހައްލެއް ހޯދުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ލިޔެކިޔުންތަކުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެމްޑީޕީގެ މެންބަރަކު ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓަށް މިއަދު މައްސަލަ ހުށަހެޅުމަށް މިދަނީ މަސައްކަތް ކުރަމުން،" މެންބަރު ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސްކަމުގެ މަގާމުން ނަޝީދު ވަކިކުރުމުގެ މައްސަލަައިގައި ސުޕްރީމް ކޯޓަށް ދާން އެމްޑީޕީން ނިންމީ މަޖިލީހުގެ ރައީސްކަމުގެ މަގާމުން ނަޝީދު ވަކިކުރުމުގެ މައްސަލަ މިއަދަށް އެޖެންޑާކޮށްފައިވަނިކޮށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމް ފޮނުއްވަވާފައިވާތީ އެ މައްސަލަ ކުރިއަށް ނުގެންދެވުމުންނެވެ.
މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށްދާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމުގެ މަސްއޫލިއްޔަތު މަޖިލީހުގެ ގަވާއިދުގައި ހަވާލުކޮށްފައިވަނީ މަޖިލީހުގެ ނައިބު ރައީސަށެވެ.
އީވާ ވަނީ އާލާސްކަންފުޅާ އުޅުއްވާ ކަމަށް ބަޔާންކުރައްވާ މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާއަށް ސަލާމް ފޮނުއްވާފަ އެވެ.