ރައްޔިތުންގެ މަޖިލިސް

މަޖިލިސް ތަޅުމުގައި އެމްޑީޕީ މެމްބަރުން އިހުތިޖާޖުކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމުގެ ގަރާރު މިއަދަށް އެޖެންޑާކުރުމަށްފަހު އެ މައްސަލަ މިއަދު ކުރިއަށް ނުގެންދެވޭނެ ކަމަށް އެންގުމުން އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖުކުރަން ފަށައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކުރި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އެންގީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ މިއަދުގެ ޖަލްސާއަށް ސަލާމް ފޮނުއްވުމުމުންނެވެ.

މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށްދާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމުގެ މަސްއޫލިއްޔަތު މަޖިލީހުގެ ގަވާއިދުގައި ހަވާލުކޮށްފައިވަނީ މަޖިލީހުގެ ނައިބު ރައީސަށެވެ.

ނަޝީދުގެ މައްސަލަ މިއަދު ކުރިއަށް ނުގެންދެވުމުން މާދަމާއަށް އަލުން އެ މައްސަލަ އެޖެންޑާ ކުރައްވާނެ ކަމަށް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ މިއަދު ވިދާޅުވުމުން އެމްޑީޕީގެ މެންބަރުން ވަނީ ނުރުހުންފާޅުކޮށްފަ އެވެ.

މަޖިލީހުގެ ރައީސްކަމުގެ މަގާމުން ނަޝީދު ވަކިކުރުމަށް ހުށަހެޅީ 49 މެންބަރުންގެ ސޮޔާއެކުގަ އެވެ.

ނަޝީދު ވަކިކުރުމަށް ހުށަހެޅި މައްސަލަ ކުރިއަށް ނުގެންދެވުމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް އެމްޑީޕީިން މިހާރު ދަނީ ތައްޔާރުވަމުންނެވެ.