އެސްޓީއޯ

ތިންވަނަ ކުއާޓަރުގައި އެސްޓީއޯގެ އާމްދަނީއަށް 4.1 ބިލިއަން ރުފިޔާ

އެސްޓީއޯ އަށް މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ޖުމްލަ އާމްދަނީގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މިއީ މީގެ ކުރީ ކުއާޓަރާ އަޅާ ބަލާއިރު ނުވަ އިންސައްތައިގެ ކުރިއެރުމެކެވެ.

އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ތިންވަނަ ކުއާޓާރުގައި އެސްޓީއޯ އިން ވިއްކި ތެލުގެ އަގު އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު އިތުރުވުމެވެ.

އެސްޓީއޯގެ އާމްދަނީ އިތުރުވި ނަމަވެސް ޖުމްލަ ފައިދާގެ ގޮތުގައި ތިންވަނަ ކުއާޓާރުގައި ލިބިފައިވަނީ 760 މިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު ފަހެއް އިންސައްތައިގެ ދަށްވުމެކެވެ.

މީގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ތިންވަނަ ކުއާޓަރުގައި މަތިވި ކަމުގައިވީ ނަމަވެސް އެ ކުންފުނިން ވިއްކަމުން ދިޔަ ތެލުގެ އަގަށް އެ ނިސްބަތުން ބަދަލު ގެނެސްފައިނުވާތީ ޖުމްލަ ފައިދާ ދަށްވީ ކަމަށް ކަމަށް އެސްޓީއޯ އިން ބުނެ އެވެ. ކުންފުނީގެ ޖުމްލަ ފައިދާ ދަށްވުމާއިއެކު ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 390 މިލިއަން ރުފިޔާ ލިބިފަ އެވެ.

ޓެކްސްއަށް ކެނޑުމުގެ ކުރިން ތިންވަނަ ކުއާޓަރުގެ ސާފު ފައިދާ އަކީ 331 މިލިއަން ރުފިޔާ އެވެ. ޓެކުހަށް ކެނޑުމަށްފަހު މި ކުއާޓާރުގެ ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 271 މިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 10 އިންސައްތައިގެ ދަށްވުމެކެވެ.

އެސްޓީއޯގެ މިއަހަރުގެ ތިންވަނަ ކުއާޓާރުގައި އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު ފައިދާ ދަށްވި ކަމުގައިވިޔަސް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 942 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މިތާރީހާ އަޅާބަލާއިރު 469 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.