( 26 އޮކްޓޯބަރ 2023 އާ ގުޅޭ )
އޭގެ ކުރިއަކުން ދުވަހަކުވެސް ޕެނިކް އެޓޭކެއްގެ އިޙްސާސް އަހަރެން ނުކުރަމެވެ. ނޭވާލާން މަސައްކަތް ކުރަމުން އަރަޝްއާ ދުރަށް ދެވޭތޯ އޭނާ ކޮށްޕަންފެށީމެވެ. އަރަޝް އަހަރެންނަށް ގޮވިޔަސް އޭނާ ދައްކާ ވާހަކައެއް އަހަރެންނަށް ސާފެއް ނުވެއެވެ. ހާސްވަމުން ގޮސް އަހަރެންގެ ލޯ މައްޗަށް އަނދިރިވެ އެއްވެސް ބާރެއްނެތް ފަދައިން އަހަރެން ވެއްޓުނީއެވެ. ހޭވެރިކަން ނެތިދިޔައިރު ދުނިޔެއަށް އަލުން ލޯ ހުޅުވާލާކަށް އަހަރެން އެއްގޮތަކަށް ވެސް ބޭނުމެއްނޫނެވެ.
ހޭވެރިކަމެއް ވެގެން އަހަރެންގެ ދެ ލޯ ހުޅުވާލުމުގެ މާކުރީން ކަންފަތުގައި އަރަޝްގެ ރުއިމުގެ އަޑު ޖެހުނެވެ. އޭނާ ކޮންމެވެސް އެއްޗެކޭ ކިޔައެވެ. އެހެންވިޔަސް އަހަރެންނަށް ސާފުވާވަރަށްވުރެ އެ އަޑުވަނީ މަޑުވެފައެވެ. ގިސްލުމާއެކުވެފައެވެ. އަހަރެންނަށް އޭރު އޮވެވުނީ މަޑު ތަންމައްޗެއްގައި އިޙްސާސް ކުރެވުނެވެ. އެސްފިޔަތައް ދުރުކޮށްލުމާއެކު ފުރަތަމަ ވެސް ފެނުނީ ގާތުގައި އިން އަރަޝްއެވެ. ރޮއެރޮއެ ދުޅަވެފައިވާ ދެ ލޮލުގައިވީ ރަތްކަމެވެ. އެހެންނަމަވެސް އަހަރެން ލޯ ހުޅުވާލުމާއެކު އޭނާގެ ދެ އަތުގެ ތެރޭ ހިފަހައްޓާލައިގެން އިން އަހަރެންގެ އަތްތިލަ ދޫކޮށްލިއެވެ. އަވަސްއަވަހަށް ދެ ލޮލާއި މޫނުމަތި ފުހެލައި ކަރުނައިގެ އަސަރުތައް ފިލުވާލިއެވެ. ދެން އަހަރެންގެ ކައިރިޔަށް ގުދުވެލަމުން ގޮވާލިއެވެ.
"ލިވީ. ރަނގަޅުތަ؟." އަރަޝް އަހާލިއެވެ.
އަރަޝްގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އަހަރެންގެ މޫނުގައި އަތް ޖައްސާލީ ފިނިކަމެއްގެ އަސަރު ހުރީތީއެވެ. އިނގިލިތަކުގެ ކޮޅުގައި ފެންތިކިތައް ޖެހުނެވެ.
"މޫނުގައި ފެންފޮދެއް ލީ. އެހެންވެ ފެން ހުރީ." އަހަރެންގެ ހަރަކާތްތައް ފެނި އަރަޝް ބުންޏެވެ.
އަހަރެން ތެދުވެލަން އުޅުމުން އަރަޝް އަހަރެންގެ ގައިގާ ހިފަހައްޓާލިއެވެ. އޭނާގެ އެ އެހީތެރިކަމާއެކު އަހަރެން ތެދުވެ ހެޑްބޯޑުގައި ލެނގިލީމެވެ. އަދި ނިކަން ފަރުވާތެރިކަމާއެކީ އަހަރެން އަރަޝްއަށް ބަލަންފެށީމެވެ. އޭނާ އެއްފަހަރު ވެސް އަހަރެންނަށް އަނިޔާވާ ގޮތަށް ކަމެއްކޮށްފައެއް ނުވެއެވެ. އަހަރެންނާމެދު އޭނާގެ ޢަމަލުތަކުގައި ލޯތްބާއި އަޅާލުމާއި އޯގާތެރިކަން ވިއެވެ. އެކަމަށް އަހަރެންގެ ޟަމީރު ވެސް ހެކިވާނެއެވެ. އަހަރެންގެ ނަޒަރު ސީދާވެފައި ހުރިއިރު މިފަހަރު އަރަޝް އަހަރެންނާ ނަޒަރު ވަކިކޮށެއްނުލިއެވެ. އެ ދެ ލޮލުން އަހަރެންނަށް ކެހިވެރިކަމުގެ ޒައްރެއްގެ މިންވަރު ވެސް ފާޅުވާތީ ނުފެނެއެވެ. އެ ލޮލުގައިވީ އިންތިހާ ދަރަޖައިގެ ކުށްވެރިކަމުގެ އިޙްސާސެވެ. ތަޙައްމުލްކުރާން ދަތިވެފައިވާ ރިހުމާއި ވޭނެވެ. އަރަޝް އެންމެ ފަހުން ދެއްކި ވާހަކަތައް މަތިން ހަނދާންވިއެވެ. އެއާއެކު އަހަރެންނަށް ރޮވިއްޖެއެވެ. މޫނުގައި ދެ އަތް އަޅައި ބާރަށް ރޯވެމުންދިޔައިރު ގަދަފަދަ ވޭނަކަށް ކެތްކުރަން ދަތިވެފައިވާ މީހެކޭ އަހަރެން ތަފާތެއްނެތެވެ. ކުށްވެރިއަކީ ކާކު ހެއްޔެވެ. އަރަޝް ހެއްޔެވެ. ނޫނީ އަހަރެން ހެއްޔެވެ. ވިޔާނުދާ ދިރިއުޅުމެއް އުޅެމުންދިޔަ އަރަޝްއަށް ފުރުޞަތު ލިބުނީ އަހަރެންގެ ވެސް ގޮތެއްފޮތެއް ނެތީމައެވެ. އަށާރަ އަހަރު ނުފުރުނަސް އަހަރެން ހުރީ ހެވާއިނުބައި ވަކިކުރަން އެނގޭ ވަރުވެފައެވެ. ދެ މީހުން ކުރީ ޒިނޭއެވެ. ނަމަވެސް އެ ނުބައި ޢަމަލަށް އަހަރެން ދިނީ ލޯބީގެ ނަމެވެ. ލޯބީގައި ދީވާނާވެ އަރަޝްއަށް ޓަކައި އަހަރެންގެ ހުރިހާ އެއްޗެއް ގުރުބާންކުރީ ފަހަށް ވިސްނާލުމެއް ނެތިއެވެ. ވީއިރު ހަމައެކަނި އަރަޝް ކުށްވެރިކޮށްގެން ފަރުޖެހެން އެބައޮތް ހެއްޔެވެ. ކުރި ނުބައި ޢަމަލުގެ ހިތި ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ. އެކަމުން މަގުފަހި ކުރުވީ ޝިފާއެއްނުވާ ބައްޔަކަށެވެ. ހަޤީޤަތް ހާމަވެގެން ދިޔައިރު އެއަށްވުރެ ހިތްދަތިވި ހިނދުކޮޅެއް އަހަރެންގެ އުމުރުގައި އަދި ނާދެއެވެ. ދެން ނުވެސް އަންނާނެއެވެ.
އަހަރެން ގެއަށް ނައިސް ލަސްވެގެން ދީނާ ގުޅިއެވެ. އިރުކޮޅަކުން ގެއަށް ދާނަންކަން ބުނެ އަހަރެން މެސެޖު ކުރީމެވެ. އަހަރެންގެ ހަރަކާތްތަކަށް ބަލަން އިނދެފައި އަރަޝް ސުވާލުކޮށްލި އެވެ.
"ލިވީ ފްރެންޑްތަ؟. ލަސްވެގެން ދޯ... ގެއަށް ދާންވީތަ؟." އަރަޝް ވާހަކަދެއްކިއެވެ.
އަހަރެން އާނއެކޭ ބުނުމުގެ ގޮތުން ހަމައެކަނި ބޯޖަހާލީ އެވެ. އަރަޝް ވަގުތުން ކޮޅަށް ތެދުވިއެވެ. މަޑުމަޑުން އެނދުން ފައިބަން އަރަޝް ބުނެލިއެވެ. ގިނައިރެއްނުވެ އަހަރެމެން އިމާރާތުގެ ތިރިއަށް ފައިބައިފީމެވެ. އަރަޝް ކާރު ނަގައިގެން އައެވެ. އަހަރެން ދިރިއުޅޭ ގެއާ ހަމައަށް ކުރި އެ ދަތުރުގައިވީ ހިމޭންކަމެވެ. ދޭތެރެއަކުން އަހަރެމެން އެކަކުއަނެކަކަށް ބަލާލެވެ އެވެ. އަރަޝް އެއްޗެއް ބުނަން ޖެހިލުންވެފައި އިން ކަހަލައެވެ. ބުނެވޭ އެއްޗަކުން އަހަރެންގެ ހާލު ގޯސްވެދާނޭތީ އޭނާ ވިސްނަނީއެވެ.
"ލިވީ..." ކާރުން އަހަރެންނާއެކީ ފޭބި ގޮތަށް އަރަޝް ގޮވާލިއެވެ. ހިނގައިނުގަނެ އަހަރެން މަޑުކުރީމެވެ. އަރަޝް މޫނުން ހާސްކަން ފާޅުވެއެވެ. އޭނާ އެއްޗެކޭ ނުބުނެ ގިނައިރުވާން ފެށުމުން އަހަރެން އެޕާޓްމެންޓް ހުރި އިމާރާތާ ދިމާއަށް އެނބުރިލީމެވެ. އެއާއެކު އަނެއްކާ ވެސް އަރަޝް އަހަރެންނަށް ގޮވާލިއެވެ. އަދި އަހަރެންނާމެދު އޭނާ ފިކުރުބޮޑުވެފައިވާކަން ހާމަކުރިއެވެ.
"ދަނީ... ގުޑްނައިޓް." އަހަރެން ބުނެލީމެވެ. އަދި ހަލުވި ފިޔަވަޅުގައި އައިސް އިމާރާތުގެ ތެރެއަށް ވަނީއެވެ.
އެނބުރި އަރަޝްއަށް ބަލާލާނޭ ހިތްވަރެއް އަހަރެންގެ ނެތެވެ. އަރަޝް ގާތު ކަންބޮޑުނުވާށޭ ބުނާނީ ކިހިނެއް ހެއްޔެވެ. ހަށިގަނޑުގައި ޝިފާއެއްނުވާ ނުބައި ވައިރަހެއް ހުރިކަން އެނގުމުން އަރަޝްއަށް ވެފައި ހުރި ގޮތް އަހަރެންނަށް އެބަ ފެނެއެވެ. އޭނާ ހިތާމަނުކުރާ ކަމަކަށް ނުވާނެއެވެ. އަހަރެންނާއެކު ހޭދަވި އެ ކުޑަ ވަގުތުކޮޅު ތެރޭ ވެސް އޭނާ ވަރަށް ރޮއެފިއެވެ.
އަހަރެން ފެނިފައި ހުރިހާކަމެއް ރަނގަޅުތޯ ދީނާ ސުވާލު ކުރިއެވެ. ދުލުން ބަހެއް ބުނުމުގެ ކުރީން އަހަރެންގެ ދެ ލޯ ފޯވާނެކަން އެނގެއެވެ. ކޮޓަރިއަށް އައިސް ވަނީ އެހެންވެއެވެ. ދީނާ އައިސް އަހަރެންގެ ކޮޓަރީގައި ދެ ފަހަރަކު ޓަކި ޖަހާލިއެވެ. އަހަރެންގެ ފަރާތުން އިޝާރާތެއްނުވުމުން އުނދަގޫނުކުރާން އޭނާ ނިންމީއެވެ. އެރޭ ނިމިގެންދިޔަ ގޮތެއް އަހަރެން ނުދެނަހުރީމެވެ. ހެނދުނު ކުލާހަށްދާން އަހަރެން ނުތެދުވެގެން ދީނާ އަނެއްކާވެސް ގޮވަން އައެވެ. އަހަރެން ކޮޓަރީގެ ދޮރު ނުހުޅުވުމުން ފޯނަށް ވެސް ގުޅިއެވެ. އެންމެފަހުން ބަލީތޯ ދީނާ އެއްސެވެ. ވަގުތުނެތިގެން ދީނާ ނުކުމެގެންދިޔައީއެވެ. އަހަރެން އެނދުން ތެދުވީ ދެނެވެ. ކޮޓަރިން ނުކުމެގެން އައިސް ބަދިގެ ފަރާތުގައި ހުރި ބެލްކަންޏަށް ނުކުތީމެވެ. ފާރުބުރީގައި ދެ އަތް އަޅުވާލުމާއެކު އަހަރެން ނިކަން ބޮޑަށް ގުދުވެލީމެވެ. އަހަރެމެން އުޅެނީ އިމާރާތުގެ އަށްވަނަ ފަންގިފިލާގައެވެ. ބެލްކަނިން ފުންމާލައިފިނަމަ އަހަރެން މަރުވެދާނެތޯ ހިތާ ސުވާލުކުރީމެވެ. އަހަރެން ދިރިހުންނާކަށް ބޭނުމެއްނޫނެވެ. މަންމަމެންނަށް އެނގިދާނެތީ ބިރުގަތީއެވެ. ޢާއިލާއާއި ތިމާގެ މީހުންގެ އިތުރުން މުޖުތަމަޢު އަހަރެންނާމެދު ދެކޭނޭގޮތް އެނގެއެވެ. ދުވަހަކުވެސް ހަމަޖެހުމެއްނުވާނޭކަން އެނގެއެވެ. ބެލްކަނީގެ ފާރުބުރި މައްޗަށް އަރަން އުޅުނީމެވެ. ނަމަވެސް އަހަރެންގެ ޟަމީރު އެ ފުރުޞަތެއް ނުދިނެވެ. އަހަރެންގެ ފިނޑިކަމާމެދު އެ ޟަމީރު އަޑުލިއެވެ. މަލާމާތްކުރިއެވެ. ތަޢުބާވުމުގެ ބަދަލުގައި ކުފުރު މަރަކުން މަރުވާން ޚިޔާރުކުރާހާ ޖާހިލަކަށް އަހަރެންވީމައެވެ. އަހަރެންނަށް ގޮތް ހުސްވީކަމުގެ އިޙްސާސް ކުރެވުނީ އެވެ.
ހަށިގަނޑުގެ ވަރުދެރަވެގެން ތެދުވާނެ ހިތްވަރު ނެތި އަހަރެން ކޮޓަރިއަށް ވަދެ އެނދުގައި އޮތީމެވެ. އޭރު މެންދުރުވެއްޖެއެވެ. ރޭސުރެ އަހަރެންގެ އަރުތެރޭން އެއްޗެއް އެތެރެނުވެއެވެ. ފޯނު ރިންގުވާންފެށުމުން ނެގީއެވެ. ހީކުރީ ކުލާހަށް ނާންނާތީ ޖޭމީ ގުޅަނީ ކަމަށެވެ. އޭނާ ނުގުޅަންޏާ ދެން އަހަރެންނަށް ގުޅާނީ ދީނާއެވެ. އެކަމަކު ފޯނުގެ އިސްކުރީނުން ފެންނަން އޮތީ އަހަރެން ނުދަންނަ ނަންބަރެކެވެ. ފޯނު ނުނަގަންވެގެން ބާލީސް ދަށަށް ފޯނު ވައްދާލީމެވެ. ނަމަވެސް އެ ނަންބަރުން ގުޅުން ހުއްޓައެއް ނުލިއެވެ. ޖެހިޖެހިގެން ފަސް ފަހަރު ގުޅީމާ އަހަރެން ފޯނުކޯލު ނެގީމެވެ. ކަންފަތުގައި ޖެހުނީ އަރަޝްގެ އަޑެވެ. އަހަރެން ޔުނިވަރސިޓީއަށް ނާންނާތީ ނަންބަރު ހޯދައިގެން ގުޅީ އެވެ. އަރަޝްގެ ނަން ކިޔާލުމާއެކު އަހަރެންނަށް ރޮވިއްޖެއެވެ. އެއާއެކު އަރަޝް އެބަ އަންނަން ކަމުގައި ބުނެ ކޯލު ކަނޑާލިއެވެ.
އަހަރެން ފެނުމާއެކު ފުރަތަމަ ވެސް އަރަޝް އަހަރެންގެ ގައިގާ ބައްދާލީއެވެ. އެ ހަރަކާތާއެކު ނިކަން އަވަހަށް ދުރުކޮށްލިއެވެ. ކަންބޮޑުވެފައި އަހަރެންނަށް ބަލާލަމުން ނިތްކުރީގައި އަތް ޖައްސާލިއެވެ.
"ހުމާ ފިހެނީނު ތިއޮއް. ބޭސް ކައިފިންތަ؟." އަރަޝް ވަގުތުން ބުންޏެވެ. އަދި އަވަހަށް އަހަރެން ގެނެސް ގޮނޑީގައި ބޭންދިއެވެ. ބޭސް ހުރިތަން އޮޅުންފިލުވައި އަރަޝް އަހަރެންނަށް ބޭސް ގެނެސްދިނެވެ. އަހަރެން ކައިރީ ތައްޔާރުވެގެން އަރަޝްއާއެކީ އަންނަން އޭނާ އެދުނެވެ.
ކާރުގައި އައިސް އަރަޝް މަޑުކޮށްލީ ޕާކަކާ ދިމާގައި އޮތް "ފުޑް ޓްރަކެއް" ކައިރީއެވެ. އޭނާ ކާރުން ފައިބައިގެން ގޮސް އެ ތަނުން ކާއެއްޗެހި ހިފައިގެން އައިސް ކާރަށް އެރިއެވެ. އަހަރެން ކާއެއްޗެއް ކޭހެން ހިޔެއްނުވޭ ބުނެ އަހަރެންނަށް ކާންދިނެވެ. ފެންކަޅިވެފައި އިނދެ ގަދަކަމުން ކަހަލަ ގޮތަކަށް ކާއެއްޗެހި އެތެރެ ކުރީމެވެ.
"ލިވީ ޓެސްޓް ހަދަންވީނު. ޕްލީޒް." އަހަރެންގެ ދަތްދޮޅީގައި ހިފައި އަރަޝްއާ ދިމާއަށް މޫނު އަނބުރާލައި އޭނާ ބުންޏެވެ.
"ބިރުގަނޭ... އެކަމަކު މިހާރު އަހަރެންގެ އެބަހުރިހެން ވަރަށް ހީވޭ." ރޮވިފައި އިނދެ މަޑުމަޑުން އަހަރެން ބުނީމެވެ.
"އަހަރެން ލިވީއާއެކު ހުންނާނަން. އެހެންވީމަ ހިނގާ ޓެސްޓް ހަދަން." އަރަޝް ވަރަށް ކިޔެވެ. ޝިފާއެއްނުވާ ބައްޔަކަށްވިޔަސް ވައިރަސް އިތުރަށް ހަށިގަނޑުގައި ފެތުރަނަ ނުދިނުމަށް ކުރެވޭނެ ފަރުވާ އެބަހުރިކަން އަރަޝް ކިޔާދިނެވެ.
އަރަޝް އަހަރެން ގޮވައިގެން ޕްރައިވެޓް ހޮސްޕިޓަލަކަށް އައެވެ. ހުރިހާ ކަމެއް ހަމަޖެއްސުމުގައި އަރަޝް އިސްވެ އުޅުނެވެ. ޓެސްޓު ހެދުމަށްފަހު ނަތީޖާ ލިބެންދެން އަރަޝް އަހަރެން ގޮވައިގެން ނުކުތީ ހޮސްޕިޓަލް އިމާރާތުން ބޭރަށެވެ. ގަސްތަކުން ހިޔާއެޅިފައިވާއިރު ދެ މީހުންގެ ޖާގަ ހުންނަވަރުގެ ގޮނޑި ދުރުދުރުގައި ޖަހާފައި ވެއެވެ. އެއީ ހޮސްޕިޓަލް ގޯތިތެރޭގެ ބައެކެވެ. އެތަނުން ގޮނޑިއެއްގައި އަރަޝް އަހަރެން ގޮވައިގެން އައިސް އިށީނެވެ. ދައްކާނެ ވާހަކައެއް ނެތިފައި އަހަރެން އިންދާ އަރަޝް ވާހަކަދެއްކިއެވެ. އެޗްއައިވީއަށް ފައްސިވެފައިވާ މީހެއްކަން އެނގުނު ހިނދު އަރަޝްއަށް ކުރެވުނު އިޙްސާސްތައް އަހަރެންނާ ޚިއްޞާ ކުރަންފެށިއެވެ. ދިރިއުޅުމައިގެން ކުރިޔަށް ދާނެ ގޮތެއް ނޭނގި މީހާ މުޅީން މާޔޫސްވެ ނާއުންމީދުވެގެން ދިޔަކަން އަރަޝް ބުންޏެވެ. އެގޮތުގައި ދުނިޔޭގައި އުޅުމަށްވުރެ މަރުވުން މާ ރަނގަޅުވާނޭ ކަމުގައި އޭނާއަށް ވިސްނުނުކަން ހާމަކުރިއެވެ. އެހިނދު އަހަރެން އިސްއުފުލައި އަރަޝްއަށް ބަލާލީމެވެ.
"ލިވީގެ ދެ ލޮލުން އަހަރެންނަށް ފެނޭ... ޔޫ އާ އިން ސޯ މަޗް ޕެއިން. ދިރިހުން ތަކުލީފަކަށްވެ މަރަށް އެދެމުންދާ މީހެއް ފަދަ. އިޓްސް މައި ފޯލްޓް. އަހަރެންނަށް މަޢާފް ކުރޭ." އަރަޝް މަޑުމަޑުން އަހަރެންގެ ވައަތްތިލަ ނަގައި އޭނާގެ ދެ އަތުގެ މުށުތެރެއަށްލައި ބާރުކޮށްލިއެވެ.
އަރަޝްގެ އެއްވެސް ވާހަކައަކަށް ދޭނޭ ޖަވާބެއް އަހަރެންގެ ހިތާއި ސިކުނޑިއަކަށް ނާދެއެވެ. ކުޑަމިނުން އަމިއްލަ ނަފްސު ކުށްވެރި ނުކުރާށޭ ވެސް ނުބުނެވުނެވެ. އެ ހިމޭންކަމުގައި އެނބުރި ހޮސްޕިޓަލް ތެރެއަށް ވަންނަންދެން އަހަރެމެން ތިބީމެވެ. ޓެސްޓުގެ ނަތީޖާއާއެކު ޑަކްޓަރުގެ ކޮޓަރިއަށް އަހަރެންނާއެކީ އަރަޝް ވަނެވެ. އަހަރެމެންނާ ބައްދަލުކުރީ އަންހެން ޑަކްޓަރެކެވެ. އޭނާ ފުރަތަމަ ވެސް އެނގެން ބޭނުންވީ އަރަޝްއާއި އަހަރެންނާ ދެމެދުގައި އޮތް ގުޅުމެވެ. އަރަޝްއަކީ އަހަރެންގެ ކާކުތޯ އެވެ. އަހަރެންނަށް އަރަޝްއަށް ބަލާލެވުނެވެ. ޑަކްޓަރުގެ އެ ސުވާލަށް ދޭނޭ ޖަވާބެއް އެވަގުތު އަހަރެންގެ ދުލަކަށް ނައެވެ. ހާލަތު ތަފާތުވީނަމަ އަރަޝްއަކީ އަހަރެންގެ ލޯބިވެރިޔާއޭ ބުނަން ފަޅި ސުކުންތެއް ވެސް ނުނެގީހެވެ. ނަމަވެސް ބަދަލުވި ހާލަތާއެކު އަހަރެންގެ ދުލުގައި ތަޅެއްލެވިފައި ވުމެކޭ ތަފާތެއް ނެތެވެ. އަރަޝްގެ ނަޒަރު އަހަރެންނަށް ހުއްޓިފައި ހުރީ އޭނާ ބުނަންވީ ކީކޭބާއޭ އަހާ ފަދައިންނެވެ.
"ޝީޒް މައި ޕާޓްނާ." ޖެހިލުން ވުމަކާއެކު އަރަޝް ބުންޏެވެ. އެހެންވިޔަސް އަހަރެމެން ދެ މީހުންނަށް ޑަކްޓަރު ބަލާލީ ފަރުވާތެރި ބެލުމަކުންނެވެ. އަދި އަރަޝް ގާތުގައި ބޭރުގައި މަޑުކޮށްލަން ބުންޏެވެ. ދާން ބޭނުންނުވާކަން އަރަޝްގެ ދެ ލޮލުން ފާޅުވެއެވެ. އެހެންވިޔަސް ޑަކްޓަރުގެ ބަހަށް އޭނާ އިޚްތިރާމް ކުރިއެވެ.
ޑަކްޓަރުގެ އަތުގައި ހުރި ލިޔުންތަކަށް ބަލަން އިނދެ އަހަރެންގެ ނަމާއި އުމުރު ކިޔާލުމާއެކު ނަޒަރު ސީދާކޮށްލިއެވެ. ރަނގަޅަށްކަން ބުނީ ދޭހަވާނޭ ފަދައިން އަހަރެން ބޯޖަހާލީމެވެ. އިތުރު ސުވާލުތައް ޑަކްޓަރު ކުރަން ފެށިއެވެ. އަހަރެންނަކީ އޮސްޓްރޭލިއާ ރައްޔިތެއްނޫންކަން ރިޕޯޓުގައި އެނގެން އޮތެވެ. އެހެންވެ އެ ޤައުމަށް އަހަރެން އައީ ކޮންއިރަކުކަމާއި ކުރަނީ ކީއްކަން އޮޅުންފިލުވިއެވެ.
"މިސް ލިވީ، ރީތިފަށުވި އިބާރާތްތަކަކުން ލިވީގެ ހިތްހަމަޖައްސައިދޭކަށް އަހަރެން ނެތިން. މި ރިޕޯޓު ބުނެދެނީ ލިވީގެ ހަށިގަނޑުގައި އެޗް.އައި.ވީ ވައިރަސް އެބަހުރިކަން. އެޗް.އައި.ވީ ޓެސްޓު ހަދަން ތިއައީ ހަށިގަނޑުގައި އެކަމުގެ އަސަރު ހުރިކަން އެނގިގެންތަ؟. އެހެންވިއްޔާ އެއްވެސް ވަރަކަށް މިހެން ދިމާވާންޖެހުނު ސަބަބެއް ލިވީއަށް އެނގޭތަ؟ މިބުނީ ވައިރަސް އަރަން މެދުވެރިވީ ގޮތް." ޑޮކްޓަރުގެ ވާހަކަތައް އަޑުއިވިފައި އަހަރެން ބިރުގަތެވެ. ދޮރާ ދިމާއަށް އަހަރެންނަށް ބަލާލެވުނީ އެވަގުތު އަހަރެންގެ ގާތުގައި އަރަޝް ހުންނަން ބޭނުންވެގެންނެވެ. އަހަރެން ހާސްވީވަރު ޑަކްޓަރު ދެނެގަތެވެ. އޭނާ ނިކަން އަވަހަށް މޭޒުމަތީ މަތިޖަހާފައި ހުރި ފެންތަށި ނަގައި އަހަރެންނަށް ދިއްކޮށްލިއެވެ. ކަންބޮޑުނުވާށޭ ޑަކްޓަރު ބުންޏެވެ. އަހަރެން ފަދަ ބަލި މީހުންގެ ރިކޯޑުތައް ރައްކާތެރިކަމާއެކު ސިއްރު ކުރެވިފައިކަން ހުންނާނީ އޭނާ ބުންޏެވެ.
(ނުނިމޭ)