ޔަހޫދީ ސިފައިން އެއްގަމު މަގުން ޣައްޒާއަށް އަރައިގަންކަން އިއުލާންކޮށް ހަމަލާތައް ވަނީ ވަރުގަދަކޮށްފަ އެވެ. އެއްގަމު މަގުން އަރައިގަތުމުގެ ކުރިން ވެސް ޔަހޫދީ އަސްކަރިއްޔާއިން ވަނީ އުތުރު ޣައްޒާ ހުސްކުރަން އިންޒާރުދީފަ އެވެ.
ޣައްޒާއަށް ހުކުރު ދުވަހުގެ ރޭ ޔަހޫދީ ޓޭންކްތައް ވަދެގަތުމުގެ ކުރިން ވެސް އުތުރު ޣައްޒާގައި ތިބިހާ ބަޔަކު ދެކުނަށް ޖެހުމަށް އިންޒާރު ދިނެވެ.
އެއްގަމު ހަމަލާތައް ތިން ވަނަ ދުވަހަކަށް އަލިވިލުމާ އެކުވެސް ޔަހޫދީން ވަނީ އުތުރު ޣައްޒާ ހުސްރަން ގޮވާލިި ގޮވާލުން ތަކުރާރުކޮށްފަ އެވެ.
ފަލަސްތީން އޮތޯރިޓީގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވި ގޮތުގައި ޣައްޒާ ދޫކޮށް އާންމު ރައްޔިތުން ނުފައިބާނެ އެވެ. ޔަހޫދީ ޓޭންކްތަކުންނާއި ފައިޓަރު ޖެޓުތަކުން ހަމަލާދެންޏާ ދޭންވީ އެވެ.
ޣައްޒާގައި ދިރިއުޅޭ މީހުންގެ ބުނުމަކީ ވެސް މިއީ އެވެ. އެ މީހުން ތިބީ ޔަހޫދީން އިންޒާރު ދިނެއް ކަމަކު އަދި ޔަހޫދީން ކިތަންމެ އަނިޔާއެއް ކުރިއެއް ކަމަކު ޣައްޒާ ދޫކޮށް -- ގެދޮރު ދޫކޮށް ދާ ގޮތަކަށް ނޫނެވެ.
މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީ ވެސް ވަނީ އުތުރު ޣައްޒާއިން މީހުން ހުސްކުރަން ޔަހޫދީން ދިން އިންޒާރަށް ފާޑުވިދާޅުވެފަ އެވެ.
މިސްރުގެ ރައީސް ވިދާޅުވީ އުތުރު ޣާއްޒާއިން މީހުން ދެކުނަށް ޖެއްސުމުގެ ބޭނުމެއް ނެތް ކަމަށާއި، ޔަހޫދީ ސަރުކާރުން ހިސާރުކޮށްފައި އޮތް ފަލަސްތީންގެ ބިންތަކަށް ޣައްޒާ ރައްޔިތުން ގެންދަންވީ ކަމަށެވެ.
އުތުރު ޣައްޒާއިން މީހުން ފޭބުމަކީ ބިރުބޮޑު ކަމެއް ކަމަށް ވެސް އަބްދުލް ފައްތާހް އައްސީސީ ވިދާޅުވި އެވެ.
ސީސީ ވިދާޅުވީ ޔަހޫދީ އަސްކަރީ ބާރުތަކުން ފަލަސްތީން ރައްޔިތުން ދުރަށް ޖައްސައިފި ނަމަ ދެން އެ ސަރަހައްދު އޮންނާނީ ޔަހޫދީންގެ އިސްތިއުމާރީ ބާރުތަކުން ހިސާރުކޮށްފައި ކަމަށެވެ. އެ ސަރަހައްދުން ފައިބައިގެންދާ އެކަކަށް ވެސް އެނބުރި -- އަމިއްލަ ގެއަށް ދިއުމަށް ޔަހޫދީން ހުއްދަ ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔަހޫދީ އަސްކަރިއްޔާގެ ތަރުޖަމާން ރިއާ އެޑްމިރަލް ޑެނިއަލް ހަގޭރީ ވިދާޅުވި ގޮތުން އުތުރު ޣައްޒާއިން އާންމު ފައިބަން ގޮވަނީ އެ މީހުންގެ ސަލާމަތާ ރައްކާތެރި ކަމަށެވެ.
ޔަހޫދީން ހިންގާ ހަރަކާތްތަކުގެ ސަބަބުން އާންމުން ގެއްލުން ލިބުން ކުޑަވާނީ ދުރަށް ދިޔަ ވަަރަކަށް ކަމަށް އޭނާ ވިދާލުވި އެވެ.
އުރުދުންގެ އަބްދުﷲ ރަސްގެފާން ވެސް ވަނީ ޔަހޫދީންގެ މި އިންޒާރަށް ސަމާލުވުމަށް ފަލަސްތީނަށް ގޮވާލާފަ އެވެ. ޔަހޫދީންގެ މި އަމަލަކީ ޣައްޒާއިން ތަންގަނޑެއް ޖަހައިގަތުމަށް ކުރާ ކަމެއް ކަމަަށް ރަސްގެފާނު ވެސް ވިދާޅުވި އެވެ.