އިލެކްޝަންސް ކޮމިޝަން

ނޭނގި ޕާޓީއަށް ވައްދާ ކަމުގެ ޝަކުވާ ކެނޑިނޭޅި ލިބޭ: ހަބީބް

އެކި މީހުންނަށް ނޭނގި ޕާޓީތަކަށް ވައްދާ މައްސަލައާއި އެއް ޕާޓީ އިން އަނެއް ޕާޓީއަށް ބަދަލުކުރާ ކަމަށް ބުނެ ކެނޑިނޭޅި ޝަކުވާ ލިބޭ ކަމަަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބް ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެ އެވެ.

ހަބީބް މިހެން ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ގޮތުގައި މިވަގުތު އިލެކްޝަންސް ކޮމިޝަންގައި ދަފްތަރު ކުރެވިފައިވާ ހުރިހާ އެންމެންގެ މައުލޫމާތު ހިމެނޭ ލިސްޓު އިއްޔެ ކޮމިޝަނުން އާންމުކުރުމާ ގުޅިގެން ކުރެއްވި ޓްވީޓެއް ގައެވެ.

ހަބީބް ވިދާޅުވީ އިލޭކްޝަން ކޮމިޝަނުން ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނޭ ހުރިހާ އެންމެންގެ މައުލޫމާތު އަނެއްކާވެސް އާންމުކުރީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގެ ސައްހަކަން ކަށަވަރު ކުރުމަށް ކަމަށެވެ.

ލިސްޓްގައި ނަން އޮއްތޯ ޗެކް ކުރުމަށް PPR ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކޮށްލާފައި އައިޑީކާޑު ނަމްބަރު ލިޔުމަށްފަހު 1414 އަށް ފޮނުވުމަށް އޭނާ ވަނީ އެދިވަޑައިގަންނަވާފަ އެވެ.

ސިޔާސީ ޕާޓީއެއްގައި އެމީހެއްގެ ނަން އޮތް ގޮތާމެދު ހިތްހަމަނުޖެހޭނަމަ ޝަކުވާ ހުށަހެޅުމަށްވެސް ހަބީބް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.