ޑރ. މުހައްމަދު މުއިއްޒު

ހުވާ ކުރުމުގެ ރަސްމިއްޔާތަށް 22.9 މިލިއަން ރުފިޔާ ހަރަދު ކުރަނީ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާން ތައްޔާރުކުރުމުގެ މަސައްކަތް 22.9 މިލިއަން ރުފިޔާއަށް ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) އާ ހަވާލުކޮށްފި އެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ޖުމްހޫރީ މައިދާނުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކުރި ގޮތުގައި ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާން ތައްޔާރުކުރުމުގެ މަސައްކަތް ސިވެކްއާ ހަވާލުކުރީ ޓެންޑާ ބޯޑުންނެވެ.

ހުވާ ކުރުމުގެ ޖަލްސާއާ ގުޅޭ ގޮތުން އިންތިހާބީ ރައީސްގެ އޮފީހުގެ ބޭފުޅުންނާއެކު ރައްޔިތުންގެ މަޖިލީހުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި މަޖިލީހުގެ އިދާރާއިން ވަނީ ހަތަރު ގައުމެއްގެ އެންމެ އިސްވެރިންނާއި ރާއްޖޭގައި ތިއްބަވާ ގައުމުތަކުގެ ސަފީރުން ހިމެނިވަޑައިގަންނަވާ ގޮތަށް 3،500 މީހުންނަށް އެ ރަސްމިއްޔާތަށް ދައުވަތު އަރުވަން ނިންމާފައިވާކަން ހާމަކޮށްފަ އެވެ.

ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި ބާއްވަނީ މުއިއްޒުގެ އެދިވަޑައިގަތުމަކަށެވެ.

މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި ބޭއްވުމުގެ ކަންކަން ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދަނީ އިންތިހާބީ ރައީސްގެ އޮފީހާއި ރައްޔިތުންގެ މަޖިލިސް އަދި އެމްއެންޑީއެެފް ގުޅިގެންނެވެ.