ދުނިޔެ

ޔަހޫދީންނަށް ޣައްޒާގައި ކުރިއެރުމެއް ނުލިބޭނެ: އެމެރިކާގެ ޖެނެރަލެއް

ޔަހޫދީ އަސްކަރިއްޔާ އިން ކުރިއާލައި ކިތަންމެ ރޭވުމެއް ރާވައިގެން ޣައްޒާއަށް އަރައިގަތް ނަމަވެސް ޔަހޫދީންގެ ރޭވުންތައް ކާމިޔާބުނުވާނެ ކަމަށް އެމެރިކާގެ ކުރީގެ ޖެނެރަލަކު ވިދާޅުވެއްޖެ އެވެ.

ޖެނެރަލް ރޮބާޓް އަބްރަމްސް އެމެރިކާގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޣައްޒާ އަކީ ޔަހޫދީ ސިފައިންނަށް ނުތަނަވަސް މާހައުލަކަށް ވާނެ ކަމަށެވެ.

ރޮބާޓް އަބްރަމްސް ވިދާޅުވި ގޮތުގައި ވޭތުވެދިޔަ 15 ވަރަކަށް ދުވަހުގެ ތެރޭގައި ޣައްޒާ އިން ބިރުގަންނަ ވަރަށް އާންމުން މަރުވެއްޖެ އެވެ. އާންމުން މަރުވާ އަދަދު މަތިވުމަކީ ޔަހޫދީ ސަރުކާރަށް ވަރަށް ޕްރެޝަރުކުރާނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޔަހޫދީ ސިފައިންގެ ވިސްނުމުގައި ހަމާސްއަށް ދޭން އޮތް ގެއްލުން ކާމިޔާބު ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖެނެރަލް ވިދާޅުވި ގޮތުގައި ޔަހޫދީ އަސްކަރިއްޔާއަށް އޮތް އަނެއް ބޮޑު ފިކުރަކީ ހަމާސްއިން އަސީރުކޮށްފައި ތިބި ޔަހޫދީންނެވެ.

އަސީރުންނަށް ގެއްލުމެއް ނުވާ ގޮތަށް އަދި ޣާއްޒާގެ އާންމުންނަށް ގެއްލުން ނުވާ ގޮތަށް ޔަހޫދީންނަށް ހަމަލާދިނުން ނާދިރު ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރޮބާޓް އަބްރަމްސް ވިދާޅުވި ގޮތުގައި ޣައްޒާއަށް އަރައި ގެއްލުންތަކެއް ދެވިދާނެ އެވެ. އެކަމަކު ހަމާސް އަލުން ތެދުވާނެ ކަމަށްވެސް ވިދާޅުވި އެވެ. ހަމާސް އަކީ ޔަހޫދީ ދައުލަތަށް ބިރަކަށް ވާވަރުގެ ބަޔަކަށް ނުހެދޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރޮބަޓް ވިދާޅުވީ ޔަހޫދީންގެ ކުރިމަތީގައި އޮތީ ވަރަށް އުނދަގޫ މަސައްކަތެއް ކަމަށެވެ. އެއްގަމު މަގުން ޣައްޒާއަށް ނޭރުމަށް ގައުމުތަކުން ގޮވާލާފައި ވަނިކޮށް ޔަހޫދީ ސިފައިން ޣައްޒާއަށް އެެރުމަކީ ބިރުވެރިކަމެއް ކަމަށް އޭނާވެސް ގަބޫލުކުރައްވަ އެވެ.

ހަމާސްގެ އަސްކަރީ ގޮފިން ކުރިން ބުނި ގޮތުން ޔަހޫދީ ސިފައިން ޣައްޒާއަށް އަރައިފިނަމަ އެ ސަރަހައްދު ވާނީ ޔަހޫދީންނަށް ގަބުރުސްތާނަކަށެވެ.

ލުބްނާންގެ ހިޒްބުﷲ ވެސް ވަނީ މި މޭރުމުން ވާހަކަދައްކާފަ އެވެ. ޔަހޫދީން ޣައްޒާއަށް ނޭރުމަށް ހިޒްބުﷲވެސް އޮތީ ގޮވާލާފަ އެވެ.

އީރާނުން ބުނާ ގޮތުން ޔަހޫދީން މިހާރު ތިބީ އެންމެ ފަހުގެ ރަތް ރޮގު ހުރަސްކޮށްފަ އެވެ. ޔަހޫދީންނަށް ދެން އޮތީ ރަތް ރޮނގުގެ ފަހަތުގައިވާ ކަމެއް ތަޖުރިބާކުރުން ކަމަށް އީރާންގެ ރައީސް، އިބްރާހީމް ރައީސީ ވިދާޅުވި އެވެ.