( 30 އޮކްޓޯބަރ 2023 އާ ގުޅޭ )
އަހަރެން ހާސްވީވަރު ޑަކްޓަރު ދެނެގަތެވެ. އޭނާ ނިކަން އަވަހަށް މޭޒުމަތީ މަތިޖަހާފައި ހުރި ފެންތަށި ނަގައި އަހަރެންނަށް ދިއްކޮށްލިއެވެ. ކަންބޮޑުނުވާށޭ ޑަކްޓަރު ބުންޏެވެ. އަހަރެން ފަދަ ބަލި މީހުންގެ ރިކޯޑުތައް ރައްކާތެރިކަމާއެކު ސިއްރު ކުރެވިފައިކަން ހުންނާނީ އޭނާ ބުންޏެވެ.
ޑަކްޓަރަށް ވިޔަސް ކިޔާދޭން އަހަރެން ލަދުގަތެވެ. އެކަމަކު ނުކިޔާދީއެއް ވެސް ފަހަރެއް ނުޖެހުނެވެ. އިސްއޮބާލައިގެން އިނދެ ކުރުގޮތަކަށް ކަންތައްވީގޮތް ޑަކްޓަރަށް އަހަރެން ކިޔާދިނީމެވެ. އަހަރެންގެ "ޕާޓްނަރު"ގެ ފަރާތުންކަން ބުނުމުން ޑަކްޓަރަށް އެއީ އަރަޝްކަން ނަގައިގަންނަން އެނގުނެވެ. މީގެކުރިން ދުވަހަކުވެސް އެޗް.އައި.ވީއާ ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ލިބިފައެއްނުވެއެވެ. އަބަދުވެސް އަޑުއިވެނީ އެއިޑްސް ނުވަތަށް އެޗް.އައި.ވީ ބަޔަކަށް ޖެހިގެން އުޅޭ އަޑެވެ. އަހަރެންނަކީ ދިވެހި ރައްޔިތެކެވެ. ދިވެހިރާއްޖެއަކީ އެފަދަ މީހުންގެ އިޙުސާސްތަކާއި އެމީހުންގެ ވާހަކަތައް އާންމުންނާ ހަމައަށް ގެނެސްދޭ ޤައުމެއްނޫނެވެ. މުޖުތަމަޢު އެފަދަ މީހުންނާމެދު ދެކޭގޮތް ވެސް ތަފާތުވީމައެވެ. އެއީ ސަބަބަކާ ނުލައެއްވެސް ނޫނެވެ. ގިނަފަހަރަށް މިބަލީގެ ޝިކާރައަކަށްވެފައި ވަނީ ވިޔާނުދާއުޅުމުގެ ސަބަބުންނެވެ. މީހުންގެ ކަންފަތާހަމައަށް އެއަޑުތައް އިވިފައި ވެސް ހުންނަނީ އެގޮތަށެވެ. އެލިސްޓަށް އަހަރެންގެ ނަންވެސް އިތުރުވެގެންދިޔައީއެވެ.
"ލިވީ މިހާރުވެސް ތިއުޅޭގޮތަށް އުޅެވޭނެ، އެޗް.އައި.ވީއަށް ޕޮޒިޓިވްވިއެއްކަމަކު ދުޅަހެޔޮ ސިއްހަތެއްގައި ދިހައަހަރު ނޫނީ އެއަށްވުރެ ގިނަ ދުވަހުވެސް ހުރެދާނެ، މިބުނީ މޭޖާރ ސިމްޓަމްއެއް ނުފެނި. އެކަމަކު މިމުއްދަތުގެތެރޭގައި އެޗް.އައި.ވީ ވައިރަސްދާނީ ހަށިގަނޑުގެ ދިފާއީ ނިޒާމު ހަލާކުކުރަމުން، ރޯގާ ފަސޭހައިން ޖެހި ނުފިލާ ހުރުމާއި އަވަސްއަވަހަށް ހުން ފަދަ ކަންކަން ދިމާވާނެ. ހަށިގަނޑުގެ ދިފާއީ ނިޒާމަށް ލިބެމުންދާ ގެއްލުންތައް ބަލާނީ ހަށިގަނޑުގައި ހުންނަ "ސީ-ޑީފޯ" ނުވަތަ "ޓީ-ހެލްޕަރ" ކިޔާ ސެލްސް ހުންނަ އަދަދު ބަލައިގެން، ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ ހަށިގަނޑެއްނަމަ އެއް މިލިލީޓަރު ލޭގައި ފަސްސަތޭކަ އާއި ފަނަރަސަތޭކަ "ސީ-ޑީފޯ" ސެލްސް ހިމެނޭނެ، ބަލިފެތުރުން ލަސްކުރުމަށް... މިބުނީ ވައިރަސް ކޮންޓްރޯލު ކުރުމަށް ދެވިދާނެ ފަރުވާތައް އެބަހުރި، މިފަދަ ފަރުވާއެއް ހަށިގަނޑަށް ނުދޭނަމަ މިބުނާ ސީ-ޑީފޯ ސެލްސްގެ އަދަދު ދަށަށް ދޭ، އެޗް.އައި.ވީ އެއިޑްސްއަށް ބަދަލުވަނީ އެހާހިސާބުން، އެ ސްޓޭޖަކަށް ލިވީ އަދި ނުދޭ. އެހާހިސާބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ހުންނާނީ ވަރަށް ބޮޑަށް ހަލާކުވެފައި، އެއިޑްސް ޖެހުނުކަން ޔަޤީންވާނީ ހަށިގަނޑުގައި ހުންނަ ސީ-ޑީފޯ ސެލްސްގެ އަދަދު ދުއިސައްތައަށް ނޫނީ ސާދަ އިންސައްތަ ސީ-ޑީފޯ ސެލްސްއަށް ދަށަށް ދިއުމުން، ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އަވަސްމުއްދަތެއްގެތެރޭގައި ގެނުވާއެއްޗަކީ "ސްޓްރެސް"، އެހެންވީމާ ހާސްވެ ކަންކަމާ ފިކުރުކުރުމުގެ ބަދަލުގައި ހިތްހަމަޖެހޭފަދަ ކަންތައްތައް ކުރަން ނަސޭހަތްތެރިވަން، ކައުންސިލިންއަކީ މިހާލަތުގައި ވަރަށް ބޮޑު ހިތްވަރެއް. އެ ސެޝަންތަކުން ބޮޑެތި ބަލިތަކުގައި އުޅޭ ޕޭޝަންޓުންނަށް ރަނގަޅު ފައިދާކުރޭ. އެންމެ މުހިންމީ އަމިއްލަ ހިތްވަރު. ބައެއްފަހަރު ބައްޔަށްވުރެ ތިމާ ހިތްވަރުގަދަވާންޖެހޭ. ދިރިހުންނަން މަސައްކަތްކުރަން ވާނެ." ރިޕޯޓުގައިވާ އެއްޗެއް އަހަރެންނަށް އޮޅުން ފިލުވައި ދެމުން ޑަކްޓަރު ދެއްކި އެއްވެސް ވާހަކައަކުން އަހަރެންނަށް ހިތްހަމަޖެހުމެއްނުލިބުނެވެ. ދެހަފްތާފަހުން އަލުން ޓެސްޓެއް ހެދުމަށް ޑޮކްޓަރު އެދިލެއްވިއެވެ. އަހަރެން އެއްބަސްވެފައި އެނބުރި ގެއަށް އައީއެވެ.
ހުމުގެ އަސަރު ފިލުމުން އަހަރެން ޔުނިވަރސިޓީއަށް ދާން ފެށީމެވެ. ނަމަވެސް ކިޔެވުމަށް ސަމާލުކަމެއް ނުދެވެއެވެ. އަހަރެން އެކިގޮތްގޮތަށް ވިސްނާ ފިކުރުކުރީމެވެ. އަހަރެންގެ ޢާއިލާއަށް މިޚަބަރު ދޭނެގޮތެއް ނުވިސްނުނެވެ. އެހެންވެ އެކަން ސިއްރުކުރާން ނިންމީއެވެ. އަދި އެނބުރި މާލެދާކަށް ވެސް ބޭނުމެއްނޫނެވެ. އެ ނޫން ގޮތެއް ހޯދުމުގެ ޚިޔާލުތައް ކުރަންފެށީމެވެ. އަދި ޑޮކްޓަރަށް ބަރާބަރަށް ދައްކަންފެށީމެވެ. ޑަކްޓަރާއި އަރަޝްގެ ލަފާއާއި އެއްބާރުލުމާއެކު ކައުންސިލިންގެ އެހީ ހޯދީމެވެ. ހުރިހާ ކަމެއްގައި އެންމެ ގާތުގައި ހުރެ އަހަރެންނަށް އެހީތެރިވަމުން ދިޔައީ އަރަޝްއެވެ. ދެމަސްދުވަހަށްފަހު އަލުން ދިރިއުޅުމައިގެން ކުރިއަށްދެވޭތޯ އަހަރެން ހިތްވަރުލާން ފެށީމެވެ.
އަރަޝްގެ ލޯތްބަކީ އަހަރެންގެ ހިތުން ފޮހެލެވޭނެ ލޯތްބެއް ނޫންކަން އަހަރެންނަށް ޔަގީންވިއެވެ. އަހަރެން ހުރި ހާލުން އަހަރެންނާއެކު ދިރިއުޅުމެއް ފަށާކަށް އެކަކުވެސް ބޭނުމެއްނުވާނެ އެވެ. އެކަނިވެރިކަން ޚިޔާރުކުރުމުގެ ބަދަލުގައި އަހަރެންގެ އުމުރުގައި ބާކީ އޮތްދުވަސްތައް ބައިވެރިއަކާއެކު ހޭދަކުރަން ބޭނުންވެއެވެ. އަދި އަހަރެންނެކޭ އެއްފަދައިން އަރަޝް ވެސް އެކަނިވާނެވަރު އިޙުސާސްކުރެވުނީ ދެނެވެ. ހަޔާތުގެ ބައްތި ނިވުމުގެ ކުރިން ފަނޑުވަމުންދިޔަ އަލިކަމުގެ ތެރޭ އަރަޝްގެ އަތުގައި މުޅި އުމުރަށް ހިފަން އަހަރެން ބޭނުންވިއެވެ. ފަހުނޭވާ އެރީތި މޫނަށް ބަލަންއޮވެ ދޫކޮށްލުމުގެ ވިސްނުމާއެކުއެވެ. ބަލިމީހުންނަށް ވެފައި ތިބެ ވެސް ރީތި ހެޔޮ ދިރިއުޅުމެއް އުޅުމުގެ ނިޔަތުގައެވެ. ތަޢުބާގެ ދޮރަކީ އެކަމަށް އެދޭ ކޮންމެ އަޅަކަށް ހުޅުވިފައި ހުރި ދޮރެކެވެ. ވީއިރު އިތުރަށް ދެން ލަސްކުރާންވީ ސަބަބެއް ނެތެވެ.
މެންދުރު ފަހު އަރަޝް ޔުނިވަރސިޓީ ނިންމާފައި އަންނަންވާއިރަށް އަހަރެން ހުރީ އޭނާގެ ކޮންޑޯހުރި އިމާރާތުގެ ތިރީގައެވެ. އޭނާގެ އިންތިޒާރުގައެވެ. އަހަރެން ފެނުމުން އަރަޝް ވަރަށް ހައިރާންވި އެވެ.
"ލިވީ މިތާ... ކީއްވެ ނުގުޅީ." އަރަޝް ހަލުވިކޮށް އަހަރެންގެ ގާތުގައި އައިސް މަޑުކޮށްލުމާއެކު ވާހަކަދެއްކިއެވެ. އަހަރެން ބަދަލުކޮށްލީ ލުއި ހިނިތުންވުމެކެވެ. އަރަޝްގެ މޫނުން ހައިރާންކަމުގެ އިތުރަށް އޭނާ އަޖައިބުވީތީ ދުށީމެވެ. އެހެންއެވީ ކީއްވެކަން އަހަރެންނަށް އެނގެއެވެ. އަރަޝްގެ ފަރާތުން އަހަރެންނަށް ހުރިހާކަމެއް އެނގުނީއްސުރެ ހިނިތުންވުމަކީ އަހަރެން ނުދަންނަ އެއްޗަކަށްވަނީ ވެފައެވެ.
"ކަމަކުތަ؟. އެތެރެއަށް ވަންނާނަންތަ؟. އެތެރޭގައި ތިބެ ވާހަކަދައްކަން އޯކޭތަ؟." އަރަޝް އަހާލިއެވެ. އަހަރެން ވަގުތުން ބޯޖަހާލީމެވެ.
ދެ މީހުން އެކުގައި އައިސް އެލެވޭޓާއެއް އެރީމެވެ. އަހަރެން އަރަޝްއަށް ބަލާލީމެވެ. އަހަރެންނަށް ފެނުނީ އެންމެ ފުރަތަމަ ދުވަހު ވެސް އަހަރެންގެ ހިތް އަތުލި ތޫނުފިލި ރީތި ޒުވާނާ އެވެ. ލޮލުގައި ވަރުބަލިކަމެއް ވިޔަސް އަހަންނަށް ބަލާލާއިރު އެ ދެ ލޮލުގައި އަދިވެސް ވިދުން ވެއެވެ. މޫނުމަތިން ދެމިލާފައި ވިޔަސް އެ ހިނިތުންވުމުގައި އަދިވެސް ޖާދޫއެއް ވެއެވެ. އަރަޝްގެ ފަހަތުން އޭނާ ދިރިއުޅޭ ކޮންޑޯއަށް ވަނީމެވެ. އޭނާ ބަދިގެއަށް ވަދެ ކާމޭޒުމަތީ ދަބަސް ބަހައްޓާފައި އައިސްއަލަމާރިން ފެންފުޅިއެއް ނެގިއެވެ. އަހަރެން ވެސް އޭނާގެ ފަހަތުން އައިސް ބަދިގޭގައި މަޑުކޮށްލީމެވެ. ފެންތަށި ހިފައިގެން އޭނާ އަހަރެންނާ ދިމާއަށް އެނބުރިލިއެވެ. ތިރީ ކަބަޑު ސެޓުގައި ލެނގިލައިގެން ހުރެ އޭނާ ފެންތަށި ބޯލިއެވެ.
"އަރަޝް..." އަހަރެން ގޮވާލީމެވެ.
"ލިވީ އެއްޗެކޭ ބުނަން ބޭނުންވެކަން އެނގޭ. އެކަމަކު ހިތަށް މިއަރަނީ އަހަރެން މާޔޫސްވާންޖެހިދާނެ ބާއޭ... އެހެންވިޔަސް އަޑު އަހަން މިހުރީ. ބުނޭ." މަޑުމައިތިރިކަމާއެކު އަރަޝް ބުންޏެވެ. އެއީ ތެދެކެވެ. އޭނާގެ މޫނާއި ހަރަކާތްތަކުގައި ޖެހިލުންވުމާއި ހިސާބެއްގެ ހާސްކަން ވިއެވެ.
"އަހަރެންނާ ކައިވެނި ކުރޭ.... ޕްލީޒް..." ތުރުތުރުއަޅަމުން ދިޔަ އަޑުން ފެންކަޅިވެ ޖެހިލުންވެފައި ހުރެ އަހަރެން ބުނީމެވެ. އެވަގުތު އަރަޝްގެ އަނގައިން ބޭރުވެގެންދިޔައީ މަޑު އާހެއްކަމެއް ނޫނީ ފުންނޭވާއެއްކަމެއް ނޭނގެއެވެ.
"ޔަގީންތަ؟. ލިވީ އަހަރެންދެކެ ރުޅިއެއް ނާދޭތަ؟. ލިވީގެ ދިރިއުޅުން ބަރުބާދުކޮށްލި މީހާ މީ. ލިވީގެ މުސްތަޤްބަލް އަނދިރިވީ އަހަރެންގެ ސަބަބުން. ލިވީގެ މައުސޫމްކަމުގެ ފައިދާ ނެގީ އަހަރެން. ލިވީ އަހަރެންނަށް ނަފުރަތު ކުރަންޖެހޭނެ." އަރަޝްއަށް ފުން އަސަރުތަކެއް ކޮށްފިކަން އޭނާގެ އަޑު ހިނދިގެން ދިޔަ ގޮތުން އަހަރެން ދެނެގަތީމެވެ. އޭނާގެ ހިތާއި ސިކުނޑީގައި ހިނގަމުންދިޔައީ ކޮންކަހަލަ ޝުޢޫރުތަކެއްކަން އެ ދެއްކި ވާހަކައިން އަހަރެންނަށް ސާފުވިއެވެ.
"އަރަޝް އެދެނީ އެގޮތްތަ؟. މުޅި އުމުރަށް އަރަޝްއަށް ނަފުރަތު ކުރަންތަ؟." އަހަރެން ބުނީމެވެ. ނަމަވެސް އަރަޝް އިސްޖަހާލި ގޮތަށް ހިމޭންކަމުގައި ހުއްޓެވެ.
"އަހަރެންގެ ދިރިއުޅުން ބަރުބާދުކޮށްލިއްޔާ އެކަމުގެ ޒިންމާ ނަގާ. އަހަރެންނާ ކައިވެނި ކުރޭ. މުޅި އުމުރު އަހަރެންނާއެކީ ވޭތިކުރާނަމޭ ބުނޭ." އަހަރެން ބުނީމެވެ. އެހިނދު އަރަޝްގެ ނަޒަރު އަހަރެންނާ އަމާޒުވެލިއެވެ. އެދެލޮލުން ވިދާލި ކަރުނަތަކާއެކު އަހަންނަށް ފެނުނީ ހިތްހަމަޖެހުމުގެ ކުލަވަރުތަކެވެ. މަޑުމަޑުން ކުރިއަށް ޖެހިލާފައި އަހަންނަށް އަރަޝްގެ ދެއަތް ހުޅުވާލިއެވެ. އެންމެ ހިނދުކޮޅަކަށް ވެސް އަހަރެން ލަހެއްނުކުރަމެވެ. ދުވެފައި އައިސް އަރަޝްގެ އަތުތެރެއަށް އަހަރެން ވަނީމެވެ.
"އައި ސްޓިލް ލަވް ޔޫ." އަހަރެން ބުނީމެވެ. ވަގުތުން އަރަޝްގެ ހިތުގެ އަޑު އަހަރެންނަށް އިއްވައިދިނީ ހަމަ އެފަދައިންނެވެ. އެއް ލަފުޒުތަކަކުންނެވެ. ދުރުވެލަން ބޭނުންނުވެފައި ދެމީހުންނަށް އެގޮތަށް އެތައްއިރަކު ތިބެވުނެވެ. ދެމީހުންނަށް ހަމަޖެހިލެވުމުން އަހަރެން ކައިރީ މަޑުކުރަން ބުނެފައި އަރަޝް ގޮސް ނިދާކޮޓަރިއަށް ވަނެވެ. ނިކަން އަވަހަށް ހަލުވި ހިނގުމެއްގައި އޭނާ ނުކުމެގެން އައިއިރު އަތުގައި ކުޑަކުޑަ ފޮށްޓެއް އޮތެވެ.
"މީ އަހަރެން އޭރު މާލެ ގޮސް ލިވީއަށް ޕްރޮޕޯސްކުރަން ގަސްދުކޮށްގެން ގަތް އަނގޮޓި، އަހަރެންގެ ހަޔާތުގައި ކުރެވުނު ރަނގަޅުކަމަކީ މިއީ، ލިވީދެކެ ލޯބިވެވުން، ދެވަނަކަމަކީ މިއަދު އަހަރެން ލިވީއާ ކައިވެނިކުރަން ނިންމުން، އައި ލަވް ޔޫ ލިވީ" އަރަޝް މިހެން ބުނެ އަހަރެންގެ ގައިގާ ދެވަނަ ފަހަރަށް ބައްދާލިއެވެ.
* * * * *
ފާއިތުވަމުން ދިޔަ ދުވަސްތަކުގައި އަހަރެމެންގެ ގުޅުމުގެ ވާހަކަ ޢާއިލާއަށް އަންގާނޭ ގޮތަކާމެދު މަޝްވަރާ ކުރީމެވެ. އަރަޝްގެ ޢާއިލާއަށް އޭނާއަކީ ބަލިމީހެއްކަން އެނގެއެވެ. ހުރިހާކަމެއް ފަޅާއެރީ އޭނާ ޢާއިލާގެ ކައިރިޔަށް ގޮސް ހުއްޓާވީމައެވެ. އޭނާ ސިންގަޕޫރު ދޫކޮށް އޮސްޓްރޭލިއާއަށް ބަދަލުވީ މާޙައުލު ބަދަލުކޮށްލަން ކޮންމެހެން ވެސް ބޭނުންވެގެންނެވެ. އޭނާގެ ބޭބެއާއި އަންހެނުން ދިރިއުޅެނީ އޮސްޓްރޭލިއާގައެވެ. އަހަރެން ގޮވައިގެން އަރަޝް އުޅޭ ކޮންޑޯއަށް އައި ދުވަހު ދިމާވީ ބޭބެގެ އަންހެނުންނާކަން އަރަޝް ކިޔާދިނެވެ. ޢާއިލާގެ އެކިމީހުން އޭނާއާމެދު ދެކެނީ އެކިގޮތަށްކަން އަހަރެންނަށް ކިޔާދިނެވެ. ބައެއް މީހުން އޭނާއާ ގުޅުން ކަނޑާލިއިރު އަނެއްބަޔަކު އޭނާއާމެދު ހަމްދަރުދީވިއެވެ. އެ މާޙައުލުގައި ކެތްކޮށްލަން އަރަޝްއަށް ދަތިވީއެވެ. އޭނާ ކައިވެނިކޮށްފިނަމަ މަންމަ ސުވާލުކުރާނެކަން ޔަގީންވާކަން ބުންޏެވެ. އެހެން މީހަކާ ޚިއްޞާ ނުކިރިނަމަވެސް މަންމައަށް އަހަރެމެންގެ ހަޤީޤަތް ކިޔައިދޭން އަރަޝް ބޭނުންވެއެވެ. އަހަރެން އެކަމާ ދެކޮޅެއް ނުހަދަމެވެ. އެކަމަކު އަހަރެންގެ މައިންބަފައިންނަށް ދުވަހަކުވެސް ހަޤީޤަތް އެނގޭކަށް އަހަރެން ނޭދެމެވެ. އަރަޝް ލައްވާ އެކަން އެގޮތަށް ސިއްރުކޮށްދިނުމަށް ވަޢުދު ކުރުވީމެވެ. އެ ނިންމުމަކީ ރަނގަޅު ނިންމުމެއްކަމެއް ނުވަތަ ނޫންކަމެއް ވެސް ނޭނގެއެވެ. އެހެންވިޔަސް އަހަރެންގެ އެ ނިންމުން ބަދަލުކުރާކަށް ބޭނުމެއްނޫނެވެ. އަހަރެމެން އެކަކުއަނެކަކުގެ ޢާއިލާއާ ބައްދަލުވުމުގެ ކުރީން އަރަޝް އަމިއްލައަށް އަހަރެމެން ފަށަން އުޅޭ އާ ހަޔާތަށް ތައްޔާރީތަށް ވާން ފެށިއެވެ. އެގޮތުން އޭނާގެ ބޭބެގެ އެހީގައި އޮސްޓްރޭލިއާގެ ރަށްވެއްސަކަށް އޭނާ ބަދަލުވިއެވެ. އަހަރެމެން ދިރިއުޅުން ވޭތިކުރާން ގަސްތުކުރި މަންޒިލަކީ އެއީވީމައެވެ. އަދި އެ ކޮޅުން އޭނާ ހިތްހަމަޖެހޭ ހިސާބަކުން ގެއެއް ވެސް ވަނީ ގަނެފައެވެ.
ކޯސް ނިންމާފައި އަހަރެންނާއި ދީނާ މާލެ އައިއިރު އަރަޝް ވެސް އައެވެ. އަހަރެންގެ ޢާއިލާއަށް އަރަޝް ތަޢާރަފްކޮށްދިނީ އެހިސާބުންނެވެ. އަހަރެންގެ މައިންބަފައިންގެ ރުހުން އަރަޝް ހޯދިއެވެ. އަހަރެމެންގެ އުމުރުގެ ފަރަގަކަށް ސަމާލުކަންދޭ ވަރަށްވުރެ އެމީހުންނަށް އަރަޝް ފެނުނީ ހަރުދަނާ ޒުވާނެއްގެ ގޮތުގައެވެ. ރަނގަޅު ތަނަވަސް ޢާއިލާއަކަށް ނިސްބަތްވާ މޮޅަށް ކިޔަވައިގެން ހުރި ޒުވާނަކަށްވީމައެވެ. އަހަރެންގެ މައިންބަފައިންނާ ބައްދަލެ ހުރިހާކަމެއް ހަމަޖެހުމުން އޭނާގެ މަންމަގެ ގާތަށް ފުރައިގެން ދިޔައީ ކައިވެނި ކުރަން އުޅޭ ޚަބަރު ދޭށެވެ. އަދި މަންމައަށް އަހަރެން ތަޢާރަފްކޮށްދިނުމަށް އެކޮޅުގައި ހުރެ ވީޑިއޯކޯލް ކުރިއެވެ.
އަހަރެންގެ މައިންބަފައިން އެންމެ ހިތާމަކުރީ ރާއްޖޭން ބޭރުގައި އަހަރެމެން ދިރިއުޅޭން ނިންމީމައެވެ. އެހެންވިޔަސް އެ ނިންމުމަކީ އެމީހުންނަށް އަހަރެމެންގެ ހަޤީޤަތް ސިއްރުކުރާން ބޭނުންވާތީ ނިންމި ނިންމުމެކެވެ. މައިންބަފައިންނަށް އެވަރުގެ ހިތްދަތިކަމެއް ދޭން ބޭނުންނުވާތީ އެވެ. އަނެއްކޮޅުން ޢާއިލާއާ އޮތް ގުޅުން ކިލަނބުވާން ނޭދޭތީއެވެ. އަހަރެންގެ ކައިވެނި އަރަޝްއާ ކުރެވުނީ ނިކަން ކުލަގަދަކޮށް މާލޭގައެވެ. އެއަށްފަހު އަހަރެމެން ފުރައިގެން ފުރަތަމަ ދިޔައީ ސިންގަޕޫރަށެވެ. އަރަޝްގެ މަންމައާއި އެ ޢާއިލާއިން އަރަޝްއާ ގާތްކަން ބާއްވާ އެންމެންނާ ބައްދަލުކުރުމަށެވެ. އޮސްޓްރޭލިއާއަށް އަހަރެމެން އެނބުރި އައީ އޭގެ ފަހުގައެވެ.
* * * * *
އަހަރެމެންގެ ކައިވެންޏަށް މިހާރު ފަސް އަހަރު ފުރިއްޖެއެވެ. ދިރިއުޅުންވަނީ އެއް ހިސާބެއްގައި މަޑުޖެހިފައެވެ. ކައިވެނި ކުރެވުނަސް އެ ކައިވެނީގައި ހުސްކަމެއްވާކަން އަހަރެންނާއި އަރަޝްއަށް ވެސް އެނގެއެވެ. އަހަރެމެންނަށް އެކަން އިޙްސާސް ވެސް ކުރެވެއެވެ. ފުރަތަމަ ދެ އަހަރު އެ އުނިކަން ދެމެދުގައިވީ ލޯބިން ފުރައިދިނެވެ. ނަމަވެސް އަހަރެމެން އިންސާނުންނަށް ވީތީ ލިބިފައިވާ ނަސީބަށްވުރެ ނުފުދި ހުރި ކަންކަމާމެދު ވިސްނާ ފިކުރު ކުރުމަކީ ޠަބީޢީކަމެކެވެ. ބައެއް ރޭ ރޭ އެ ހުސްކަން އައިސް އަހަރެން ވަށާލައެވެ. ދުވަހަކުވެސް ލިބުމެއްނުވާ އުފަލަކަށް އެދެވި ޝަކުވާގެ ކަރުނައިން އަރަޝްގެ މޭ ތެތްމާލެވެއެވެ. އޭނާ ނުހަނު ކެތްތެރިއެވެ. ދެމީހުންވެސް އައީ ބައްޔަށް ފަރުވާ ހޯދަމުން ކަމަށް ވިޔަސް އަހަރެންގެ ހާލު ގޯސްވާންފެށިއެވެ. އަހަރެންގެ ފިކުރުތައް ގިނަވީއެވެ. ދެރަވެހިތާމަކުރެވެނީއެވެ. ގެއިން ބޭރަށް ނުކުމެއްޖެނަމަ އަހަރެންނަށް ފެންނަނީ ޢާއިލާތަކެވެ. ދަރީންނާ ލޯބިކޮށް އުޅޭ މައިންބަފައިންނެވެ. އަހަރެންގެ އެ ނިކަމެތިކަމުން ފައިދާ ނަގަން ފައިވިއްދާލާފައި ހުރި ބަލިމަޑުކަމަށް ކާމިޔާބު ލިބުނީ އެހެންވެއެވެ. އެ ހާލަތުން އަހަރެންނަށް އަރައިގަންނަން މަޖުބޫރުވީ އަރަޝްގެ ހިތްދަތިކަން ފެނިފައެވެ. އަހަރެން ވަކިވެ ހިނގައިދާނޭތީ އޭނާ ރޯ ރުއިން ފެނިފައެވެ. ދަރިއަކު އެޑޮޕްޓް ކުރުމުގެ ޚިޔާލު އަރަޝް އަހަރެންނާ ޚިއްޞާކުރީ ދެނެވެ. އަހަރެން ވަރަށް ވިސްނީމެވެ. އެކުއްޖާއަކީ އަހަރެންނާއި އަރަޝްގެ ދަރިއަކަށް ދުވަހަކުވެސް ނުވާނެއެވެ. އަހަރެން ބޭނުންވެގެން މިއުޅެނީ އަހަރެންނާއި އަރަޝްގެ ދަރިއެކެވެ. މާބަނޑުވުމުގެ އިޙްސާސްތަކީ ކޮންކަހަލަ އިޙްސާސެއްކަމެއް އެ ނަސީބު ލިބިފައިނުވާ މީހަކަށް ތަސައްވުރު ކުރެވުމަކީ ވާނޭކަމެއްނޫނެވެ. އެ ހިތްގައިމު ތަޖްރިބާ އަހަރެން ވެސް ކުރަން ބޭނުމެވެ. އެކަމަކު އަހަރެން މިވަނީ އެ ނިޢުމަތުން މަހޫރުމުވެފައެވެ. ވަރަށް ބޮޑަށް ވިސްނުމަށްފަހު އެ ހިތާމަތަކުން އަރައިގަތުމަށް އަހަރެން ނިންމުމެއް ނިންމީމެވެ.
އޮޕަރޭޝަނެއް ކުރެވޭހާ އަހަރެންގެ ހާލު ރަނގަޅުވުމުން ރަހިމުގެ އޮޕަރޭޝަން ކުރީ މިދުނިޔެއަށް ބަލިކުއްޖަކު އުފަންވުމުގެ ހިރާސް ކުޑަކުރުމުގެ ގޮތުންނެވެ. އަދި ދަރިއަކު ލިބުމަށް ގަސްދަކާނުލާ ވިޔަސް އަހަރެންނަށް ކުރެވޭ އުންމީދަށް ނިމުމެއް ގެނައުމަށް ޓަކައެވެ. އަހަރެންނަށް ޓަކައި އަރަޝް އެގޮތަށް އެއްބަސްވިއެވެ. ވާންޖެހުނު ގުރުބާނީގެ އަގު ބޮޑުކަމުގައި ވިޔަސް އެނޫންގޮތެއް ނެތެވެ. އެ ދުވަހު އަހަންނަށްވުރެ ބޮޑަށް ދެރަވެގެން ރުއީ އަރަޝް އެވެ. އަހަރެމެން އެކަކުއަނެކަކުގެ ހިތްފުރެންދެން ލޯބި ދިންކަމުގައި ވިޔަސް އަރަޝްގެ ފަރާތުން އަހަރެންގެ ހަޔާތް އަނދިރިވެގެން ދިޔަކަން ދުވަހަކުވެސް އަރަޝް ހަނދާންނައްތާލަން ބޭނުން ނުވާކަހަލައެވެ. އެހެންނަމަވެސް އޭނާ ދިރިހުންނަން ގަދައަޅާ މަސައްކަތްކުރަނީ އަހަންނަށްޓަކައެވެ. އަދި އަހަރެން ކަށިންހިތްވަރު ނެރެމުންދިޔައީ އަރަޝްއަށްޓަކައެވެ. ފިރިއެއްގެ ގޮތުގައި ހުރެ އަހަރެންގެ ހުވަފެންތަ ހަޤީޤަތަކަށް ހަދައިނުދެވުނީތީ އަހަރެންގެ ގާތުން އަރަޝް މަޢާފަށް އެދުނެވެ.
އަހަންނަށް އަރަޝް ފެނުނު ފުރަތަމަ ދުވަހުންފެށިގެން އޭނާއަށް އަހަރެންގެ ހިތް ދީފީމެވެ. މުޅި އުމުރަށް އަދު ރޯން ޖެހުނުކަމުގައި ވިޔަސް އަހަންނަށް އަރަޝްގެ ލޯބި ލިބިއްޖެއެވެ. ދުނިޔެއަށް އަހަރެމެންނަކީ ތަނަވަސް އުފާވެރި ދިރިއުޅުމެއްގައި އުޅޭ ނިކަން ލޯބި ދެމަފިރިންނެވެ. އެކަމަކު އަހަރެމެންގެ ދިރިއުޅުމުގައި އެހެން މީހުން ހީކުރާފަދަ އުފާވެރިކަމެއް ނެތެވެ. ކުރި އުންމީދުތަކާއި ދުށް ހުވަފެންތަ ކުލަނުވިނަމަވެސް ދުނިޔޭގައި ހުރި ކޮންމެ ދުވަހަކު ކުރިޔަށް ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅާން އަރަޝްގެ ލޯބި ހިތްވަރެއްކަމުގައި ފުދުނެވެ. ދުވަހަކުވެސް އަހަރެންނާ ވަކިނުވާނޭ އެންމެ ގާތް ބައިވެރިޔާއަށް އެ ލޯބި ވެއްޖެއެވެ. ދެމީހުންނަކީ މަދު ދުވަސްކޮޅެއްގެ މެހެމާނުންނަށް ވިޔަސް ފަހުނޭވާދޫކޮށްލަން އެދެނީ އެކަކު އަނެކަކުގެ އަތުތެރޭގައެވެ. ހިތްދަތިކަމުގައި އަދު ރޯލާފައި ހާލަތަށް ރުހި ކެތްތެރިކަމުގައި ހީނލާނީ ވެސް އެކީގައި ތިބެއެވެ. އެހެންނަމަވެސް ދުނިޔެ ތިބާއަށް ދަސްކޮށްދޭ ފިލާވަޅުތަކުން އިބްރަތްލިބިގަންނަން ޖެހެއެވެ. ލޯބިވާންވީ ވެސް ވަކި އިމެއްގެ ތެރެއިންނެވެ. އަދި ލޯތްބަކީ ނުބައި ކޮންމެ ޢަމަލަކަށް މަގުފަހިކޮށްދޭ އިޙްސާސެއްކަމުގައި ނަންކުރުން ހުއްޓާލަން ވެއްޖެއެވެ.
(ނިމުނީ)