ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްއަށް ދިގު މުއްދަތަށް ހިދުމަތްކުރި މުވައްޒަފުންގެ އަގު ވަޒަންކޮށްފި

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑްތަކެއް ދީފި އެވެ.

މިކަމަށްޓަކައި ރޭ ބޭއްވި ހާއްސަ ހަފްލާއެއްގައި އެވޯޑް ދީފައިވަނީ ބޭންކަށް 15 ،20 ،25، 30، 35 އަދި 40 އަހަރު ހިދުމަތްކޮށްފައިވާ 64 މުވައްޒަފަކަށެވެ.

މީގެތެރޭގައި 40 އަހަރުގެ ދިގު މުއްދަތެއްގައި ބީއެމްއެލްއަށް ހިދުމަތްކޮށްފައިވާތީ ހެޑް އޮފް އިންޓާނަލް އޮޑިޓް ފާތިމަތު ރަޝީދާ ވެސް ހިމެނެ އެވެ. މީގެ އިތުރުން 35 އަހަރުގެ ދިގު މުއްދަތެއްގައި ހިދުމަތްކޮށްފައިވާތީ ހެޑް އޮފް ބްރާންޗަސް އެންޑް ސާވިސް ސެންޓާސް ހުސައިން ރަޝީދު، އޮޑިޓް މެނޭޖަ އައިމިނަތު ހަސަން އަދި ޑެޕިއުޓީ ސީނިއަ އޮފިސަ އައިމިނަތު ނަސީރު ވެސް އެވޯޑް ލިބުނު ބޭފުޅުންގެ ތެރޭގައި ހިމެނެ އެވެ.

މިހަފްލާގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ބީއެމްއެލްގެ މުވައްޒަފުންނަކީ އެތަނުގެ ކާމިޔާބީގެ މުހިއްމު ބައިވެރިން ކަމަށެވެ.

"އެހެންކަމުން ފާއިތުވި އަހަރުތަކުގައި ހިވާގިކަމާއެކު ތިޔަކޮށްދެއްވި ބުރަ މަސައްކަތަށް ތިޔަ ކޮންމެ މުވައްޒަފަކަށްވެސް އަޅުގަނޑު ވަކިވަކިން ޝުކުރުއަދާކުރަން. މިރޭ އެކަން ފާހަގަކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް" ކާލް ވިދާޅުވި އެވެ.

ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތު ދީފައިވާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ.

ބޭންކުގެ ސްޓްރެޓަޖީގައި އިސްކަންދޭ ކަންކަމާ އެއްގޮތްވާގޮތުގެ މަތިން އެކުލަވާލާފައިވާ ބޭންކުގެ އެޗްއާރް ޕޮލިސީތަކަކީ ވަޒީފާ ދިނުމާއި ތަމްރީން ދިނުމާއި މުވައްޒަފުންގެ އަގުވަޒަންކުރުން އެންމެ މަތީ ފެންވަރުގައި ހިންގުމަށް ބާރުއަޅާ ސިޔާސަތުތަކެކެވެ.

ބީއެމްއެލްގެ ލޯންގް ސާވިސް އެވޯޑަކީ ބޭންކުގެ މުވައްޒަފުންގެ އަގުވަޒަންކުރުމަށް ބޭންކުން ހިންގާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެކެވެ. މިއަހަރުގެ އޯގަސްޓް މަހު ބޭންކުން ވަނީ ވަޒީފާއަދާކުރުމުގައި އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކުގެ އިހްލާސްތެރި ހިދުމަތްތައް ފާހަގަކުރުމަށް ބޭންކުން ކޮންމެ އަހަރަކު ކުރިއަށްގެންދާ ސްޓާފް އެވޯޑްވެސް ބާއްވާފަ އެވެ.