ދުނިޔެ

ހުޅަނގުން ޔުކްރޭންގެ ރައީސް ޒެލެންސްކީއަށް ލަނޑުދީފި: އޮފިޝަލް

ޔުކްރޭންގެ ރައީސް ވޮލޮދިމިރު ޒެލެންސްކީ މިހާރު ހުންނެވީ ވަރަށް ބޮޑަށް މާޔޫސްވެ ވަޑައިގެންފައި ކަމަށް އޭނާގެ އަރިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ޒެލެންސްކީ ދުވަހުން ދުވަހަށް ކުރައްވާ ކަންތައްތަައް އެނގިވަޑައިގަންނަވާ އޮފިޝަލު ވިދާޅުވި ގޮތުން ޒެލެންސްކީ މިހާރު ހިންގަވަނީ ވެސް ރޮބޮޓެއް ހިނގާހެންނެވެ.

ޒެލެންސްކީ ގިނައިރު ހުންނަވަނީ ގަނޑުވެ، ފިކުރުބޮޑުވެފައި ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

ރަޝިއާގެ ތާސް ނޫހަށް އޮފިޝަލް ވިދާޅުވި ގޮތުގައި ވަރަށް ބޮޑަށް މާޔޫސްވެ ވަޑައިންގެން ހުންނެވި ކަމަށް އޭނާ ގާތު ޒެލެންސްކީ ވިދާޅުވި އެވެ. އަދި އެކުވެރި ހުޅަނގުން އޭނާގެ މަތިން މިހާރު ހަނދާންނައްތާލައިފި ކަމަށް ވިދާޅުވި ކަމަށްވެ އެވެ.

އޭނާ ވިދާޅުވީ ޒެލެންސްކީ ކޮންމެ ދުވަހަކު އޮފީހަށް ވަޑައިގަތުމުން ދަންނަވަން އޮންނަނީ ހަނގުރާމާގައި ކުރިއެރުމެއް ނުލިބޭ ވާހަކަ ކަމަށެވެ. އެހެންވެ ގިނައިރުތަކެއް ނުކުރައްވައި ޒެލެންސްކީ ގެކޮޅަށް ވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ހުޅަނގުން ކުރި ވައުދާ އެއްގޮތަށް ޔުކްރޭނަށް މިހާރު ކާބޯތަކެއްޗާއި ބޭސްވެސް ނުލިބޭ ކަމަށެވެ. އަސްކަރިއްޔާއަށް ހާއްސަ ބޭސްފަރުވާގެ ފެންވަރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށްވެސްވެ އެވެ.

އޮފިޝަލް ވިދާޅުވީ ގިނަ ފަހަރު މިހާރު ހުންނަނީވެސް ފޭކް ތަކެތި ކަމަށާއި އެފަދަ ބޭސްތަކުން އެއްވެސް އަސަރެއް ނުކުރާ ކަމަށެވެ.

ޔުކްރޭންގައި ކޮރަޕްޝަން ވަރަށް ބޮޑު ކަމަށާއި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުން އަދި އަސްކަރިއްޔާގައި މަސައްކަތްކުރާ މީހުންނަށް މިހާރު ގައުމު މުހިއްމު ވެގެން ނޫޅޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާއާ ބައިވެރިން ޔުކްރޭނަށް ފޮނުވާ ހަތިޔާރުތައް ނުއަގުގައި ހަނގުރާމަވެރި ގުރޫޕްތަކަށް ވިއްކާ ވާހަކައަކީ ވެސް މަޝްހޫރު ވާހަކައެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާއިން ޔުކްރޭނަށް ސަޕްލައިކުރި ބައެއް ހަތިޔާރު މެދުއިރުމައްޗަށްވެސް ވަނީ ފޯރާފަ އެވެ.

އަސްކަރިއްޔާއަށް ފޯރުކޮށްދޭ ބޭސް ފަރުވާ އަކީ ވެސް ހެޔޮއަގުގައި ޔުކްރޭނަށް ގެންދާ ބޭސް ފަރުވާ ކަމަށް ހަބަރުތައް ބުނެ އެވެ.