ހަބަރު

ކޯޓުތަކުން އަންނަނީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސްއަޅަމުން: އެމްޑީޕީ

އަދާލަތު ޕާޓީގެ ރައީސް، އިމްރާން އަބްދުﷲ ގެ ޝަރީއަތަށް ފާޑު ވިދާޅުވެގެން އެޕާޓީގެ ނައިބު ރައީސް، ލޯޔަރު އަލީ ޒާހިރު އަދި ލޯޔާރު މައުމޫން ހަމީދު ކޯޓަށް ހާޒިރުކުރުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރުން ދިން އިންޒާރެއް ކަމަށް އެމްޑީޕީން ބުނެފި އެވެ.

އަލީ ޒާހިރު އާއި މައުމޫން ހަމީދު ކޯޓަށް ހާޒިރުކުރުމާ މެދު ކަންބޮޑުވުން ފާޅުކޮށް މިއަދު އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، އެއިން އެއްވެސް ބޭފުޅެއްގެ ޖިނާއީ މައްސަލައެއް ހުށަހެޅުމަކާއިނުލައި، ކްރިމިނަލް ކޯޓުގެ އިސްނެގުމަކަށް ދެ ބޭފުޅުން ކްރިމިނަލް ކޯޓަށް ހާޒިރު ކުރިކުރި ކުރުން އެޕާޓީން ކުށްވެރިކުރާ ކަމަށެވެ.

ދައުލަތުގެ މުއައްސަސާތަކަށާއި ކޯޓުތަކުން ނިންމާ ނިންމުންތަކަށް ފާޑުކިޔުމަކީ މިނިވަން ޑިމޮކްރެޓިކް މުޖުތަމައެއްގައި ކޮންމެ ރައްޔިތަކަށް ލިބިގެންވާ އަސާސީ ހައްގެއް ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ. ވަކިން ހާއްސަކޮށް ކޯޓުތަކާއި ކޯޓުތަކުގެ ނިންމުންތަކާމެދު ހިޔާލު ފާޅުކޮށް ވާހަކަ ދެއްކުމަކީ ވަކީލުން ކުރާ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.

"ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާއި ބެހޭގޮތުން އދ. އިން ކަނޑައަޅާފައިވާ ސްޕެޝަލް ރެޕެޓުއަރ ގެބްރިއެލާ ކްނައުލް، ރާއްޖެއާމެދު ނެރުއްވި ރިޕޯޓްގައިވެސް މިކަން ފާހަގަކުރައްވާފައިވެއެވެ. ޑިމޮކްރެޓިކް މުޖުތަމައެއްގައިި ކޯޓުތަކުން ކުރާ ހުކުމްތަކަށް ފާޑުކިޔައިހެދުމުގެ މިނިވަންކަން އޮންނަގޮތުގެ މަފުހޫމް ރާއްޖޭގެ ކޯޓުތަކުން ދެނެގަތުމަކީ ރާއްޖޭގެ ޑިމޮކްރަސީއާއި ރައްޔިތުންގެ ހައްގު ދިފާއުކުރުމަށްޓަކައި ކޮންމެހެން މުހިންމުކަމެއް ކަމުގައި ދެކެމެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.

އިއްޔެ މެންދުރުފަހު ވަކިވަކިން އެ ދެބޭފުޅުން، ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވަނީ ކޯޓުގެ ބޭނުމަކަކަށް ކަމަށް ބުނެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މައުމޫން ކޯޓަށް ހާޒިރުކޮށް ނަސޭހަތް ދީފައިވަނީ ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. މައުމޫން ވަނީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ 12 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރުމުން އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މައުމޫން ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ، އިމްރާންގެ މައްޗަށް ކުރި ހުކުމަކީ ގާނޫނަށް ކުރި މަލާމާތެއް ކަމަށެވެ. އަދާލަތު ޕާޓީގެ ނައިބު ރައީސް އަދި އިމްރާންގެ ގާނޫނީ ވަކީލް އަލީ ޒާހިރު ވެސް ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފަ އެވެ. އޭނާ ވެސް ކޯޓަށް ހާޒިރުކޮށްފައިވަނީ އިމްރާންގެ ހުކުމަށް ފާޑު ވިދާޅުވުމުންނެވެ.