އިޒްރޭލް

އިޒްރޭލާ ދެކޮޅަށް ޔަމަން އިން ހަނގުރާމަ އިއުލާންކޮށްފި

ޔަމަންގައި ވެރިކަން ކުރަމުން ގެންދާ ހޫތީ ހަނގުރާމަވެރިން އިޒްރޭލާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފި އެވެ.

އިޒްރޭލުން ފަލަސްތީންގެ ޣައްޒާއަށް އެއްގަމު މަގުން އަރައިފިނަމަ ޔަހޫދީ ލަޝްކަރަށް ހަމަލާދޭނެ ކަމުގެ އިންޒާރު ހޫތީ ހަނގުރާމަވެރިން އޮތީ ކުރިންވެސް ދީފަ އެވެ.

ހޫތީ ހަނގުރާމަވެރިންގެ ތަރުޖަމާނު ޔަހްޔާ ސަރީ އާންމުކޮށްފައިވާ ވީޑިއޯ މެސެޖެއް ވަނީ އިޒްރޭލާ ދެކޮޅަށް ރަސްމީކޮށް ހަނގުރާމަ ފަށާފައިވާ ކަމަށް އިއުލާންކޮށްފަ އެެވެ.

ޔަމަންގެ ތެރެއިން މިއަދު ވަނީ އިޒްރޭލަށް މިސައިލެއް ވެސް ފޮނުވާލާފަ އެވެ. ނަމަވެސް އިޒްރޭލުގެ އަސްކަރިއްޔާ އިން މިސައިލް ވައްޓާލާފަ އެވެ.

ޔަހްޔާ ވިދާޅުވި ގޮތުގައި އިޒްރޭލު ސިފައިން ގައްޒާ އިން ފައިބަންދެން ހޫތީން ހުއްޓުމެއްނެތި ހަމަލާދޭނެ އެވެ.

އިޒްރޭލަށް ނުރައްކަލަކަށް ވެފައި އޮތް ލުބްނާންގެ ހިޒުބުﷲ އިން ވެސް ގެންދަނީ ދޭތެރެދޭތެރެ އިޒްރޭލަށް ހަމަލާދެމުންނެވެ.

ފަލަސްތީންގެ މިނިވަންކަމަށްޓަކައި ޖިހާދު ހަމާސް ޖަމާއަތުން މިމަހުގެ ހަތްވަނަ ދުވަހު އިޒްރޭލަށް ދިން ކުއްލި ހަމަލާތަކުގައި ދީފައިވާ ބޮޑެތި ގެއްލުންތަކަށް ބަދަލުހިފުމުގެ ގޮތުން ޔަހޫދީ ހައްދުފަހަނައަޅާފައިވާ ލަޝްކަރުން ދިން ހަމަލާތަކުގައި ފަލަސްތީންގެ 8،000 އަށް ވުރެ ގިނަ މީހުން މަރާލާފައިވާ ރިޕޯޓްތައް ބުނެ އެވެ.