ދުނިޔެ

ޒަހަމުތަކަށް ފަރުވާ ދޭން ފަލަސްތީން މީހުން ރަފާހް ބޯޑަރު ހުރަސްކޮށް މިސްރަށް

ޣައްޒާ ހަނގުރާމާގައި ޒަހަމުވި މީހުންނަށް މިސްރުގެ ހޮސްޕިޓަލުތަކުގައި ފަރުވާދިނުމަށް ރަފާހް ބޯޑަރު ހުރަސްކޮށް އެ ގައުމަށް ގެންދާނެ ކަމަށް މިސްރުން ބުނެފި އެވެ.

ބަލިމީހުން އުފުލާ އުޅަނދުތަކަށް މަގު ތަނަވަސްކޮށްދިނުމަށް މިއަދު -- ބުދަދުވަހު ރަފާހް ބޯޑަރު ހުޅުވާފައި ބަހައްޓާނެ ކަމަށް ރަފާހް ބޯޑަރު ކޮންޓްރޯލް ޑައިރެކްޓަރު ވާއީލް އަބޫ މޫސާ ވިދާޅުވި އެވެ.

މިސްރުގެ ސިނާއީ ގަވަރުނަރު މުހައްމަދު ޝައުޝާ ވެސް ވަނީ ފަލަސްތީން މީހުންނަށް ފަރުވާދިނުމަށް ހޮސްޕިޓަލުތައް ތަނަވަސްކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާ އަދި ވިދާޅުވީ ބޯޑަރު ހުރަސްކޮށް އުޅަނދުތަކަށް މިސްރަށް ވަދެވޭއިރަށް ފަރުވާ ފައްޓަވާނެ ކަމަށެވެ.

އޮކްޓޯބަރު ހަތްވަނަ ދުވަހު ހަމާސްގެ ހަނގުރާމަވެރިން ޔަހޫދީ އާބާދީތަކަށް ހަމަލާދިނުމާ ގުޅިގެން ރަފާހް ބޯޑަރު ހުންނަނީ ބަންދުކޮށްފަ އެވެ. ނަމަވެސް، އިންސާނީ އެހީ ހިފައިގެން ދަތުރުކުރާ އުޅަނދުތަކަށް ރަފާހް ބޯޑަރު މިހާރު ވެސް ހުޅުވައިދެ އެވެ.

މިސްރުން ބުނީ ރަފާހް ބޯޑަރު ބަންދުކުރަން ޖެހުނީ ބޯޑަރު ހުރަސްކޮށް ގައުމުތަކަށް ވަގަށް ވަންނަ ހަނގުރާމަވެރިންގެ އުނދަގުލެއް ޖެހިދާނެތީ ކަމަށެވެ.

ހަނގުރާމަވެރިން ޣައްޒާއަށް ވަންނަން ފުރުސަތުދީފި ނަމަ މިސްރު ވާނީ ޓެރަރިޒަމަށް ތާއީދުކުރާ ގައުމަކަކަށް ކަމަށެވެ.

އަބޫ މޫސާ ވިދާޅުވި ގޮތުން ރަފާހް ބޯޑަރު ހުރަސްކޮށް މިހާތަނަށް 196 ލޮރީ ބަރާކޮށް ކާބޯތަކެއްޗާއި ބޭސްފަރުވާ ޣައްޒާއަށް ވަނީ ވައްދާފަ އެވެ. އެހީގެ ލޮރީތައް މިހާރު ވެސް ތިބީ ތައްޔާރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ތާވަލާ އެއްގޮތަށް ލޮރީތައް ޣައްޒާއަށް ވައްދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔަހޫދީ ފައިޓަރު ޖެޓުތަކުން ޣައްޒާއަށް ދެމުންދިއަ ހަމަލާތަކަށް ފަހު ޔަހޫދީ ސިފައިން މިހާރު ވަނީ އެއްގަމު މަގުން ޣައްޒާއަށް އަރައިގެންފަ އެވެ. ޔަހޫދީންގެ އަމާޒަކީ ހަމާސްގެ ހަނގުރާމަވެރިން ނަމަށް އެންމެ ބޮޑަށް ގެއްލުން ލިބެނީ އާންމުންނަށެވެ.

ޣައްޒާ ހަނގުރާމައަށް 23 ދުވަސް ވެފައި ވާއިރު 10،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އެންމެ ގިނަ މީހުން މަރުވީ ފަލަސްތީނުންނެވެ. އެއީ ގާތްގަނޑަކަށް 8،525 އެވެ. ޔަހޫދީންގެ ތެރެއިން މަރުވީ 1،538 މީހުންނެވެ.