ދުނިޔެ

ޔަހޫދީންނަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ހޫސީން ހުވާކޮށްފި

ޔަމަނުގައި ވަކި ދައުލަތެއް އުފެއްދުމުގެ ދަހިވެތިކަމުގައި -- އީރާންގެ އެހީއާ އެކު ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހޫސީން، ޣައްޒާ ހަނގުރާމައިގެ ތެރެއަށް ރަސްމީކޮށް ވަދެ، ހަމަލާތައް ވަރުގަދަކުރާނެ ކަމަށް ހުވާކޮށްފި އެވެ.

ހޫސީ ހަނގުރާމަވެރިން ތަމްރީންކުރަނީ އީރާންގެ އަމުރަށް ހިޒްބުﷲ ޖަމާއަތުންނެވެ.

ހޫސީންނަށް ހަތިޔާރު ފޯރުކޮށްދެނީ ވެސް އީރާނުންނެވެ. ހޫސީންނަށް ފަންނީ ތަމްރީންދިނުމުގައި ހިޒްބުﷲގެ ދައުރު ވަރަށް ފުޅަޅެވެ.

ޣައްޒާ ހަނގުރާމައިގެ ތެރެއަށް ވަދެގަތުމަށް ޔަހޫދީ އާބާދީތަކަށް އަމާޒުކޮށް ހޫސީން ފުރަތަމަ ފޮނުވާލީ ބެލިސްޓިކް މިސައިލްގެ ފަތިވަރެއް ކަމަށް އެ ޖަމާއަތުން ނެރުނު ބަޔާނެއްގައިވެ އެވެ. އެއަށް ފަހު ބަޑިބޭސް ބަރުކުރި ޑްރޯންތަކެއް ވެސް ޔަހޫދީންނާ ދިމާއާށް ފޮނުވާލި ކަމަށް ވަނީ ބުނެފަ އެވެ.

ޔަހޫދީން ހޭއަރާ ވަރުގެ ހަމަލާތަކެއް ދޭނެ ކަމަށް ހޫސީން ވަނީ ވައުދުވެފަ އެވެ. އެ ނޫން ގޮތެއްގައި ޔަހޫދީންނަށް އޮތީ ޣައްޒާއިން ފައިބައިގެން ދިއުން ކަމަށްވެސް ވަނީ ބުނެފަ އެވެ.

ހޫސީންގެ ހަމަލާތާކާ ބެހޭ ގޮތުން ޔަހޫދީ އަސްކަރިއްޔާއިން ބުނީ، ހޫސީން އެ ބުނާ ކަހަލަ ހަމަލާތަކެއް ޔަހޫދީ އަވަށްތަކަށް އަމާޒުވި ކަމަށެވެ. ނަމަވެސް ޔަހޫދީންގެ މިސައިލް މަތަކުރާ އަޔަން ޑޯމުން އެ ހަމަލާތައް -- ވައިގެ ތެރޭގައި ކުދިކުދިކޮށް ވަޔަށް ބުރުވާލި ކަމަށެވެ.

ޔަހޫދީ އަސްކަރިއްޔާއިން ބޭނުންކުރާ އަޔަން ޑޯމަކީ މިސައިލުތައް ވައިގެ ތެރޭގައި -- ޔަހޫދީ އާބާދީތަކަށް ފޯރުމުގެ ކުރިން ނައްތާލުމަށް ގާބިލު ނިޒާމެކެވެ. ނަމަވެސް ހަނގުރާމަވެރިންގެ މިސައިލްތައް އެކިކޮޅުތަކުން އަމާޒުކޮށްފިނަމަ، އަޔަން ޑޯމަށް ބާރުބޮޑުވެ، ޔަހޫދީ އާބާދީތަކަށް ހަނގުރާމަވެރިންގެ މިސައިލްތައް ފޯރަ އެވެ.

ހޫސީން ބުނާ ގޮތުން އެ ޖަމާއަތަކީ ޔަހޫދީންނާ ދެކޮޅު ބައެކެވެ. ޣައްޒާއަށް އެއްގަމު މަގުން އަރާ ތިބި ޔަހޫދީ ސިފައިން ނުފައިބައިފި ނަމަ، ހޫސީންގެ ހަމަލާތައް އިތުރުވާނެ ކަމަށްވެސް އެ ޖަމާއަތުން ބުނެ އެވެ.

އީރާންގެ އަމުރަށް ހޫސީން ޔަމަނަށް އަރައިގަތީ 2014 ވަނަ އަހަރު އެވެ. އެއަށްފަހު ޔަމަނުން ބޮޑު ބައެއް އެ މީހުން ވަނީ ހިސާރުކޮށްފަ އެވެ.

އަރަބި ކަނޑަށް ހުޅުވިފައި އޮތް ޔަމަނުގެ މި ސަރަހައްދަކީ އީރާންގެ ކަނޑު ބޯޓުފަހަރަށް ކައިރިކުރަން ހެޔޮވަރު ހިސާބެކެވެ.

ހޫސީންނަށް ހަތިޔާރާއި ފައިސާ ރައްދުކުރަނީ އީރާންގެ މަސްބޯޓުތައް ގޮތަށް ބައްޓަންކޮށްފައި ހުންނަ އަސްކަރީ އުޅަނދުތަކުންނެވެ.