ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

މަޖިލިސް އިންތިހާބަށް 61 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް 61 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް މިއަދު އަވަސްއަށް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓް ފޮތުގައި މަޖިލިސް އިންތިހާބު ބޭއްވުމަށް ހިމަނާފައިވާ އަދަދަކީ ކޮމިޝަނުން ހުށަހެޅި އަދަދު ކަމަށެވެ.

ހަބީބް އިތުރަށް ވިދާޅުވީ މިހާރު ބަޖެޓް ކޮށްދީފައިވާ 61 މިލިއަން ރުފިޔާ އަކީ މަޖިލިސް އިންތިހާބު ބޭއްވުމަށް އެކަށީގެންވާ ބަޖެޓެއް ކަމަށެވެ.

އަންހެނުންގެ ކޮމިޓީތަކުގެ ބައިއިލެކްޝަންތަކަށް ވެސް އަންނަ އަހަރުގެ ބަޖެޓްގައި 1.5 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބަވަނީ 87 މެންބަރުން ކަމަށްވީ ނަމަވެސް އަންނަ އަހަރުގެ މާޗް ނުވަތަ އޭޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބުގައި ޖުމްލަ 93 މެންބަރުން ހޮވާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައަޅައި ޝަކުވާއަށް ހުޅުވާލުމުން 65 ޝަކުވާ ކޮމިޝަނަށް ހުށަހަޅާފައިވެ އެވެ. އެހެންވެ އެ ޝަކުވާތަކާ މެދު ގޮތެއް ނިންމުމުގެ މަސައްކަތާއި އިންތިހާބުގެ ތާރީހް ކަނޑައަޅައި އިއުލާން ކުރުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ދަނީ ތައްޔާރުވަމުންނެވެ.