ޕީޕީއެމް

ޕީޕީއެމް ޕީއެންސީ މަޖިލިސް ޕްރައިމަރީ ޖެނުއަރީ 20ގައި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް ޕީއެންސީ ޓިކެޓްގައި ވާދަކުރާ ބޭފުޅުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަންނަ އަހަރުގެ ޖެނުއަރީ 20 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

ޕީޕީއެމް ޕީއެންސީ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕްރައިމަރީގައި ވާދަކުރުމަށް ޝައުގުވެރިވާ ބޭފުޅުންނަށް ކުރިމަތިލުމަށް ހުޅުވާލާނީ ކުރިއަށް އޮތް ޑިސެމްބަރު 20 އިން ޑިސެމްބަރު 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް ޕީއެންސީ އިން ވާދަކުރުމަށް ކެންޑިޑޭޓުން ނެރޭނީ ދެ ޕާޓީ އެކުގައި އެއް ކޯލިޝަނަކުން ކަމަށްވެސް ބަޔާނުގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ތާރީހް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާންކުރުމަށް ހަމަޖައްސާފައިވަނީ މިމަހުގެ ފަސްވަނަ ދުވަހު އެވެ. އީސީ އިން ލަފާކުރާ ގޮތުގައި އިންތިހާބު އޮންނާނީ މާޗް ފަހުކޮޅު ނުވަތަ އޭޕްރީލް ކުރީކޮޅުގަ އެވެ.

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް 93 މެންބަރުން ހޮވާނެ އެވެ މިހާރު ހިނގަމުންދާ މަޖިލީހުގައި ތިއްބަވަނީ 87 މެންބަރުންނެވެ.