ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

ނަރީޝް، ކުޅުދުއްފުށި އުތުރު ދާއިރާއަށް ވާދަނުކުރަން ނިންމަވައިފި

މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް، ކުރިއަށް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކުޅުދުއްފުށި އުތުރު ދާއިރާއަށް ވާދަނުކުރެއްވުމަށް ނިންމަވައިފި އެވެ.

ޕީޕީއެމް ޕީއެންސީ ޓިކެޓްގައި ރާއްޖޭގެ އުތުރުގައިވާ ހަމައެކަނި ސިޓީ -- ކުޅުދުއްފުށި އުތުރު ދާއިރާއަށް ކުރިމަތިލެއްވުމަށް ނިންމަވާ ނަރީޝް އެކަން އިއުލާންކުރީ މިދިޔަ އޮކްޓޫބަރު 23 ވަނަ ދުވަހު އެވެ.

ނަމަވެސް ނަރީޝްގެ ނިންމެވުމަށް ބަދަލު ގެންނަވައި ކުޅުދުއްފުށި އުތުރު ދާއިރާއަށް ވާދަނުކުރެއްވުމަށް މިހާރު ނިންމަވާފައިވާ ކަމަށްވެސް ނަރީޝް މިރޭ ވަނީ އިއުލާންކުރައްވާފަ އެވެ.

ނަރީޝް ވިދާޅުވީ އޭނާގެ ނިންމެވުމަށް ބަދަލު ގެންނެވީ ކުޅުދުއްފުށީގެ ރޫހު އޮތީ ވަރަށް ބޮޑަށް ވަތަނީކޮށް "ރަށުދަރި ރަށަށް" އިންތިހާބުކުރުމުގެ ރޫހުގައިކަން ވަރަށް ބޮޑަށް ފާހަގަމުން ކަމަށެވެ.

"ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންގެ ވިސްނުމާއި ފިކުރަށް އިހްތިރާމް އަޅުގަނޑު ކުރާ ހާލު ރައްޔިތުންގެ މަޖިލީސް ކުޅުދުއްފުށީ އުތުރު މަޖިލީސް ޕްރައިމަރީގައި އަޅުގަނޑު ވާދަނުކުރަން ނިންމި ވާހަކަ ކުޅުދުއްފުށި އުތުރުގެ ލޮބުވެތި ރައްޔިތުން އަރިހުގައި ދަންނަވަމެވެ." ނަރީޝް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިންތިހާބުވެވަޑައިގަތުމާ ގުޅިގެން މޭޔަރުގެ ޒިންމާތައް ވެސް މިވަގުތު އުފުއްލަވަމުން ގެންދަވަނީ ނަރީޝް އެވެ.