ބަޖެޓް 2024

ރަސްމީ ރިޒާވް އަންނަ އަހަރުވެސް ދަށަށް ދާނެ ކަމަށް ލަފާކޮށްފި

ރަސްމީ ރިޒާވް މިއަހަރާ އަޅާބަލާއިރު އަންނަ އަހަރުގެ ނިޔަލަށް ދަށަށް ދާނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އެކުލަވާލި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައިވާ ގޮތުން މިދިޔަ 2022 ވަނަ އަހަރު ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 832.1 މިލިއަން ޑޮލަރެވެ.

އެ މިނިސްޓްރީން ލަފާކުރާ ގޮތުން މިއަހަރުގެ ނިޔަލަށް ރަސްމީ ރިޒާވްގައި ހުންނާނީ 618.4 މިލިއަން ޑޮލަރެވެ.

މިއީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ގުޅިގެން ތެޔޮ އިމްޕޯޓު ކުރުމަށް ކުރަން ޖެހޭ ހޭދަ އިތުރުވެފައިވާތީ ރިޒާވަށް ކޮށްފައިވާ ނޭދެވޭ އަސަރުކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.

އެ މިނިސްޓްރީން އަންދާޒާކުރާ ގޮތުން 2024 ވަނަ އަހަރުގެ ނިޔަލަށް ރަސްމީ ރިޒާވްގައި ހުންނާނީ 605.7 މިލިއަން ޑޮލަރެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ ސެޕްޓެމްބަރު މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 592.7 މިލިއަން ޑޮލަރެވެ. އަދި ޔޫޒަބަލް ރިޒާވް -- ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި ސެޕްޓެމްބަރު މަސް ނިމުނުއިރު ހުރީ 126 މިލިއަން ޑޮލަރެވެ.