ހަބަރު

ދަރިވަރުންގެ ފެންވަރު ރިކޯޑްކުރަން އޮންލައިން ޕްލެޓްފޯމެއް!

ގްރޭޑް އެކެއް އަދި ދޭއްގެ ދަރިވަރުންގެ ތައުލީމީ ފެންވަރު ދުވަހުން ދުވަހަށް ރިކޯޑުކުރުމަށް އޮންލައިން ޕްލެޓްފޯމެއް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ތައާރަފްކޮށްފި އެވެ. އެ ޕްލެޓް ފޯމަކީ ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޓީޗަރުން މީގެ ފަހުން ބޭނުންކުރަން ޖެހޭ ޕްލެޓްފޯމެކެވެ.

ކިޔަވައިދިނުމުގެ ގައުމީ އާ މަންހަޖުގެ ދަށުން އަލަށް އެކުލަވާލި ކީ އެކެއް ދޭއް އަދި ތިނެއް ސްކޫލްތަކަށް ތައާރަފްކުރުމާ އެކު ދަރިވަރުންގެ ތައުލީމީ ފެންވަރު ވަޒަންކުރުމަށް ކުރިން ގެންގުޅުނު ގޮތް ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން ކުރިން ވަކި މާއްދާތަކަށް މާކްސް ދީގެން ގްރޭޑް ކަނޑައެޅުމުގެ ސިޔާސަތެއް އޮތް ނަމަވެސް އެކަން ވަނީ މިހާރު ބަދަލުކޮށްފަ އެވެ. އާ މަންހަޖުގެ ދަށުން ކިޔަވައިދޭންފެށި ތިން ސްޓޭޖުގެ ކުދިންނަށް ވެސް ފެންވަރު ކަނޑައަޅަނީ ނަގާ ބައެއް އެސެސްމަންޓް ޓެސްޓު ތަކާއި ދުވަހުން ދުވަހަށް ކުއްޖާގެ ހުނަރާ ކިޔެވުމަށް އަންނަ ބަދަލު ފާހަގަކޮށްގެންނެވެ.

އަލަށް ތައާރަފްކުރާ އޮންލައިން ޕްލެޓްފޯމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ ޑރ. ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ، އާ ކަރިކިއުލަމްގެ އެންމެ ބޮޑު މަގުސަދަކީ ތައުލީމީ ގާބިލު މުސްލިމް ޝަހުސެއް ބިނާކުރުން ކަމަށެވެ. ގާބިލު ޝަހުސެއް ބިނާ ކުރެވޭނީ ދުވަހުން ދުވަހަށް އެކި ގޮތްގޮތުން ކުދިންނަށް އަންނަ ބަދަލު ފާހަގަކޮށްގެން ކަމަށެވެ.

"ތައުލީމީ ގާބިލު ޝަހުސެއް ބިނާ ނުކުރެވޭނެ، އަހަރު ނޫނީ ޓާމް ނިމިގެން އެ ނަގާ އެންމެ ޓެސްޓަކުން ލިބޭ މާކުހަށް ބަލައިގެނެއް. ކޮންމެ ދުބަހަކު ކޮންމެ އަފުތާއަކު ތައުލީމުގެ އިތުރަށް ކުއްޖާގެ ގާބިލުކަން ވެސް ވަޒަން ކޮށްގެން އެފަދަ ޝަހުސެއް ބިނާކުރެވޭނީ. މި ޕްލެޓްޕޯމްގެ މުހިއްމު ކަމަކީ އެއީ،" ޑރ. ނަޒީރު ވިދާޅުވި އެވެ.

ރާއްޖޭގެ ތައުލީމީ ދާއިރާ އަހަރެއް އަހަރަކަށް ކުރިއަށްދާކަން ފާހަގަކުރައްވައި ނަޒީރު ވިދާޅުވީ، ފާއިތުވި ދެ އަހަރު ގެ ތެރޭގައި އޯލެވެލް އިމްތިހާނުގެ ފަސް މާއްދާއިން ފާސްވާ ކުދިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން 2014 ވަނަ އަހަރު ފަސް މާއްދާއިން ފާސްވާ ކުދިންގެ ނިސްބަތް 27 ޕެސެންޓްގައި އޮތުމަށްފަހު 2015 ވަނަ އަހަރު އެ އަދަދު 57 ޕެސެންޓަށް އިތުރުވެފައިވާ ކަމަށެވެ.

" ފަސް މާއްދާއިން ފާސްވާ ކުދިންގެ އަދަދުވެސް އިތުރުވަމުން މި ދަނީ ވަރަށް ބާރު ސްޕީޑެއްގަ. އެހެންވީމަ ތައުލީމަށް ދެވުނު ފުރުސަތު ރާއްޖޭގައި މިވަނީ ވަރަށް ރަނގަޅަށް އަށަގެންފަ. އަޅުގަނޑުމެން އުންމީދު މިކުރަނީ 2017 ނިމޭއިރުގަ ފަސް މާއްދާއިން ފާސްވާ ކުދިންގެ އަދަދު 60 އިންސައްތަ އިތުރު ކުރެވޭނެ ކަމަށް،" ނަޒީރު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އަލަށް ތައާރަފްކުރި ޕްލެޓްފޯމްގެ ސަބަބުން އަހަރު ނިމުމުން ރިޕޯޓު ފޮތް ތައްޔާރުކުރަން ޓީޗަރުން ކުރަންޖެހޭ މަސައްކަތް ވަރަށް ބޮޑަށް ލުއިވެގެންދާނެ ކަމަށެވެ.