ފިނިޕޭޖް

"ގުޑް ބާގާ 2" ނެރެނީ ނޮވެމްބަރު 22 ގައި

ކީނަން ތޮމްޕްސަން އާއި ކެލް މިޗެލް އަނެއްކާވެސް އެކުވެ، ދަހިވެތި ވިޔަފާރިވެރިން ކިބައިން ގުޑް ބާގާ ސަލާމަތްކުރަން ތައްޔާރުވަނީ އެވެ.

ނިކަލޯޑިއަން އާއި ޕެރެމައުންޓް އިން 1997 ގައި ނެރުނު ކާމިޔާބު "ގުޑް ބާގާ" ފިލްމްގެ ސިކުއެލް މި ނެރެނީ 26 އަހަރަށް ފަހު އެވެ.

މި ފިލްމުގެ ޓީޒާ ޓްރޭލާ އޮގަސްޓްގައި އަދި ފުލް ޓްރޭލާ އޮކްޓޯބަރު 30ގައި ރިލީޒްކޮށްފައިވާއިރު، މި ފިލްމު ޕެރެމައުންޓް ޕްލަސް އިން އާންމުންނަށް ރިލީޒްކުރަނީ މި މަހުގެ 22 ގައެވެ.

ޓްރޭލާ އިން ފެންނަނީ ކީނަން އާއި ކެލްގެ ކެރެކްޓާތައް ގުޑް ބާގާގެ ކޯޕަރޭޓް އޮފީހަށް ދާތަނުން ވަރަށް ނުލަފާ ދެ މީހުންނާ ދިމާވާ ތަނެވެ. އެމީހުންގެ ރޭވުމަކީ ކުންފުނި މުޅި ދުނިޔެ އަށް ފުޅާކޮށް، މުވައްޒަފުންތައް ވަކިކޮށް، އޭގެ ބަދަލުގައި އެމީހުންގެ ސިފައިގައި ތިބި ރޮބަޓްތަކެއް ބެހެއްޓުމެވެ. ދެން ދިމާވާ ހާޖާނު ކަންތައްތައް ފިލްމުން ބަލާލާށެވެ.

"ގުޑް ބާގާ" އަކީ ނިކަލޯޑިއަންގެ ކޮމެޑީ ސްކެޗް ޝޯއެއް ކަމުގައިވާ "އޯލް ދެޓް" އަށް ބިނާކޮށްފައިވާ ފިލްމެކެވެ. އަށް މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި މި ފިލްމު ވަނީ ބޮކްސްއޮފީހުގައި 23.7 މިލިއަން ޑޮލަރު ހޯދާފަ އެވެ.