ފިނިޕޭޖް

"އިންޑިއާނާ ޖޯންސް: ދަ ޑަޔަލް އޮފް ޑެސްޓިނީ" އަންނަ މަހު ސްޓްރީމްކުރަނީ

އުމުރުން 80 އަހަރުގެ ހެރިސަން ފޯޑްގެ ކާމިޔާބު ފިލްމު "އިންޑިއާނާ ޖޯންސް" ފްރެންޗައިޒްގެ އެންމެ ފަހުގެ ފިލްމް "އިންޑިއާނާ ޖޯންސް އެންޑް ދަ ޑައަލް އޮފް ޑެސްޓިނީ" އަންނަ މަހުގެ އެއްވަނަ ދުވަހު ޑިޒްނީ ޕްލަސް އިން ސްޓްރީމް ކުރަން ތައްޔާރުވެއްޖެ އެވެ.

މި ފިލްމު ސްޓްރީމް ކުރަން އަދި ކިރިޔާ ތައްޔާރުވި ނަމަވެސް މިދިޔަ ޖޫން 30 ވަނަ ދުވަހު މި ފިލްމު ވަނީ ރިލީޒްކޮށްފަ އެވެ.

މި ފްރެންޗައިޒްގެ އެހެން ފިލްމްތަކެކޭ އެއްފަދައިން "އިންޑިއާނާ ޖޯންސް އެންޑް ދަ ޑައަލް އޮފް ޑެސްޓިނީ" އަކީ މިސްޓްރީ، އެކްޝަން އަދި އެޑްވެންޗާ އިން ފުރިގެންވާ ފިލްމެކެވެ.

ޖޭމްސް މެންގޯލްޑް ޑައިރެކްޓް ކޮށްފައިވާ މި ފިލްމަށް މި ފްރެންޗައިޒްގެ އެހެން ފިލްމްތަކަށް ލިބުނު ވަރުގެ ކާމިޔާބީއެއް ބޮކްސްއޮފީހުގައި ލިބިފައެއް ނުވެ އެވެ.

ގާތްގަނޑަކަށް 300 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި މި ފިލްމަށް ބޮކްސް އޮފީހުގައި ޖުމްލަކޮށް ލިބުނީ 383 މިލިއަން ޑޮލަރެވެ. ފާޑުކިޔާ މީހުން މި ފިލްމު ބެލުމަށްފަހު ހެރިސަންގެ އެކްޓިން އަށް ތައުރީފް ކުރިއިރު، ފިލްމްގެ ޕްލޮޓް އާއި އެކްޝަން ސިކުއެންސްތައް ކުރީ ފިލްމްތަކާ އަޅާބަލާއިރު ތަފާތު ނޫން ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ފީބީ ވޯލާ-ބްރިޖް، މެޑްސް މިކެލްސަން، ތޯމަސް ކްރެޝްމަން، ބޮއިޑް ހޯލްބްރޫކް، ޝޯނެޓް ރިނޭ ވިލްސަން އަދި އެންޓޯނިއޯ ބެންޑޭރާސް ހިމެނެ އެވެ.