މަސްވެރިކަން

58،000 މެޓްރިކް ޓަނުގެ މަސް ބޭރުކޮށްފި

ރާއްޖެއިން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 58،761 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފި އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއިން މަސް އެކްސްޕޯޓްކުރި މިންވަރު ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 7.8 ޕަސަންޓް އިތުރުވެފަ އެވެ.

ރާއްޖެއިން މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކުރީ 54،528 މެޓްރިކް ޓަނުގެ މަހެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއިން މިއަހަރު އެންމެ ގިނައިން އެކްސްޕޯޓްކުރީ ކަޅުބިލަ މަހެވެ.

އެގޮތުން 41،277 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް އެކްސްޕޯޓްކޮށްފައިވާއިރު 5،716 މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެލި އެކްސްޕޯޓްކޮށްފައިވެ އެވެ.

މީގެ އިތުރުން މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި 10،087 މެޓްރިކް ޓަނުގެ މަސް ވަނީ ރާއްޖެއިން ބޭރުކޮށްފަ އެވެ.

މަހުގެ އެކްސްޕޯޓް މަހުން މަހަށް

  • ޖެނުއަރީ - 8،574 މެޓްރިކް ޓަނު
  • ފެބްރުއަރީ - 7،149 މެޓްރިކް ޓަނު
  • މާޗް - 11،975 މެޓްރިކް ޓަނު
  • އެޕްރީލް - 7،383 މެޓްރިކް ޓަނު
  • މޭ - 9،648 މެޓްރިކް ޓަނު
  • ޖޫން - 6،910 މެޓްރިކް ޓަނު
  • ޖުލައި - 3،189 މެޓްރިކް ޓަނު
  • އޮގަސްޓް - 1،848 މެޓްރިކް ޓަނު
  • ސެޕްޓެމްބަރު - 2،083 މެޓްރިކް ޓަނު

އެމްއެމްއޭ އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ބައިނަލްއަގްވާމީ ބާޒާރުގައި ކަޅުބިލަ މަސް ކިލޯއެއްގެ އަގު މިއަހަރުގެ ސެޕްޓެމްބަރު މަހު ހުރީ 27.8 ރުފިޔާއަށެވެ.