މަސްވެރިކަން

މަހުގެ އެކްސްޕޯޓް 16 ޕަސަންޓް އިތުރުވެއްޖެ

ރާއްޖެއިން މަސް އެކްސްޕޯޓުކުރި އަދަދު މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު މިއަހަރުގެ މި މުއްދަތުގައި 16 ޕަސަންޓް އިތުރުވެއްޖެ އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެއިން ވަނީ 57،716 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފަ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއިން އެކްސްޕޯޓްކުރި 49،749 މެޓްރިކް ޓަނުގެ މަހާ އަޅާބަލާއިރު 16 ޕަސަންޓް އިތުރުވުމެކެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއިން މިއަހަރު އެންމެ ގިނައިން އެކްސްޕޯޓްކުރީ ކަޅުބިލަ މަހެވެ.

އެގޮތުން 41،052 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް ވަނީ އެކްސްޕޯޓްކޮށްފަ އެވެ.

މީގެ އިތުރުން 5،334 މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެލި އެކްސްޕޯޓްކޮށްފައިވާއިރު މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި 9،762 މެޓްރިކް ޓަނުގެ މަސް ވަނީ ރާއްޖެއިން ބޭރުކޮށްފަ އެވެ.

އެމްއެމްއޭ އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ބައިނަލްއަގްވާމީ ބާޒާރުގައި މަހުގެ އަގު ވަނީ މިދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރު އުފުލިފަ އެވެ.

ބައިނަލްއަގުވާމީ ބާޒާރުގައި ކަޅުބިލަ މަސް ކިލޯއެއް މިދިޔަ އަހަރުގެ އޮގަސްޓް މަހު 24.7 ރުފިޔާއަށް ހުރި ނަމަވެސް މިއަހަރުގެ އޮގަސްޓްމަހު ބައިނަލްއަގުވާމީ ބާޒާރުގައި ކަޅުބިލަ މަސް ކިލޯއެއް ހުރީ 30.1 ރުފިޔާއަށް ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކަ އެވެ.