މަސްވެރިކަން

މަހުގެ އެކްސްޕޯޓު 9.9 ޕަސަންޓު އިތުރުވެއްޖެ

ރާއްޖެއިން މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި މަސް އެކްސްޕޯޓުކުރި މިންވަރު މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 9.9 ޕަސަންޓު އިތުރުވެއްޖެ އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން އެކްސްޕޯޓުކުރީ 27،683.8 މެޓްރިކް ޓަނު -- 50.7 މިލިއަން ޑޮލަރުގެ މަހެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއިން އެކްސްޕޯޓުކުރީ 25،184.6 މެޓްރިކް ޓަނު -- 46.4 މިލިއަން ޑޮލަރުގެ މަހެވެ.

މަހުގެ ބާވަތްތަކުގެ ތެރެއިން އެންމެ ގިނައިން އެކްސްޕޯޓުކުރީ ކަޅުބިލަ މަހެވެ. 21،302.1 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް މިއަހަރު އެކްސްޕޯޓުކޮށްފައިވާއިރު 3،072.8 މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެލި އެކްސްޕޯޓުކޮށްފައިވެ އެވެ.

މީގެ އިތުރުން މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި ގޮތުގައި 2،561.6 މެޓްރިކް ޓަނުގެ މަސް ވަނީ ބޭރުކޮށްފަ އެވެ.

ބައިނަލްއަގްވާމީ ބާޒާރުގައި މަހުގެ އަގު ވަނީ މިދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރު އުފުލިފަ އެވެ. ބައިނަލްއަގްވާމީ ބާޒާރުގައި މިއަހަރުގެ މާޗް މަހު ކަޅުބިލަ މަސް ކިލޯއެއް ހުރީ 29.3 ރުފިޔާ އަށެވެ. މިދިޔަ އަހަރުގެ މާޗް މަހު އެ އަދަދު ހުރީ 25.4 ރުފިޔާގަ އެވެ.