މަކުނުދޫ

މަކުނުދޫ ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި

ހދ. މަކުނުދޫގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލާފައި އޮތުމަށްފަހު އަލުން އެ މަސައްކަތް ފަށައިފި އެވެ.

މަސައްކަތް މެދުކަނޑާލި ހިއްކަންޖެހޭ ބިމުގެ ގާތްގަނޑަކަށް 20 އިންސައްތަ އޮތީ ހިއްކާފަ އެވެ.

މަކުނުދޫ ކައުންސިލުން މިއަދު ބުނީ އެރަށުގައި ހިނގާދިޔަ ހިތާމަވެރި ހާދިސާއެއްގައި ދެ މީހުން މަރުވި ފަހުން މެދުކެނޑިފައި އޮތް ބިން ހިއްކުމުގެ މަޝްރޫއު މިދިޔަ ހުކުރު ދުވަހު އަލުން ފަށާފައިވާ ކަމަށެވެ.

މަކުނުދޫގައި ބިން ހިއްކުމުގެ މަސައްކަތް މެދުކަނޑާލީ އެރަށު ބަނދަރު ސަރަހައްދުގައި މިދިޔަ މަހުގެ 21 ވަނަ ދުވަހު ގޭސް ސިލިންޑަރެއް ގޮވައި އިންޑިއާ ދެ މީހަކު މަރުވެ ބައެއް ތަކެއްޗަށް ލިބުނު ބޮޑެތި ގެއްލުންތައް ތަހުގީގުކުރުމަށް އެހީތެރިވުމުގެ ގޮތުންނެވެ.

މަރުވި ދެ މީހުންނަކީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތަށް އެރަށަށް ގޮސް ތިބި ދެ މީހުންނެވެ.

ރާއްޖޭގައި އެންމެ ހުޅަނގަށް އަދި މުޅިން އެކަހެރިކޮށް އޮންނަ މަކުނުދޫގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމާއި އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މިއަހަރުގެ ޖޫން 22 ވަނަ ދުވަހު ސަރުކާރުން ހަވާލުކޮށްފައިވަނީ ބިގްފިޝް މޯލްޑިވްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ.

މިމަސައްކަތް 16 މިލިއަން ޑޮލަރަށް ހަވާލުކުރީ 550 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭ ގޮތަށެވެ. ބިގްފިޝްއާ ހަވާލުކުރީ އެއާޕޯޓަށް ބޭނުންވާ 43.12 ހެކްޓަރުގެ ބިން ހިއްކުމަށާއި ހިއްކާ ސަރަހައްދުގައި -- 3،493 މީޓަރުގެ ސަރަހައްދުގައި ރިވެޓްމަންޓް ޖެހުމަށެވެ.