ދިރާގު

ތިންވަނަ ކުއާޓަރުގައި ދިރާގުގެ އާމްދަނީ 653 މިލިއަން ރުފިޔާއަށް

މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 653 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ދިރާގުގެ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުން އެ ކުންފުންޏަށް މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު ހަތަރު ޕަސަންޓް އަދި މިއަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު ދެ ޕަސަންޓް އިތުރުވެފަ އެވެ.

ދިރާގަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބުނީ 640 މިލިއަން ރުފިޔާ އެވެ.

މާލީ ރިޕޯޓް ދައްކާ ގޮތުން މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ދިރާގަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މޮބައިލް ހިދުމަތްތަކުންނެވެ.

އެގޮތުން މޮބައިލް ހިދުމަތްތަކުގެ އާމްދަނީން މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ދިރާގަށް 340.9 މިލިއަން ރުފިޔާ ލިބުނެވެ.

މީގެ އިތުރުން ފިކްސްޑް، ބްރޯޑްބޭންޑް އަދި އެންޓަޕްރައިސް ދާއިރާއިން 293.5 މިލިއަން ރުފިޔާ އަދި އެހެނިހެން ދާއިރާތަކުން 19 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ދިރާގަށް ލިބިފައިވެ އެވެ.

ޓެކުހަށް ކެނޑުމުގެ ކުރިން މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ދިރާގުގެ ފައިދާއަކީ 255 މިލިއަން ރުފިޔާ އެވެ. ޓެކުހަށް ކެނޑުމަށްފަހު ތިންވަނަ ކުއާޓަރުގައި ދިރާގަށް ވަނީ 217 މިލިއަން ރުފިޔާ ފައިދާވެފަ އެވެ.